Roadha Mihaaru
"ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަކަށް ޝައުގެއް ނެތް"

ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަކަށް ޝައުގެއް ނެތް: ނަޝީދު

19 ޖުލައި 2023

އެންމެ ފަހުން އުފެއްދި ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަކަށް ޝައުގުވެރިކަމެއް ނެތް ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެންމެ ފަހުން އުފެއްދި ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަކަށް ޝައުގުވެރިކަމެއް ނެތް ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާ އެކު، ގާސިމްގެ އިސްނެންގެވުމަށް ބޭއްވި ބައްދަލުވުމަށް ފަހު، ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ހުރިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ އެ ޝައުގެއް ނެތް ކަމަށެވެ.

"ނޫން، ނެތް" ޖޭޕީގެ ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި، މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ދެފަޅިވެ، ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ އާ ޕާޓީއެއް އުފެއްދީ ވެސް ރިޔާސީ ޕްރައިމަރީއަށް ފަހު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު އެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން މިދިޔަ ޖެނުއަރީ މަހު ބޭއްވި ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ރައީސެވެ. ނަމަވެސް، ދެބަސްވުންތަކަށްފަހު މިިދިޔަ މަހުގެ 21 ގައި ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން، އެ މަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން އުފެއްދެވި ޑިމޮކްރެޓްސް އަށް މި ފަހުން ސޮއިކުރެއްވި އެވެ.

އެ އަށް ފަހު، އެ ޕާޓީން އަންނަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންނެވެ. ރިޔާސީ ޕްރައިމަރީއަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ޑިމޮކްރެޓްސް އިން ބުނިއިރު، އެ ޕާޓީގެ މެނިފެސްޓޯގައި ހިމެނޭ "ފަސޭހަ ވިޔަފާރި" ވަނީ އިއްޔެ ލޯންޗުކޮށްފަ އެވެ.