Roadha Mihaaru
ޕުޓިން ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިނުގަންނަވާނެ

ޕުޓިން ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިނުގަންނަވަން ނިންމަވައިފި

20 ޖުލައި 2023

ދެކުނު އެފްރިކާގައި އަންނަ މަހު ބާއްވާ ބްރިކްސް ގައުމުތަކުގެ ސަމިޓުގައި ރަޝިއާގެ ރައީސް ވްލެޑިމިއާ ޕުޓިން ބައިވެރިވެވަޑައިނުގަންނަވަން ނިންމަވައިފި އެވެ.

ދެކުނު އެފްރިކާގައި އަންނަ މަހު ބާއްވާ ބްރިކްސް ގައުމުތަކުގެ ސަމިޓުގައި ރަޝިއާގެ ރައީސް ވްލެޑިމިއާ ޕުޓިން ބައިވެރިވެވަޑައިނުގަންނަވަން ނިންމަވައިފި އެވެ.

ޕުޓިން އެ ސަމިޓުގައި ބައިވެރިވެވަޑައިގެންފާނެ ކަމުގެ އިޝާރާތެއް ރަޝިއާ އިން ދިނުމުން، އެކަން ދެކުނު އެފްރިކާ އަށް އޮތީ ވަރަށް ބޮޑު ބޮލު ރިހުމަކަށް ވެފަ އެވެ.

ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް އިންޓަނޭޝަލް ކްރިމިނަލް ކޯޓުން ނެރެފައިވާއިރު، ދެކުނު އެފްރިކާއަކީ އައިސީސީ މެމްބަރު ގައުމެއް ކަމަށް ވާތީ، އެ އަމުރު ތަންފީޒުކުރަން އެ ގައުމުގެ ސަރުކާރަށް ވަނީ ފިއްތުންތއް ކުރިމަތިވެފަ އެވެ.

"ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ގޮތަށް ރަޝިއާގެ ރައީސް ވްލެޑިމިއާ ޕުޓިން ސަމިޓުގައި ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް، ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް އެ ގައުމު ތަމްސީލު ކުރައްވާނެ،" ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމާފޯސާގެ ތަރުޖަމާނު ވިންސެންޓް މަގްވެންޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

އެ ނިންމުން ނިންމާފައި ވަނީ ދެ ގައުމުގެ ދެމެދުގައި ފާއިތުވި މަސްތަކުގައި ކުރެވުނު ގިނަ މަޝްވަރާތަކަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.

ދެކުނު އެފްރިކާ އަށް ވަޑައިގެންނެވުމާ އެކު، ޕުޓިން ހައްޔަރުކުރަން ބޭރުގެ ގައުމުތަކުގެ އިތުރުން އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.

ޕުޓިން ހައްޔަރުކުރަން މަޖުބޫރު ކުރުވުމަށް ދެކުނު އެފްރިކާގެ މައި އިދިކޮޅު ޕާޓީ ޑިމޮކްރެޓިކް އެލަޔަންސް (ޑީއޭ) އިން ވަނީ ކޯޓަށް މައްސަލައެއް ވައްދައިފަ އެވެ.

ޕުޓިން ހައްޔަރުކުރަން އައީސީސީން އަމުރު ނެރުނީ ޔޫކްރޭންގެ ކުޑަކުދިންތަކެއް ގާނޫނާ ހިލާފަށް ޑިޕޯޓުކުރި ކަމަށް ތުހުމަތުވާ މައްސަލައިގަ އެވެ.