Roadha Mihaaru
ފުއްގިރީގެ އޮފާ ލެޓާއަށް ފައިސާ ދެއްކިން: ބޮންޑޭ

ފުއްގިރީގެ އޮފާ ލެޓާއަށް ފައިސާ ދެއްކިން: ބޮންޑޭ

13 ޖުލައި 2023

ކްލެސިކް ސިޓީ ހޯލްޑިންގްސްގެ ފަރާތުން ރ. ފުއްގިރީގެ އޮފާ ލެޓާއަށް ފައިސާ ދައްކަވާފައި ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކްލެސިކް ސިޓީ ހޯލްޑިންގްސްގެ ފަރާތުން ރ. ފުއްގިރީގެ އޮފާ ލެޓާއަށް ފައިސާ ދައްކަވާފައި ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

ކޯޓުގައި މިއަދު އޮތީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަހްމަދު ކްރިކް ރިޒާގެ ފަރާތުން ރިޝްވަތުގެ ގޮތުގައި 1.3 މިލިއަން ޑޮލަރު ގަބޫލުކޮށް އޭގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަން ކުންފުނީގެ ދެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް ބުނެެ އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާގައި ހެކިބަސް ނެގުމެވެ.

އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި މިއަދު އެންމެ ފުރަތަމަ ހެކިބަސް ނެގީ ބޮންޑޭގެ އެވެ. ބޮންޑޭ ވިދާޅުވި ގޮތުގައި، 2015 ވަނަ އަހަރު ތެރޭ ފައިސާ ދެއްކެވީ، އައިބީއާރް މޯލްޑިވްސްގެ ނަމުގައި އޮތް އޭނާގެ އަމިއްލަ ވިޔަފާރިއެއް ކަމަށްވާ އައިބީއާރް މޯލްޑިވްސް އިން ކަމަށެވެ. ބޮންޑޭ ވިދާޅުވި ގޮތުގައި އޭނާ މަސައްކަތްކުރެއްވީ ފުއްގިރި ކުއްޔަށް ހިފި ބޭރުގެ ކުންފުނި، ކްލެސިކް ސިޓީ ހޯލްޑިންގްސްގެ ރާއްޖޭގެ މަންދޫބެއްގެ ގޮތުގަ އެވެ.

އެ ކުންފުނިން ފުއްގިރި ކުއްޔަށް ހިފުމަށް ޝައުގުވެރިވެ އެ މުއާމަލާތް ހިންގުމަށް އެދުމުން، އޮފާ ލެޓާއަށް 150،000 ޑޮލަރު ބޮންޑޭގެ ކުންފުނިން ދެއްކި ކަމަށާއި އެއީ ބޭރުގެ ކުންފުނިން އޭނާއަށް ފޮނުވާފައިވާ ފައިސާ ކަމަށް ވިދާޅުވި އެވެ. ރަށުގެ ޖުމްލަ އަގެއްގެ ގޮތުގައި އޭރު ކަނޑައަޅާފައި އޮތީ 1.2 - 1.5 މިލިއަން ޑޮލަރު ކަމަށާއި ނަމަވެސް، މުއާމަލާތުގެ މެދު ތެރެއިން ރަށުގެ އަގު 400،000 ޑޮލަރަށް ކުޑަކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުނު ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮންލައިންކޮށް ބައިވެރިވެ ވަޑައިގަންނަވަނީ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮންލައިންކޮށް ބައިވެރިވެ ވަޑައިގަންނަވަނީ.

