Roadha Mihaaru
ސައިކަލު ޓެކްސީގެ ޚިދުމަތް ކުރިއަށް ވުރެ ރަނގަޅުވާނެ

ސައިކަލު ޓެކްސީގެ ޚިދުމަތް މިހާރު ރަނގަޅު ވާނެ: ސްކޫ ޓެކްސީ

26 ފެބުރުއަރީ 2017

ސައިކަލު ޓެކްސީގެ ޚިދުމަތް ފެށި އިރަށް ވުރެ ރަނގަޅަށް އެ ޚިދުމަތް މިހާރު ދެމުން އަންނަ ކަމަށް ސްކޫ ޓެކްސީ އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސައިކަލު ޓެކްސީގެ ޚިދުމަތް ފެށި އިރަށް ވުރެ ރަނގަޅަށް އެ ޚިދުމަތް މިހާރު ދެމުން އަންނަ ކަމަށް ސްކޫ ޓެކްސީ އިން މިއަދު ބުނެފި އެވެ.

ސައިކަލު ޓެކްސީގެ ޚިދުމަތް މި ވަގުތު ދެމުން އަންނަ ސްކޫ ޓެކްސީގެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މި ވަގުތު ވިއްސަކަށް ސައިކަލު ޚިދުމަތުގައި ބޭނުން ކުރަމުން އަންނަ ކަމަށެވެ. ޑްރައިވަރުންނަށް ޓްރާންސްޕޯޓް އޮތޯރިޓީން ލައިސަންސް ދޫކުރަމުންދާ ވަރަކަށް ޓެކްސީ ފްލީޓް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް އިތުރަށް ފަސް ވަރަކަށް ޑްރައިވަރުންނަށް ލައިސަންސް ލިބިއްޖެ. ކުރިމަގުގައި ވެސް ލައިސަންސް ލިބޭ މިންވަރަކު ފްލީޓް އިތުރު ވަމުންދާނެ. މިހާރު ވެސް ފާހަގަ ކުރެވޭނެ ކުރިއަށް ވުރެ ގިނަ ސްކޫ ޓެކްސީ ފެންނާނެ މަގުމަތިން ވެސް،" އޮފިޝަލް ވިދާޅުވި އެވެ.

"ހަމަ ގައިމު ވެސް ކޯލް ސެންޓަރު ޖަވާބު ދޭނެ އަބަދުވެސް. ގުޅާލާ ކޮންމެ ވަގުތަކު ޓެކްސީއެއް ނުލިބިދާނެ. މިހާ ގިނަ އިން ކާރު ޓެކްސީ އޮންނަ އިރު ކާރު ވެސް ގިނަ ފަހަރަށް ނުލިބި މި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފްލީޓް އިތުރު ވިޔަސް އެންމެ ފުރިހަމަ އަށް ޚިދުމަތް ފަށައިގެނެވޭނީ މޮބައިލް އެޕް ބޭނުން ކުރަން ފެށުމުންނެވެ. އެކަމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފުރިހަމަ އަށް ޚިދުމަތް ފެށޭނީ އަޅުގަނޑުމެން މޮބައިލް އެޕާއި ޓްރެކިން ޑިވައިސްތައް ލިބުނީމަ. ޓްރެކިން ޑިވައިސްތައް މިހާރު އެބަ ގެނޭ ރާއްޖެ. މޮބައިލް އެޕް ވެސް ލޯންޗްކޮށް ބޭނުންކުރަން ފެށުނީމަ އެންމެ ފުރިހަމަ އަށް ދެވޭނީ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ޑްރައިވަރުންނަށް ސައިކަލު ހޯދައިދޭން އެ ކުންފުނިން މިހާރު ވަނީ ނިންމައިފަ އެވެ. ސައިކަލު ހޯދައި ދިނަސް ޑްރައިވަރުން ދަތުރުކޮށްގެން ލިބޭ ހުރިހާ ފައިސާއެއް ލިބޭނީ ޑްރައިވަރުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ޑްރައިވަރުން ބޭނުމެއް ނުވޭ އެ މީހުންގެ ސައިކަލުތަކުގައި ޓެކްސީ ބޯޑު ހަރުކުރާކަށް. އެހެންވެ އެގޮތަށް އެބަތިބި ވެއިޓިން ލިސްޓުގައި ބައެއް ޑްރައިވަރުން. އެހެންވެގެން މިހާރު އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން އަޅުގަނޑުމެން އަމިއްލަ އަށް ޑްރައިވަރުންނަށް ސައިކަލު ފޯރުކޮށްދޭން. އެކަމަކު އެންމެންނަށް ސައިކަލު ފޯރުކޮށް ނުދެވިދާނެ،" އޭނާ ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން އޮޅުވާލައިގެން ދަތުރުތައް ހޯދަން ގުޅަމުންދާ ކަމަށާއި އެއީ އެންމެ ފުރިހަމަ އަށް ޚިދުމަތް ދޭން އޮތް ހުރަހެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން، އަސްލު ދަތުރު ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ދޭން ކޮންމެވެސް ވަރަކަށް ލަސްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިވެނި ތަނަކަށް އަންނަން ގުޅާފަ ޑްރައިވަރު ދިޔައިމަ ޚަބަރެއް ނުވެގެން އެ ތަނުގައި މަޑުކޮށްގެން މި އިންނަނީ. އޭރުން އެހެން ދަތުރުތަކަށް ވެސް އެބަ ހުރަސް އެޅޭ. އެހެންވެ އެކަހަލަ ދަތިތައް އެބަހުރި އަދިވެސް،" އޭނާ ވިދާޅުވި އެވެ.

ސްކޫ ޓެކްސީގެ އަމާޒަކީ ވީހާ ވެސް ގިނަ ބަޔަކު އެ ޚިދުމަތަށް ނެރެން ކަމަށާއި އެހެންވެ އެއްވެސް ޑްރައިވަރެއްގެ އަތުން މި ވަގުތު ފީއެއް ނުނަގާ ކަމަށް އޭނާ ވިދާޅުވި އެވެ. ޚާއްސަކޮށް ޒުވާނުން އެ ޚިދުމަތަށް ނެރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ވީހާ ވެސް ގިނަ ބަަޔަކު އެކަން ކުރަން ހިތްވަރު ދޭން. އަޅުގަނޑުމެން ކުންފުނީގެ ސީއެސްއާރުގެ ދަށުން ނިންމާފައި އޮތީ މި ޚިދުމަތް އެއްކޮށް ފުޅާކޮޮށް ކުރިއަށް ގެންދެވެންދެން މި ވަގުތު އެއްވެސް ފީއެއް ޑްރައިވަރުން އަތުން ނުނަގަން. އެގޮތުން އަޅުގަނޑުމެން ހުރިހާ ސާވިސްއެއް ޑްރައިވަރުންނަށް މިވަގުތު މިދެނީ ހަމަ ހިލޭ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހު ފެށި ސައިކަލު ޓެކްސީގެ ޚިދުމަތަށް ނަގަނީ ދަތުރަކަށް 10ރ. އެވެ. އެ ޚިދުމަތް ދިނުމުގެ ހުއްދަ އިތުރު ކުންފުންޏަކަށް ވެސް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.