Roadha Mihaaru
ވޯޓުލާ މީހުންގެ ލިސްޓާ ގުޅޭ 551 ޝަކުވާ

ވޯޓުލާ މީހުންގެ ލިސްޓާ ގުޅޭ 500 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި

23 ޖޫން 2023

ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 500 އަށް ވުރެ ގިނަ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 500 އަށް ވުރެ ގިނަ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 551 ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ ޝަކުވާތަކަށް އީސީން ޖަވާބު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އީސީން ދޭ ޖަވާބާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް އެ ފަރާތަކަށް ލިބިގެންވޭ،" އޭނާ ވިދާޅުވި އެވެ.

ހަބީބް ވިދާޅުވި ގޮތުގައި ‏ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އާންމުކުރުމުން، ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޝަކުވާ ހުށަނާޅާ މީހުންނަށް ދެން އެ ފުރުސަތު ބަންދުވީ އެވެ. އަދި ‏ދާއިމީ ލިސްޓުގައި ނަން ނެތް މީހަކަށް އަންނަ ސެޕްޓެމްބަރު މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ނުލިބޭނެ އެވެ.

އީސީން ބުނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ އަންނަ މަހުގެ 16 އިން އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.