Roadha Mihaaru
ޓެކްސީ ރަޖިސްޓްރީކުރަން ދެން ގަރާޖް ސިޓީ ބޭނުމެއްނުވާނެ

ގަރާޖު ސިޓީގެ ބަދަލުގައި 10،000ރ. އަށް ޓެކްސީ ރަޖިސްޓްރީކޮށްދޭން ފަށައިފި

19 ސެޕްޓެމްބަރ 2023

ޓެކްސީތައް ރަޖިސްޓްރީކުރުމަށް "ގަރާޖު ސިޓީ" ބޭނުން ނުވާ ގޮތް ހަދައި، 10،000ރ. ގެ ފީއަކުން އެ އުޅަނދުތައް ރަޖިސްޓްރީކޮށްދޭ ގޮތަށް ގަވައިދު ބަދަލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓެކްސީތައް ރަޖިސްޓްރީކުރުމަށް "ގަރާޖު ސިޓީ" ބޭނުން ނުވާ ގޮތް ހަދައި، 10،000ރ. ގެ ފީއަކުން އެ އުޅަނދުތައް ރަޖިސްޓްރީކޮށްދޭ ގޮތަށް ގަވައިދު ބަދަލުކޮށްފި އެވެ.

އެ މިނިސްޓްރީގެ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދު" ބުނާގޮތުން، ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދޭނީ އެ ގަރާޖެއްގައި އުޅަނދެއް ބޭއްވުމާ މެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި އެ މީހާގެ އައިޑީކާޑުގެ ކޮޕީ އަދި ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުމެއް ހުށަހެޅުމުންނެވެ.

ނަމަވެސް، އެ ގަވައިދަށް ރޭ ގެނައި ހަތަރު ވަނަ އިސްލާހުގައި ވަނީ ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށް ގެންނަ ހަތަރު ފުރޮޅުލީ އުނޅަދުތަކާއި ޓެކްސީތަކަށް ބޮޑެތި ލުއިތަކެއް ދީފަ އެވެ.

ޓެކްސީ ކުރުމަށް މީގެ ފަހުން ކާރު ރަޖިސްޓްރީކޮށްދޭނީ 10،000ރ. ގެ ފީއެއް ދެއްކުމުންނެވެ. ސިނާއީ މަސައްކަތްތަކަށް ވަގުތީ ގޮތުން ގެންނަ އުޅަނދުތައް ރަޖިސްޓްރީކޮށްދޭނީ، އުޅަނދަކަށް 15،000ރ. ގެ ރޭޓުން ފީ ދެއްކުމުންނެވެ.

ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ މިއަދު ވިދާޅުވީ، ޓެކްސީ ކުރާ އުޅަނދުތައް ރަޖިސްޓްރީކުރުމަށް ގަރާޖު ސިޓީ ބޭނުންނުވާ ގޮތަށް ބަދަލުކުރީ އެއީ ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ.

މި އިސްތިސްނާ ވާނީ ހަމައެކަނި ޓެކްސީ ބޯޑު ޖަހައިގެން ދުއްވާ އުޅަނދުތަކަށް ކަމަށާއި، މޮބައިލް އެޕްތައް މެދުވެރިކޮށް ނަގާ ކާރުތަކަށް މި ލުއެއް ނުލިބޭނެ ކަމަށް ހަމަދު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރުގެ މަތިވެ، ރައްޔިތުންނަށް ދަތުރުފަތުރު ކުރުމަށް އޮންނަ އެއް އޮޕްޝަނަކީ ޓެކްސީ. އެ ސާވިސް އަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ މި ނިންމުމުގެ ސަބަބުން." އޭނާ ވިދާޅުވި އެވެ.

ހަމަދު ވިދާޅުވި ގޮތުގައި ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްގެން ރާއްޖެ ގެންނަ އުޅަނދުތައް ބޭނުންކުރަނީ މަގާއި ބަނދަރާއި ބިން ހިއްކުން އަދި ތަރައްގީގެ އެހެން މަޝްރޫއުތަކަށް ކަމަށެވެ. ތަރައްގީގެ މަޝްރޫއުތައް އިތުރުވާ ވަރަކަށް، އެ އުޅަނދުތައް ވެސް އިތުރުވާ ކަމަށާއި އެކަމަކު އެ އެއްޗެހި ބޭނުންކުރަނީ ޕްރޮޖެކްޓު ސައިޓުގައި ކަމަށް ހަމަދު ވިދާޅުވި އެވެ.