އޭގެއިތުރުން އޮފާ ލެޓާއަށް އެމްއެމްޕީއާރްސީއަށް އެޑްރެސްކޮށް އޭނާ ދެއްވި 150،000 ޑޮލަރުގެ ޗެކް ވެސް ޖަމާކޮށްފައިވަނީ، އެމްއެމްޕީއާރްސީ ހިޔާނާތުގެ ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުންޏަށް ކަމަށާއި އެކަން އެގޮތަށްވުމުގައި ގޯހެއް އުޅޭކަން އެނގުނު ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

އެހެންވެ މި ޝައްކުތަކާ ހެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހެޅުއްވި ކަމަށް ބޮންޑޭ ވިދާޅުވި އެވެ. އެކަމަކު، އޭނާ ވިދާޅުވި ގޮތުގައި ފުއްގިރި ކުއްޔަށް ހިފުމަށް ކްލެސިކް ސިޓީ ހޯލްޑިންގްސްގެ ފަރާތުން ނަހަމަ ގޮތުގައި އިތުރު ފައިސާތަކެއް ދިން ކަމެއް އޭނާއަށް އެނގިވަޑައެއް ނުގަންނަވަ އެވެ.

ފުއްގިރި ޑީލްގެ ކަންކަން ނިންމުމުގެ ބައްދަލުވުމެއްގައި ބޮންޑޭ ބައިވެރިވެ ވަޑައިގެންނެވި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޝަރީއަތުގައި ހެކިބަސް ދެމުން ވިދާޅުވެފައިވާއިރު، ބޮންޑޭ ވަނީ އެއީ ދޮގެއް ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، "އަދީބު ފިލައިގެން ގޮސްހުރީ ޝަރީއަތުގައި ބޮޑު ދޮގެއް ހަދާފައި" ކަމަށާއި މި ޑީލްގެ ތެރޭ އަދީބާ ދުވަހަކު ވެސް ބައްދަލުނުވާ ކަމަށެވެ.

އަދީބު ވިދާޅުވެފައިވާ ގޮތުގައި އިންޑިއާ ބަޔަކާ ބައްދަލުކުރަން ޔާމީން ވިދާޅުވުމުން ބޭއްވި ބައްދަލުވުމުގައި ބޮންޑޭ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ މި ބައްދަލުވުމުގައި 2.5 މިލިއަނަށް އަގު ކަނޑައަޅައި އެއްބަސްވި ކަމަށެވެ.

ނަމަވެސް، ބޮންޑޭ ވިދާޅުވީ އޭނާއަކީ ސިޔާސީ މަސައްކަތުގައި އުޅޭ މީހަކަށް ވާތީ ބައްދަލުވުންތަކަށް އޭނާ ވަޑައިނުގަންނަވާ ކަމަށެވެ. ފުއްގިރި މައްސަލައިގެ ފައިސާގެ މުއާމަލާތްތަކުގައި ބައިވެރިވެފައި ނޯންނާނެ ކަަމަށާއި އެކަމުގައި އުޅުނީ އަލީ ސަލީމް ކިޔާ މީހެއް ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

ޔާމީންގެ އިތުރުން ސަންގެ ދެ ކުންފުންޏަކަށް ވެސް މި މައްސަލާގައި ދައުވާ ލިބެ އެވެ. ކުރިން ޝަރީއަތް ހިންގީ މި ފަރާތްތަކުގެ އިތުރުން ރިޝްވަތު ދިން ކަމަށް ތުހުމަތުވާ ކްރިކް ރިޒާއަށް ކުރާ ދައުވާއާ ވެސް އެކުގަ އެވެ. ރިޒާގެ ސިއްހީ ހާލަތު ހުރި ގޮތުން ޝަރީއަތުގައި ބައިވެރި ނުވެވޭނެ ކަމަށް ބުނެ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން މި ޝަރީއަތް ކުރިއަށް ނުގެންދެވި އޮތުމަށް ފަހު މިއަދު ފެށީ ރިޒާގެ ދައުވާ އަނބުރާ ގެންދިއުމާ އެކުގަ އެވެ. އެއީ ދިފާއުގައި ރިޒާ ހުށަހަޅާފައިވާ ބައެއް ކަންކަން އިތުރަށް ބެލުމަށް ކަމަށް ބުނެ އެވެ.