Roadha Mihaaru
ވާވެއްދިފަޅު ވިއްކުން ހުއްޓުވި އެންގުން ބާތިލުކޮށްފި

ވިލާގެ ވާވެއްދިފަޅު ވިއްކުން ހުއްޓުވި އެންގުން ބާތިލުކޮށްފި

13 ޖުލައި 2023

ވިލާ ކުންފުނީގެ ކ. ވާވެއްދިފަޅު ނުވަތަ ވާރެއްދޫ ފަރު ވިއްކުމުގެ މުއާމަލާތް ހުއްޓުވުމަށް އެންގި އެންގުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބާތިލުކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ވިލާ ކުންފުނީގެ ކ. ވާވެއްދިފަޅު ނުވަތަ ވާރެއްދޫ ފަރު ވިއްކުމުގެ މުއާމަލާތް ހުއްޓުވުމަށް އެންގި އެންގުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބާތިލުކޮށްފި އެވެ.

ވިހި މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ)ގެ މުއާމަލާތް އޭސީސީން ހުއްޓުވީ ކުރަމުންދާ ތަހުގީގަކާ ގުޅިގެން ކަމަށް ބުނެ އެވެ. އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައި އޮތީ އަމިއްލަ މީހެއްގެ ނަމުގަ އެވެ.

އެކަމަކު އެ މުއާމަލާތް މަޑުޖައްސާލުމަށް ޓޫރިޒަމް މިނިސްޓްރީއަށް އެންގި އެންގުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށް އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު، ނިޝާން މުހައްމަދު ވިދާޅުވި އެވެ.

"އެއީ އެ މުއާމަލާތް މަޑުޖައްސާފައި ބާއްވަން އެންގި އެންގުން ދަމަހައްޓަންޖެހޭ ކަމަށް ކޮމިޝަނަށް ނުފެންނާތީ،" އޭނާ ވިދާޅުވި އެވެ.

ވާވެއްދިފަޅު ވިއްކުން ހުއްޓުވުމަކީ އޭނާގެ ވިޔަފާރިއަށް ލިބުނު ގެއްލުމެއް ކަމަށް ވިދާޅުވެ ވަރަށް ހިތްހަމަޖެހިވަޑައިނުގެން ވިލާ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މި ފާޑުވިދާޅުވުންތަކުގައި ރައީސް ގާނޫނުއަސާސީއާ ޚިލާފުވެވަޑައިގެންފައިވާ ކަމަށާއި "ގެއަށް ކަނޑާލަން ޖެހޭ" ކަމަަށް ވެސް ވިދާޅުވި އެވެ.

އެކަމަކު އެ ތުހުމަތުތައް ރައީސް ވަނީ ދޮގުކުރައްވައި މިނިވަން މުއައްސަސާތަކުގެ ގާނޫނީ ޒިންމާއަކީ ސަރުކާރުން ބެހޭ ކަންކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މި ސަރުކާރު ކޯލިޝަންގައި ދެމިއޮތް ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފަ އެވެ. އެމްޑީޕީއާ އެކު ދެވަނަ ދައުރަކަށް ކޯލިޝަންގައި ދެމިތިބެން ރައީސް ދެއްވި ދައުވަތު ގާސިމް ގަބޫލުނުކުރެއްވި އެވެ.

ގާސިމްގެ ކެމްޕޭން ޖުމްހޫރީ ޕާޓީން ފަށާފައިވާ އިރު އޭނާ ގެންދަވަނީ އެކި ބައްދަލުވުންތަކުގައި ރައީސާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އަތުލި ފަޅު ވިލާ އަށް ލިބުނީ ސުޕްރީމް ކޯޓުން

ޓޫރިޒަމް މިނިސްޓްރީން ވިލާ އަށް ދޫކުރި ރަށްތަކުގެ ތެރެއިން ވާވެއްދިފަޅު އަތުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 2015 ގަ އެވެ. އެ މިނިސްޓްރީން ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އޭރު އަތުލި ތަންތަނުގެ ތެރޭގައި ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅު ވެސް ހިމެނެ އެވެ.

ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ މަރުހަލާތަކަށް ފަހު، ސުޕްރީމް ކޯޓުން ނިމުނީ ވިލާ ކުންފުންޏާ އެއްކޮޅަށެވެ.

އޭސީސީން މި މުއާމަލާތް ހުއްޓުވި ސަބަބެއް ތަހުގީގު ކުރިއަށްދާތީ ނުބުންޏެވެ.