Roadha Mihaaru
ފިލްމީ ތަރިންނާއި ފަންނާނުންގެ ތާއީދު ރައީސަށް

ފިލްމީ ތަރިންނާއި ގިނަ އަދަދެއްގެ ފަންނާނުން ރައީސްއާ އެކު

28 ސެޕްޓެމްބަރ 2023

މަޝްހޫރު ފިލްމީ ތަރިން ހިމެނޭ ގޮތަށް ރާއްޖޭގެ ގިނަ އަދަދެއްގެ ފަންނާނުން ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައީދުކުރަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަޝްހޫރު ފިލްމީ ތަރިން ހިމެނޭ ގޮތަށް ރާއްޖޭގެ ގިނަ އަދަދެއްގެ ފަންނާނުން ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައީދުކުރަން ނިންމައިފި އެވެ.

ސޯލްޓް ރެސްޓޯރެންޓްގައި މިއަދު ހަވީރު ބޭއްވި އިވެންޓެއްގައި ރައީސް ވަނީ އެ ފަންނާނުންނާ ބައްދަލުކުރައްވައިފަ އެވެ.

އެ އިވެންޓުގައި ބައިވެރިވި މަޝްހޫރު ފިލްމީ ތަރިންގެ ތެރޭގައި މަރިޔަމް އައްޒަ އާއި ފާތިމަތު ފަރީލާ އާއި ޝީލާ ނަޖީބާއި ޒީނަތު އައްބާސް އާއި އަހްމަދު ނިމާލާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އަހްމަދު ރަޝީދު (ދަރާ) އާއި ރަވީ ފާރޫގާއި އަބްދުﷲ މުއާޒް (މުއާ) ހިމެނެ އެވެ.

މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މަރިޔަމް އުނޫޝާގެ އިތުރުން ލަމްހާ ލަތީފާއި މުހައްމަދު އަބްދުލްގަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާ އަދި އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) ވެސް ހިމެނެ އެވެ.އަދި މަޝްހޫރު ޑައިރެކްޓަރު ކަމަށްވާ އަހްމަދު ނިޔާޒް (ޓެޑްރީ) އާއި އަހްމަދު އަމްޖަދު ރައީސްއަށް ވަނީ ތާއީދުކޮށްފަ އެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަންނާނުންނާ އެކު ބޭއްވި އިވެންޓުގައި ޔޫއްޕެއާ އެކު ރައީސް ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަންނާނުންނާ އެކު ބޭއްވި އިވެންޓުގައި ޔޫއްޕެއާ އެކު ރައީސް ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ނޫސް ބަޔާނެއްގައި ބުނީ ވަރަށް ގިނަ ފިލްމީ ފަންނާނުންނާއި މިޔުޒީޝަނުންނާއި ފޮޓޯގްރާފަރުން އަދި އާޓިސްޓުން ވެސް ރައީސްއާ ބައްދަލު ކުރެއްވި ކަމަށެވެ. އަދި ފަންނާނުންގެ ކިބައިން ރައީސް އެދިވަޑައިގަތީ ދެވަނަ ބުރުގައި ވޯޓުލުމަށް ގިނަ ބަޔަކު ނެރެދިނުމަށް ބާރުއެޅުމަށް ކަމަށް އެމްޑީޕީން ބުންޏެވެ.

ފަންނާނުން ވަނީ އެކަން ކޮށްދީ، ވޯޓު އިތުރުކޮށްދޭން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފައި ކަމަށް އެމްޑީޕީން ބުންޏެވެ.

"މި ހިނގާ ދައުރަކީ ދިވެހި ފަންނާނުންގެ ކުރިއެރުމާއި ތަރައްގީއަށް އެންމެ ގިނަ މަސައްކަތްތައް ކޮށްދިން ދައުރުކަން ފަންނާނުން ފާހަގަ ކުރައްވާ." އެމްޑީޕީގެ ނޫސްބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ބުނި ގޮތުގައި މި ދައުރުގެ ތެރޭގައި ސަރުކާރުން ފަންނާނުންގެ ކުރިއެރުމަށް ކޮށްދިން ކަންތައްތަކުގެ ތެރޭގައި އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބޭނުންކުރަން ފެށުން ހިމެނެ އެވެ. އެގޮތުން އޮލިމްޕަސް އަލުން ހުޅުވި ފަހުން އެތަނުގައި 72 ފިލްމާއި 21 މިޔުޒިކް ޝޯ ބާއްވާފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ؛

• ޕްރެކްޓިސް ރޫމްތަކާ އެކު ހެދި އޮލިމްޕަސް އަލުން ހުޅުވި ފަހުން އެތަން 1،500 އަށް ވުރެ ގިނަ ފަންނާނުން ބޭނުންކުރި.

• ފަންނާނުންނަށް 50 އަށް ވުރެ ގިނަ ބައިނަލްއަގުވާމީ ހަރަކާތުން 400 އަށް ވުރެ ގިނަ ފުރުސަތު ފަހިކޮށްދިން.

• ފަންނުވެރިންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކަށް މާލީ އެހީތެރިކަން ދިން.

• އާޓް ގެލެރީގެ ހިދުމަތް ފުޅާކޮށް 31 އަށް ވުރެ ގިނަ މައުރަޒު މިދިޔަ ފަސް އަހަރު ބޭއްވި. އެ ފުރުސަތު 500 އަށް ވުރެ ގިނަ ފަންނުވެރިންނަށް ލިބުނު.

• 120,000 އަށް ވުރެ ގިނަ މީހުން ފަންނުވެރިންގެ މަސައްކަތްތައް ބަލަން ދިޔަ.

އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަންނާނުންނާ އެކު ބޭއްވި އިވެންޓުގައި ފަންނާނުންއެކު ރައީސް ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަންނާނުންނާ އެކު ބޭއްވި އިވެންޓުގައި ފަންނާނުންއެކު ރައީސް ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: އެމްޑީޕީ

ފަންނުވެރިންގެ ދާއިރާއަށް ހާއްސަކޮށް، ކުރިއަށް އޮތް ދައުރަށް ވެސް ރައީސް ވަނީ މުހިންމު ކަންތައްތަކެއް މެނިފެސްޓޯގައި ހިމަނައިފަ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ އިންޓަލެކްޗުއަލް ޕްރޮޕަޓީ (ފަންނާނުންގެ ފިކުރީ މުދާ) ހިމާޔަތް ކުރުމުގެ އާ ގާނޫނެއް ހެދުމެވެ.

ފަންނާނުން މަސައްކަތް ކުރާނެ ތަންތަން ރާއްޖޭގެ އެކި ތަންތަނުގައި ގާއިމް ކުރުމަށާއި ދުނިޔޭގެ ފެންވަރުގައި ފަންނާނުންގެ ހުނަރު ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުމާއި އަދި މާލީ އެހީތެރިކަން ދިނުމަށް ވެސް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.