Roadha Mihaaru
ރަކީދޫ އަލުން އާބާދުކުރުމަށް ރައީސްގެ ތަސައްވަރު

ރަކީދޫ އަލުން އާބާދުކުރުމަށް އަމާޒުކޮށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް

17 ޖުލައި 2023

ވ. އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަކީދޫ އަލުން އާބާދުކުރަން ގިނަ މަޝްރޫއުތަކެއް ހިންގައިދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

އާސިމާ ނިޒާރު ވ. ރަކީދޫން އާސިމާ ނިޒާރު

ވ. އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަކީދޫ އަލުން އާބާދުކުރަން ގިނަ މަޝްރޫއުތަކެއް ހިންގައިދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި އަތޮޅަށް ފައްޓަވާފައިވާ ދަތުރުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ ރަޖިސްޓްރީގައި 369 މީހުން ހިމެނޭ ރަކީދުއަށެވެ. އެކަމަކު މި ރަށުގައި ދިރިއުޅެނީ 63 މީހުންނެވެ.

ރަކީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމައި ބަނދަރު ހުޅުވައިދެއްވުމަށް ފަހު ރައީސް ވިދާޅުވީ މި އަތޮޅަކީ އާބާދީ އެންމެ ކުޑަ އަތޮޅަށް ވިޔަސް މި ހިސާބުގައި ވެސް އުޅެނީ ދިވެހިން ކަމަށެވެ. ސަރުކާރުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވާންޖެހޭ ކަމަށާއި އެ ރަށަކަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދޭން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް 2018 ވަނަ އަހަރު އަދި ދެ ވަނަ ދައުރެއް ކަށަވަރުކުރުމަށް ނުކުމެވަޑައިގެންނެވީ އެ ކަންކަން ފުރިހަމަކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ ކުރިން ވައުދުވި ގޮތަށް މި ރަށުގައި ބަނދަރެއް ހަދާދީފައިވެ އެވެ. ފެނާއި ނަރުދަމާ ނިޒާމް އަންނަނީ ގާއިމްކުރަމުންނެވެ.

ނަމަވެސް، ފާއިތުވި އަހަރުތަކުގެ ތެރޭގައި ރަކީދޫގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކޮށްދެވުމުގެ ނަތީޖާއަކީ، ރައީސް ވިދާޅުވި ގޮތުގައި، މި ރަށުގެ އާބާދީ އެއް އަހަރުން އަނެއް އަހަރަށް މަދުވަމުން ދިއުމެވެ. މި ރަށުގެ ރަޖިސްޓްރީގައި 369 މީހުން ތިއްބަސް، ރަށުގައި އުޅެނީ 63 މީހުންނެވެ.

ރަކީދޫގެ ބަނދަރުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

ރަކީދޫގެ ބަނދަރުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

މި ރަށު ކައުންސިލްގެ ޒިންމާދާރުވެރިޔާ އިސްމާއިލް މުއާޒު ވިދާޅުވީ ރަށުން ގިނަ ބަޔަކު ހިޖުރަކުރީ ތައުލީމް ހާސިލްކުރުމަށް ކަމަށެވެ. ރަށުގައި ސްކޫލެއް ނެތުމުން ވަކި ހިސާބަކުން އާއިލާއާއެކު އެހެން ތަނަކަށް ހިޖުކުރަކުރަން ޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އެހެންވެ، ރަކީދޫގެ އާބާދީ ހިފެހެއްޓުމަށް އެންމެ މުހިއްމު ކަމަކީ ރަށުގައި ތައުލީމް ދެވޭނެ ގޮތެއް ހަދައިދިނުމެވެ. އެކަމަށް އަމާޒުކޮށް ސެޓްލައިޓް ސްކޫލު މެދުވެރިކޮށް ކިޔަވައިދިނުމަށް ނިންމައި، އެކަމަށް ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

"ޓީޗަރުންނާއި މުވައްޒަފުން ހޯދުމަށްފަހު ސެޓްލައިޓް ސްކޫލު ހުޅުވާނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މިހެން ހުރި ކުދި ރަށްތަކަށް އޮތް އެންމެ ބޮޑު ހައްލަކީ ދަތުރުފަތުރުން ރަށްތައް ގުޅާލުމެވެ. މި ހިސާބަށް އާރުޓީއެލް ފެށުމުން ރަށުން ލިބެން ނެތް ހިދުމަތް ހޯދަން ކައިރީގައި ހުރި ރަށްރަށަށް ދަތުރުކޮށް، އިރުއޮއްސުމުގެ ކުރިން ރަށަށް އާދެވޭނެ ފުރުސަތެއް ޔަގީންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ކަންކަމުގެ އިތުރުން، ރަނގަޅު ސިއްހީ ފަރުވާ އާއި ތައުލީމް އަދި ޒުވާނުން ކުޅޭނެ ދަނޑުތައް އަޅައި މުނިފޫހި ފިލުވޭނެ ގޮތްތައް ފަހިކޮށްދިނުމުން، މަޑުމަޑުން އާބާދީ އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.