Roadha Mihaaru
ފުއްގިރި މައްސަލަ މިއަދުވެސް ކެންސަލް

ހެކިން ހާޒިރު ނުކުރެވިގެން ފުއްގިރި މައްސަލައިގެ ޝަރީއަތް މިއަދު ކެންސަލް

16 ޖުލައި 2023

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތި ހިފައި މަނީ ލޯންޑާކުރި ކަމުގެ ކުށުގައި މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއް އޮތް ޔާމީންގެ މައްޗަށް، ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ ވެސް އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކުރީ، ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ދައުލަތުން މިއަދަށް ހާޒިރު ކުރަންޖެހޭ ހެކިން ހާޒިރު ނުކުރެވޭތީ އެވެ.

ހެކިބަސް ނެގުމުގެ މަރުހަލާގައި އޮތް މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ އަޑުއެހުން ބޭއްވީ، މި މައްސަލާގައި ދެން ދައުވާކުރާ އަހުމަދު ކްރިކް ރިޒާގެ ދައުވާ ދައުލަތުން އަނބުރާ ގެންދިޔުމުންނެވެ.

ކްރިކްގެ ބަލި ހާލަތާ ގުޅޭ ގޮތުން އެއް މަސް ދުވަހަށް ކޯޓަށް ހާޒިރު ނުވެވޭނެ ކަމަށް ބުނެ ހުށަހަޅާފައިވާ މެޑިކަލް ރިޕޯޓަކާ ގުޅިގެން ވެސް ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖެހުނެވެ. އެހެންވެ، ދައުލަތުން ނިންމީ ކްރިކްގެ ދައުވާ މިވަގުތަށް އަނބުރާ ނަގާށެވެ.

މިހާރު މި މައްސަލަ ކުރިއަށް ގެންދަނީ ކްރިކްގެ ދައުވާ ނުހިމަނައި ޔާމީނާއި ދެން ދައުވާ ލިބޭ ސަންގެ ދެ ކުންފުނި ހާޒިރުކޮށްގެންނެވެ.

އެންމެފަހުން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ހެކިބަސް ނަގާފައިވަނީ މަޖިލިސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ އެވެ. އޭނާއަކީ ފުއްގިރި ކުއްޔަށް ނެގުމުގައި ދުބާއީ ކުންފުނީގެ ރާއްޖޭގެ މަންދޫބެވެ.