Roadha Mihaaru
ރައްޔިތުންނަށް ދަރައިފި، ދެން ގޯހެއް ނުހަދާނެ: ގާސިމް

ރައްޔިތުންނަށް ދަރަނިވެރިވެއްޖެ، ކުރިން ހެދި ގޯހެއް ދެނެއް ނުހަދާނަން: ގާސިމް

25 މާޗް 2017

ސިޔާސީ ލީޑަރުންތައް އެއްގަލަކަށް އަރައި 2013 ގައި ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ހޯދައިދިނުމުން، ރައްޔިތުންނަށް ދަރަނިވެރިވެ "ހިތި ތަޖުރިބާ" ކުރެވިފައިވާ ކަމަށާއި އެެ ގޯސް ދެން ނުހައްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ ލީޑަރުންތައް އެއްގަލަކަށް އަރައި 2013 ގައި ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ހޯދައިދިނުމުން، ރައްޔިތުންނަށް ދަރަނިވެރިވެ "ހިތި ތަޖުރިބާ" ކުރެވިފައިވާ ކަމަށާއި އެެ ގޯސް ދެން ނުހައްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕާޓީތައް ގުޅިގެން ޖުމްހޫރީ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ރައްޔިތުންގެ ގާތު އެދުނު ގޮތަށް 2013 ގެ އިންތިހާބުގައި ވޯޓު ދީފައިވާ ކަމަށެވެ. އެކަމަކު، އެއީ ހެދުނު ބޮޑު ގޯހެއް ކަމަށާއި ސިޔާސީ އެއްވެސް ލީޑަރަކު އެކަން ތަކުރާރު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް ބުރަ މަސައްކަތްޕުޅު ކުރެއްވި އެމަނިކުފާނުގެ ބޭބޭފުޅު، ރައީސް މައުމޫން އަބްދުލްގައްޔޫމް ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންނެވުމުން އިތުރަށް ސަރުކާރުގެ މިސްރާބާ ދޭތެރޭ ސުވާލު އުފައްދައި ވަކި ގޮތަށް ވިސްނުން ގެންގުޅުމުގެ ޖާގައެއް ނެތެވެ. ރައީސް ޔާމީނަށް ކުރެއްވި ތާއީދު، މައުމޫން އަނބުރާ ގެންދެވުމުން ސަރުކާރުގެ ހުރިހާ ކަމެއް ސާފުވެފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ސިޔާސީ މަސްރަހުން މި ލިބުނު ފިލާވަޅުތަކުގެ އަލީގައި އަޅުގަނޑުމެން ދެން އެ މިސްޓޭކެއް ނަަހަދާނަން އިނގޭތޯ، ނަހަދާނަން. އަޅުގަނޑުމެން ދާނީ އެކަތިގަނޑެއްގެ ގޮތުގައި،" ރައީސް ޔާމީން ވެރިކަމަށް ގެންނެވި ހުރިހާ ލީޑަރުން މިހާރު ތިއްބެވީ އެމަނިކުފާނާ ދެކޮޅަށް ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެން އެކައްޗެއް ކިޔާނަން އިރާދަކުރެއްވިއްޔާ. ވިސްނާވަޑައިގަންނަވާ އަންނަ ހޯމަ ދުވަހު ތިޔަބޭފުޅުން [މަޖިލިސް މެމްބަރުން] އަޅުގަނޑުމެންނާ ދެކޮޅަށް ވޯޓު ދެއްވާފައި ދެން ކޮންތާކަށްތޯ ނިކުންނާނީ، ކޮން ކެންޑިޑޭޓެއްތޯ ހޮވޭނީ. ކޮން ރައްޔިތެއްތޯ ވޯޓުލާން ތިބީ."

ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް ފަހު ވެސް، ގޯސްކޮށް ކަންކަން ކުރައްވަން ފެއްޓެވެމުން ފެއަށް ޖެހިވަޑައިގެން، ގައުމަށްޓަކައި މައުމޫން "ޖިހާދަކުރައްވަމުން" ގެންދަވާ ކަމަށް ވިދާޅުވެ ގާސިމް ވަރަށް ބޮޑަށް އެމަނިކުފާނަށް ތައުރީފް ކުރެއްވި އެވެ. އެއާއެކު، ރައީސް މުހައްމަދު ނަޝީދު ޖަލު ބަންދުގައި ހުންނަވައިގެންނާއި އެ ނޫން ގޮތްގޮތަށް ގައުމަށް ވެވަޑައިގަންނަވާ ގުރުބާނީ ދުވަހަކު ވެސް ދިވެހިންގެ ހިތުން ފިލައިގެން ނުދާނެ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ބޭއްވި ޖަލްސާގައި ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ބޭއްވި ޖަލްސާގައި ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރައްޔިތުންގެ ހައްގުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރައްވާ މަސައްކަތްތަކަށް ވެސް ގާސިމް ޝުކުރު އާދަކުރެއްވި އެވެ.

"އަޅުގަނޑު އެ ބޭފުޅުންނަށް ސެލިއުޓް ނަގަން،" މައުމޫނާއި ނަޝީދު އަދި އިމްރާނަށް ނިސްބަތްކުރައްވައި ގާސިމް ވިދާޅުވި އެވެ.

އެއްވެސް އިންތިހާބެއްގައި، ގާސިމް ވިދާޅުވި ގޮތުގައި، ރައީސް ޔާމީނަށް ދެނެއް ވޯޓެއް ނުދެއްވާނެ އެވެ.

"ރައްޔިތުން ފެލާލަންތޯ ޔާމީން އަބްދުލްގައްޔޫމަށް ވޯޓު ދޭން ޖެހެނީ. ނޫން ނުޖެހޭނެ ދޭކަށް. ކޮބައިތޯ އިންސާފު؟ ކޮބައިތޯ ގައުމިއްޔަތު؟ ކޮބައިތޯ މި ދައުލަތުގެ ކަރާމާތާއި ސިންގާ ސަނާ. ކޮބައިތޯ؟ ގާދޫކޮލުން ނިކުމެގެން ހިނގައްޖެ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ތާއީދުކުރެއްވީ ސިފައިންނާއި ފުލުހުން އަދި ޖުޑިޝަރީގެ އިސް ބޭފުޅުންތަކެއް ވަޑައިގެން ބައްދަލުކުރައްވައި ރައީސް ޔާމީނަށް ތާއީދުކޮށްދޭން އެދިވަޑައިގަތުމުންނެވެ. އެކަމަށް އެދިވަޑައިގަތް ބޭފުޅުންނަށް ގައުމު މިހާރު އޮތް ހާލަތު އިހްސާސްކުރެވި ރައީސް ޔާމީނަކީ "ކޮން ބޭފުޅެއް ކަން" ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ގައުމު ވަރަށް ބޮޑަށް ފަހަތަށް ގޮސްފައިވާ ކަމަށެވެ.