Roadha Mihaaru
އިންޑިޔާ އާއި ލަންކާ ބްރިޖަކުން ގުޅާލަން ވިސްނަނީ

އިންޑިޔާ އާއި ލަންކާ ބްރިޖަކުން ގުޅާލަން ވިސްނަނީ

22 ޖުލައި 2023

އިންޑިޔާ އާއި ސްރީ ލަންކާ އާ ދެމެދު އިގުތިސޯދީ އަދި ހަކަތައިގެ ދާއިރާއިން ގުޅުން މިހާރަށްވުރެން ފުޅާކުރުމުގެ އިތުރުން ބްރިޖެއް މެދުވެރިކޮށް އެއްގަމުމަގުން ދެ ގައުމު ގުޅާލުމުގެ މަޝްވަރާކޮށްފި އެވެ.

އިންޑިޔާ އާއި ސްރީ ލަންކާ އާ ދެމެދު އިގުތިސޯދީ އަދި ހަކަތައިގެ ދާއިރާއިން ގުޅުން މިހާރަށްވުރެން ފުޅާކުރުމުގެ އިތުރުން ބްރިޖެއް މެދުވެރިކޮށް އެއްގަމުމަގުން ދެ ގައުމު ގުޅާލުމުގެ މަޝްވަރާކޮށްފި އެވެ.

ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު އިއްޔެ ވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން އެހެން ހަރުފަތަކަށް ގެންދިއުމަށް މަޝްވަރާ ކުރައްވައިފަ އެވެ.

ކޮވިޑާ ގުޅިގެން ލަންކާއަށް ކުރިމަތިވި އިގުތިސޯދީ ކާރިސާގައި އިންޑިޔާއިން ވަނީ 4 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެ ބައްދަލުވުމަށްފަހު ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ މިދިޔަ އަހަރަކީ ލަންކާއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި އަހަރެއް ކަމަށާއި، އެފަދަ ދަތި ދަނޑިވަޅެއްގައި ލަންކާ ފަދަ ގާތް ރަހުމަތެރި ގައުމަކާ އެކު އިންޑިޔާ އޮންނާނެ ކަމަށެވެ.

އަދި ދެ ގައުމަށް ފައިދާ ކުރަނިވި ދުރުރާސްތާގެ އިގުތިސޯދީ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން، މޯދީ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް އަވަސް ކުރުމުގެ އިތުރުން، ދެ ގައުމުގެ މެދުގައި ޕެޓްރޯލިއަމް ޕައިޕްލައިނެއް އެޅުމާއި އެއްގަމު ބްރިޖެއް ގާއިމުކުރެވިދާނެ ގޮތްތައް ދިރާސާ ކުރާނެ އެވެ.

އެ މަޝްވަރާތަކަށްފަހު އާންމުކުރި ރަސްމީ ކަރުދާހެއްގައި ބުނާ ގޮތުން، ދެ ގައުމު އެއްގަމުން ގުޅާލަން ވިސްނަނީ ޕޯކް ސްޓްރެއިޓުގެ ބައެއް ހިއްކައިގެން ގާއިމުކުރާ ބްރިޖަކުންނެވެ. އިންޑިޔާގެ ޓެމިލް ނާޑޫ ސްޓޭޓާއި ލަންކާގެ އެންމެ އުތުރުން އޮންނަ ޖެފްނާ ޑިސްޓްރިކްޓް ވަކިވެފައި އޮންނަނީ ޕޯކް ސްޓްރެއިޓުންނެވެ. ބައެއް ސަރަހައްދުތަކުގައި އެ ސްޓެއިޓުގެ ފުޅާމިނަކީ ގާތްގަނޑަކަށް 25 ކިލޯމީޓަރެވެ.