ވިލާގެ އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާ ގުޅިގެން އެ ކުންފުނިތަކަށް ސަރުކާރުން ދިން ލުއިތަކުގެ ސަބަބުން ދައުލަތަށް ގެއްލުނު 110 މިލިއަން ޑޮލަރު (1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ) އަނބުރާ ދައުލަތަށް ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.
14 ޖޫން 2018
ވިލާގެ އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާ ގުޅިގެން އެ ކުންފުނިތަކަށް ސަރުކާރުން ދިން ލުއިތަކުގެ ސަބަބުން ދައުލަތަށް ގެއްލުނު 110 މިލިއަން ޑޮލަރު (1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ) އަނބުރާ ދައުލަތަށް ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.
ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ރަށްތަކާއި ފަޅުތަކަކާ ގުޅިގެން ބޮޑެތި ލުއިތަކެއް ދޭން ޖެހޭ ގޮތަށް ސެޓްލްމަންޓް އެގްރިމެންޓެއް ހެދީ ޑިސެމްބަރު، 2013 ގަ އެވެ. އެ އެއްބަސްވުން ހެދީ ގާސިމްގެ ކޮއްކޮއެއް ކަމަށްވާ އިބްރާހިމް އަލީއަށް ދައުލަތުން 9.7 މިލިއަން ޑޮލަރު ދައްކަން ޖެހުމުން އެކަމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުންނެވެ. އެ އެއްބަސްވުންތައް 2015 ގައި ސަރުކާރުން ބާތިލް ކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް މަހު ވަނީ އެ އެއްބަސްވުންތައް އުވާލީ ގާނޫނާ ޚިލާފަށް ކަމަށް ހުކުމްކޮށްފަ އެވެ.
ސެޓްލްމަންޓް އެއްބަސްވުންތަކުގެ މައްސަލަ ބެލުމަށް ފަހު އޭސީސީން ނިންމީ އެ އެއްބަސްވުންތަކުގެ ސަބަބުން 110 މިލިއަން ޑޮލަރު ދައުލަތަށް ގެއްލިފައިވާ ކަމަށެވެ. އެގޮތުން ހަ ތަނެއްގެ ކުލީގެ ގޮތުގައި ލިބެން ޖެހޭ 95 މިލިއަން ޑޮލަރު އެ އެއްބަސްވުންތަކުގެ ދަށުން ފަސް ކޮށްފައިވާ ކަމަށާއި އެތަންތަނުގެ މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި ލިބެން ޖެހޭ އިތުރު 15 މިލިއަން ޑޮލަރު ވެސް ދައުލަތަށް ލިބިފައިނުވާ ކަމަށް އޭސީސީގެ ނިންމުމުގައިވެ އެވެ.
ޓޫރިޒަމް ގާނޫނު އޭރު އޮތް ގޮތުން ބިމެއް ނުވަތަ ރަށެއްގެ ކުލީގެ މުއްދަތު އިތުރުކޮށް ދެވެނީ އަހަރަކަށް އެއް ލައްކަ ޑޮލަރުގެ ފީއެއް ނެގުމަށް ފަހު ކަން ފާހަގަކޮށް، އޭސީސީގެ ނިންމުމުގައި ވަނީ ސެޓްލްމަންޓް އެއްބަސްވުންތަކުގެ ދަށުން އެ ތަންތަނުގެ ކުލީގެ މުއްދަތު 50 އަހަރަށް އިތުރުކުރީ އެ ފީ ނެގުމެއް ނެތި ކަމަށެވެ. އަދި އެތަންތަން ތަރައްގީކޮށް ހުޅުވަން ޖެހޭ ތާރީޚު ބަދަލުކޮށްފައިވަނީ ވެސް އެ ފީ ނެގުމެއް ނެތި 50 އަހަރަށް އެތަންތަން ދިނުމުގެ ބޭނުމުގައި ކަމަށް އޭސީސީގެ ނިންމުމުގައިވެ އެވެ.
މީގެ އިތުރުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ގޮތަށް ދޫކޮށް ލެވެނީ އޮޑިޓާ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ފިނޭންސް މިނިސްޓަރު އެކަމާ ބެހޭ ހިސާބުތަކުގައި އެކަން ހިމެނުމަށް ފަހު ރައީސުލް ޖުމްހޫރިއްޔާގެ ހުއްދަ ލިބިގެން ކަމަށް ވާއިރު، އެތަންތަނުގެ ކުއްޔާއި ޖޫރިމަނާ ދައްކަން ނުޖެހޭ ކަމަށް ކަނޑައަޅާފައިވަނީ އެ އުސޫލުގެ މަތިން ހުއްދަ ލިބިގެން ނޫން ކަމަށް ވެސް އޭސީސީގެ ނިންމުމުގައި ބުނެ އެވެ.
އޭސީސީން ނިންމާފައި ވަނީ އެ އެއްބަސްވުންތައް ހެދީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ލިބޭ ގޮތަށް ކަމަށް ކަނޑައަޅައި، އެ މައްސަލާގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާށެވެ.
ވިލާގެ ވާވެއްދިފަޅު ވިއްކުން ހުއްޓުވައިފި
ވިލާއަށް ބޮޑެތި ލުއިތައް ދިނީ ގާނޫނާ ޚިލާފަށް:އޭސީސީ
ވާވެއްދިފަޅު ވިއްކުން ހުއްޓުވި އެންގުން ބާތިލުކޮށްފި
ގާސިމް ވިދާޅުވީ، ފަޅު ވިއްކަނީ ދަތިވެގެން ކަމަށް!
ވާވެއްދި ވިއްކުން ހުއްޓުވި ސަބަބަށް ވިލާއިން އެދިއްޖެ
އޭސީސީން ވެސް ނިންމީ ގާސިމާ އެއްކޮޅަށް
އޭސީސީން ވަނީ ކޯޓުގެ ހުކުމަށް ގޮން ޖަހާފައި: ޖޭޕީ
ވިލާއަށް ރަށްތައް ދިން މައްސަލަ އޭސީސީން ތަހުގީގުކުރަނީ
މައުމޫނަށް ކޮރަޕްޝަންގެ ތުހުމަތު ކުރުމަކީ ލަދުވެތިކަމެއް
"ފައިސާ ގޯނި" އޯކޭ! ސަރުކާރާ ކުޅެން އުޅުން ގޯސް!