Roadha Mihaaru
ކްރައިމިއާ ބްރިޖު އަނެއްކާވެސް ބަންދުކޮށްފި

ހަތިޔާރު ގުދަނަކަށް ދިން ހަމަލާއާ އެކު ކްރައިމިއާ ބްރިޖު އަނެއްކާވެސް ބަންދުކޮށްފި

23 ޖުލައި 2023

ކްރައިމިއާގައި ހުރި ހަތިޔާރު ގުދަނަކަށް ދިން ޑްރޯން ހަމަލާއަކާ ގުޅިގެން ދަތުރުފަތުރަށް ބުރޫއަރައިފި އެވެ.

ކްރައިމިއާގައި ހުރި ހަތިޔާރު ގުދަނަކަށް ދިން ޑްރޯން ހަމަލާއަކާ ގުޅިގެން ދަތުރުފަތުރަށް ބުރޫއަރައިފި އެވެ.

ކްރައިމިއާއަކީ 2014 ވަނަ އަހަރު ރަޝިޔއާ އިން ޔޫކްރޭނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ރަޝިއާ ސިފައިން ހިފައި އެ ގައުމުގެ ބައެއް ކަމަށް އަމިއްލަ އަށް ކަނޑައަޅާފައިވާ ޔޫކްރޭންގެ ޖަޒީރާ ސަރަހައްދެކެވެ.

ރަޝިއާ އިން ކްރައިމިއާ އަށް ކަނޑައަޅާފައިވާ ގަވަރުނަރު ސަރުގޭ އަކްސިއޮނޯވް ވިދާޅުވީ، އެ ހަމަލާ އަމާޒުވި ތަނުގެ ފަސް ކިލޯމީޓަރު ސަރަހައްދެއްގައި ދިރިއުޅޭ އާންމުން އެހެން ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށެވެ. އެ ހަމަލާގެ ފަހަތުގައި އޮތީ ޔޫކްރޭނު ކަމަށް އޭނާ ތުހުމަ ތުކުރެއްވި ނަމަވެސް، އެކަމަށް ބާރުދޭ އެއްވެސް ހެއްކަކަށް އިޝާރާތް ކުރައްވާފައެއް ނުވެ އެވެ.

އެ ހަމަލާއާ ގުޅިގެން ރަޝިއާ އާއި ކްރައިމިއާ ގުޅުވައިދޭ ކާޗް ބްރިޖު ބަންދުކޮށްފައިވާއިރު، އެ ބްރިޖާ އިން ވެގެން އޮންނަ ރޭލު ލައިނު ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

ކާޗް ބްރިޖު އަނެއްކާވެސް ބަންދުކުރަން ޖެހުނީ، އެ ބްރިޖަށް އަމާޒުވި ޑްރޯން ހަމަލާއަކަށް ފަހު ދަތުރުފަތުރަށް އެ ބްރިޖު ހުޅުވާލިތާ ހަތަރު ދުވަސް ތެރޭގަ އެވެ.

ރަޝިއާ އާއި ކްރައިމިއާ ގުޅުވައިދޭ ކާޗް ބްރިޖަކީ، ދެކުނު ޔޫކްރެއިންގެ ބައެއް ސަރަހައްދުތަކުގައި ތިބި ރަޝިއާ ސިފައިންނަށް ހަތިޔާރާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް ބޭނުންކުރާ މުހިންމު މަގެކެވެ.

އެހެންކަމުން، އެއީ ޔޫކްރޭނު ސިފައިންގެ މައި ޓާގެޓެއް ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.

އެ ބްރިޖަށް އެންމެ ފަހުން ދިން ހަމަލާއަކީ "ޓެރަރިސްޓު" ހަމަލާއެއްގެ ގޮތުގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ސިފަކުރައްވާފައިވާއިރު، އެ ހަމަލާގެ ރައްދު ރަޝިޔާއިން ދޭނެ ކަމުގެ އިންޒާރު ވެސް އެ މަނިކުފާނު ވަނީ ދެއްވައިފަ އެވެ.

މިދިޔަ ހޯމަ ދުވަހު ދިން ޑްރޯން ހަމަލާއަކީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކާޗް ބްރިޖަށް ދިން ދެވަނަ ހަމަލާ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު ދިން ހަމަލާއެއްގައި ވެސް އެ ބްރިޖަށް ލިބުނު ގެއްލުންތަކަށް ފަހު، ބްރިޖު އަލުން ހުޅުވާފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ.