12 ޖުލައި 2023
ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތުހުމަތުވާ އިސްމާއިލް އަބްދުއްރަހީމް (އިސޫ) ބަންދުން ދޫކޮށްލައިފި އެވެ.
ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތުހުމަތުވާ އިސްމާއިލް އަބްދުއްރަހީމް (އިސޫ) ބަންދުން ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު އޭނާ ބަންދުން ދޫކޮށްލީ ޓެގް އަޅުވައި، ޕާސްޕޯޓް ހިފަހައްޓައި އަދި ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުނުކުމެވޭ ގޮތަށް ޝަރުތުކޮށްފައި ކަމަށް އެނގިފައިވެ އެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އިސޫ ބަންދުން ދޫކޮށްލަން ނިންމި ސަބަބެއް ސާފެއް ނުވެ އެވެ.
މީގެ ކުރިން ވަނީ މި މައްސަލާގައި ތުހުމަތުވާ އަހްމަދު އިސްމާއިލް (އަހަނދު) ވެސް ބަންދުން ދޫކޮށްލައިފަ އެވެ. އޭނާގެ ފައިގައި މޮނިކޮމް ޓެގް އަޅުވައި މިހާރު ގެންދަނީ މޮނީޓާކުރަމުންނެވެ.
އިސޫގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލައިފަ އެވެ. އެ ދެ ދައުވާގެ ވެސް ޝަރީއަތް ވެސް ސިއްރުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެ އެވެ. އޭނާގެ މައްޗަށް އުފުލި ފުރަތަމަ ދައުވާއަކީ ޓެރަރިޒަމްގެ އަމަލެއްކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ އެވެ. މި ދައުވާ އޭނާގެ މައްޗަށް ކުރީ ޕީޖީ އޮފީހުން ބުނި ގޮތުގައި ރިލްވާން ރަހީނުކޮށް މަރާލުމަށް 2014 ގައި އޭނާއަށް ފާރަލައި ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީ އެވެ.
މީގެ އިތުރުން ޔާމީން ރަޝީދުގެ ބްލޮގާއި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓްކުރަމުންދާ ކަމަށް ބުނެ އޭނާ މަރާލުމަށްޓަކައި 2017 ގައި ފާރަލައި އެހީތެރިވެދީފައިވާ ކަމަށް ތުހުމަތުކުރެ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އެވެ.
އިސޫއަކީ މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ރިލްވާން ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ އަށް ފާރަލީ މީހެކެވެ.
ރިލްވާން ގެއްލުވާލި މައްސަލާގައި މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި އިސޫއަކީ ފުރުގާން މިސްކިތް ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ހަރުކަށި ފިކުރުގެ ޖިހާދީ ޖަމާއަތަކަށް ނިސްބަތްވާ މީހެކެވެ. ރިލްވާން ވަގަށް ނެގުމުގެ ސަބަބެއް ކަމަށް އެ ރިޕޯޓުގައި ބުނެފައި ވަނީ، އޭނާ ދެއްކި ދީނީ ބައެއް ވާހަކަތަކާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކެވެ.
ސީރިއާގައި ކުރަމުންދިޔަ ހަނގުރާމައިގައި ބައިވެރިވާން އިސޫ ދާން އުޅުނު ކަމަށް ތަހުގީގީ އިދާރާތަކުން އާއްމުކުރި މައުލޫމާތުގައިވެ އެވެ. ތުރުކީ ބޯޑަރު ހުރަސްކޮށް 2015 ގައި ގަވާއިދާ ޚިލާފަށް އެތެރެވާން އުޅެނިކޮށް ތުރުކީގެ ސަލާމަތީ ބާރުތަކުން އިސޫ ހައްޔަރުކުރުމަށް ފަހު ޑީޕޯޓްކޮށްލީ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ވެސް އުފުލި އެވެ. އެކަމަކު ތުރުކީ ސަރުކާރުގެ ލިއުމެއް ނުލިބުމުން ކަމަށް ބުނެ ދައުވާ ބާތިލްކުރީ އެވެ.
އިސޫ އާއި މުއާގެ މައްސަލަ ވެސް ބޭރު، ޓެގް ނައްޓައިފި
އަހަނދު ދޫކޮށްލި އަމުރު އިސްތިއުނާފު ނުކުރަން: ޕީޖީ
ޔާމީން/ރިލްވާންގެ މަރު: ދައުވާލިބޭ މީހަކު ދޫކޮށްލައިފި
ރިލްވާނާއި ޔާމީންގެ މަރު: މިއަދުގެ އަޑުއެހުން ކެންސަލް
ސާބިތުވާ ވަރަށް ހެކި ނެތުމުން އަހަނދުގެ މައްސަލަ ބޭރު
އިސޫ ދޫކޮށްލީ ނުރައްކަލެއް ނެތް ކަމަށް ބަލާފައި
ޔާމީނާއި ރިލްވާންގެ މަރު: ބަންދު ދަމަހައްޓައިފި
ރިލްވާނާއި ޔާމީންގެ މަރުގައި ހިމެނޭ 3 މީހަކަށް ދައުވާ
ޔާމީންގެ މަރު: ގޮތެއް ނިންމާނީ ރިޕޯޓް ލިބުމުން
"އިސް ދެ މީހުންނަށް ކުށް ސާބިތުވުމަކީ ކާމިޔާބީއެއް"