Roadha Mihaaru
"ފައްޔާޒަށް އޮޅުނީ، ރަނިންމޭޓުގެ ވާހަކަ ނުދައްކަން"

ފައްޔާޒް އުޅުއްވަނީ އޮޅިވަޑައިގެން، ރަނިން މޭޓުގެ ވާހަކައެއް ނުދައްކަން: ރީކޯ

18 ޖުލައި 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓެއް ކަނޑައެޅުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށާއި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެކަމަކާ ގުޅުވައިގެން ކުރެއްވި ތުހުމަތަކީ އޮޅިވަޑައިގެން ދެއްކެވި ވާހަކައެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓެއް ކަނޑައެޅުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށާއި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެކަމަކާ ގުޅުވައިގެން ކުރެއްވި ތުހުމަތަކީ އޮޅިވަޑައިގެން ދެއްކެވި ވާހަކައެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސަ މިހެން ވިދާޅުވީ ފައްޔާޒް ރަނިންމޭޓް ކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަނީ މޫސަ ކަމަށް ވިދާޅުވެ ފައްޔާޒް ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ފައްޔާޒް ވަނީ މޫސަ ކުރައްވަނީ "ވަރަށް ދެރަ ކަމެއް" ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު މޫސަ "މިހާރު" އަށް ވިދާޅުވީ އެ ތުހުމަތު ފައްޔާޒް ކުރައްވަން ޖެހިވަޑައިގަތް ސަބަބު ވެސް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު މި ވިސްނަނީ ކިހިނެއް އައި ކަމެއްތޯ މިއީ. އަޅުގަނޑު ކީއްކުރަންތޯ އެ ވާހަކަ ދައްކަންވީ؟ ރަނިންމޭޓު ކަނޑައެޅުމަކީ އަޅުގަނޑާ ބެހޭ ވެސް ކަމެއް ނޫން ދެއްތޯ،" އޭނާ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން ހަގީގަތާ ޚިލާފު ވާހަކައެއް ފައްޔާޒް ދެއްކެވީތީ ވަރަށް ދެރަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހުރިހާ ފޯކަސްއެއް ހުރީ ރައީސަށް ދެވަނަ ދައުރެއް ހޯދައިދޭން،" މޫސަ ވިދާޅުވި އެވެ.

ރައީސްގެ ރަނިންމޭޓަކީ ކޮން ބޭފުޅެއްކަން އަދި ކަނޑައަޅުއްވާފައި ނުވާއިރު، އިއްޔެ އެ މަނިކުފާނު ވިދާޅުވީ އެއީ "އުނދަގޫ" ނިންމުމަކަށް ވެފައިވާ ކަމަށެވެ.

"އަޅުގަނޑު ސިކުނޑީގައި މިވަގުތު އޮތް އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަ ދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން،" ރިޔާސީ ކެމްޕެއިނަށް ވ. ފުލިދު އަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ."

މި ރިޔާސީ އިންތިހާބަށް އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ ގުޅިގެން މަސައްކަތް ފަށާފައިވާއިރު، އެ ކޯލިޝަނުގެ ތެރެއިން ރަނިން މޭޓެއް ކަނޑައެޅުމުގެ ފުރުސަތު ވެސް އޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމާ އެކު ނުކުންނަވައިގެންނެވެ. އެކަމަކު، މި އިންތިހާބުގައި ރައީސާ އެކު، ކޯލިޝަން ނުހަދައި، ޖޭޕީން ނިންމާފައިވަނީ ވަކިން ވާދަކުރުމަށެވެ. ޖޭޕީގެ ރިޔާސީ ޓިކެޓް ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދީފަ އެވެ.