Roadha Mihaaru
އޭސީސީން ވަނީ ކޯޓުގެ ހުކުމަށް ގޮން ޖަހާފައި: ޖޭޕީ

އޭސީސީން ވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް ގޮން ޖަހާފައި: ޖޭޕީ

16 ޖޫން 2018

ވިލާއަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާ ގުޅޭ އެއްބަސްވުންތައް ސަރުކާރުން އުވާލީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިލާ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަން އުޅުމަކީ ކޯޓުގެ ހުކުމަށް ގޮން ޖެހުން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވިލާއަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާ ގުޅޭ އެއްބަސްވުންތައް ސަރުކާރުން އުވާލީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިލާ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަން އުޅުމަކީ ކޯޓުގެ ހުކުމަށް ގޮން ޖެހުން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ގާސިމް އިބްރާހިމްގެ ވިލާގެ އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާ ގުޅިގެން އެ ކުންފުނިތަކަށް ސަރުކާރުން ދިން ލުއިތަކުގެ ސަބަބުން ދައުލަތަށް ގެއްލުނު 110 މިލިއަން ޑޮލަރު (1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ) އަނބުރާ ދައުލަތަށް ހޯދަން އޭސީސީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަންގައިފަ އެވެ.

ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ރަށްތަކާއި ފަޅުތަކަކާ ގުޅިގެން ބޮޑެތި ލުއިތަކެއް ދޭން ޖެހޭ ގޮތަށް ސެޓްލްމަންޓް އެގްރިމެންޓެއް ހެދީ ޑިސެމްބަރު، 2013 ގަ އެވެ. އެ އެއްބަސްވުން ހެދީ ގާސިމްގެ ކޮއްކޮއެއް ކަމަށްވާ އިބްރާހިމް އަލީއަށް ދައުލަތުން 9.7 މިލިއަން ޑޮލަރު ދައްކަން ޖެހުމުން އެކަމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުންނެވެ. އެ އެއްބަސްވުންތައް 2015 ގައި ސަރުކާރުން ބާތިލް ކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް މަހު ވަނީ އެ އެއްބަސްވުންތައް އުވާލީ ގާނޫނާ ޚިލާފަށް ކަމަށް ނިންމައިފަ އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޝަރުއީ އެންމެ މަތީ ކޯޓުން ގޮތެއް ނިންމާފައިވަނިކޮށް، އެކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް ފަރާތަކަށް ބަސް ނުބުނެވޭނެ ކަމަށެވެ. އަދި އޭސީސީން ސިޔާސީ ބޭނުމަށް ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެ ކޮމިޝަނަށް ސަމީރު ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވި ގޮތުގައި އޭސީސީއަކީ ރައީސް އަބްދުﷲ ޔާމީން "ކޮންޓްރޯލް ކުރައްވައިގެން" ގެންގުޅުއްވާ ކޮމިޝަނެކެވެ. ދާދި ފަހުން ފުލުހުންނަށް ދެއްވި ތަހުގީގު ބަޔާނުން އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ހުންނެވި ގޮތް ސާފުވެފައިވާ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

"ކުރިއަށް އޮތީ ރިޔާސީ އިންތިހާބު އޮތް ދުވަސްވަރު މިފަދަ ކަންކަން ކުރަމުން ދާތީ ކަންބޮޑުވޭ. ހިތާމައަކީ އަނިޔާވެރި ވެރިކަމެއްގެ ތެރޭގައި ނުހިނގާނެ ހުރިހާ ކަމެއް ހިނގާނެ،" ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާލުވީ ގާސިމް، ދައުލަތަށް ދައްކަން ޖެހޭ ފައިސާއާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދެއްކިޔަސް، ގާސިމާއި ޖޭޕީން ރައްޔިތުންނަށް ބަދަލެއް ގެނައުމަށް ކުރާ މަސައްކަތް ނުހުއްޓުވޭނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތް ހެޔޮ ގޮތުގައި ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެޓްލްމަންޓް އެއްބަސްވުންތަކުގެ މައްސަލަ ބެލުމަށް ފަހު އޭސީސީން ނިންމީ އެ އެއްބަސްވުންތަކުގެ ސަބަބުން 110 މިލިއަން ޑޮލަރު ދައުލަތަށް ގެއްލިފައިވާ ކަމަށެވެ. އެގޮތުން ހަ ތަނެއްގެ ކުލީގެ ގޮތުގައި ލިބެން ޖެހޭ 95 މިލިއަން ޑޮލަރު އެ އެއްބަސްވުންތަކުގެ ދަށުން ފަސް ކޮށްފައިވާ ކަމަށާއި އެތަންތަނުގެ މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި ލިބެން ޖެހޭ އިތުރު 15 މިލިއަން ޑޮލަރު ވެސް ދައުލަތަށް ލިބިފައިނުވާ ކަމަށް އޭސީސީގެ ނިންމުމުގައިވެ އެވެ.

ވިލާގެ އެކި ކުންފުނިތަކަށް ދައުލަތުން ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ލުއިތަަކެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ކުރިން ހެދި ސެޓްލްމަންޓް އެގްރިމެންޓްތައް ހަދާފައި ވަނީ ދޭން ނުޖެހޭ ބޮޑެތިި ލުއިތަކެއް ލިބޭ ގޮތަށް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާ ކުރަން ފޮނުވުމަށް އޭސީސީން ވަނީ ނިންމައިފަ އެވެ.