Roadha Mihaaru
ޓެރަރިޒަމާ ދެކޮޅަށް އިންޑިއާ-ލަންކާ އެކުގައި ތެދުވަނީ

ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރަން އިންޑިއާ-ލަންކާ އެއްބަސްވެއްޖެ

10 ޖޫން 2019

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގައި އިންޑިއާ އާއި ސްރީ ލަންކާ ގުޅިގެން މަސައްކަތްކުރަން އެއްބަސްވެފައިވާ ކަމަށް ލަންކާގެ ރައީސް އޮފީހުން އިއްޔެ ބުނެފި އެވެ.

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގައި އިންޑިއާ އާއި ސްރީ ލަންކާ ގުޅިގެން މަސައްކަތްކުރަން އެއްބަސްވެފައިވާ ކަމަށް ލަންކާގެ ރައީސް އޮފީހުން އިއްޔެ ބުނެފި އެވެ.

މޯދީ އިއްޔެ ލަންކާ އަށް ވަޑައިގެން އެ ގައުމުގެ ވެރިންނާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ބުނީ ވަރަށް ގިނަ މައްސަލަތަކާ ބެހޭ ގޮތުން ދެ ގައުމުން މަޝްވަރާކުރި ކަމަށެވެ. އޭގެ ތެރޭގައި، ދެ ގައުމުގެ ގުޅުމާއި ސަލާމަތީ ކަންކަމާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސްރީ ލަންކާ އާއި އިންޑިއާ އަކީ ޓެރަރިޒަމްގެ ޝިކާރައަކަށް ވެފައިވާ ކަމަށާއި އެހެންވެ ދެ ގައުމުން ވެސް ޓެރަރިޒަމްގެ އަމަލުތައް ކުށްވެރިކުރާ ކަމަށް ބުނެފައިވެ އެވެ. މި ނުރައްކަލުން ސަލާމަތްވުމަށް، ޓެރަރިޒަމާ ގުޅުން ހުރި ކަންކަމުގައި ދެ ގައުމުން ވީހާވެސް ބޮޑަށް އެއްބާރުލުން ދީ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިންޑިއާ އާއި ލަންކާއާ ދެމެދު އެވޭލާ ޒަމާނުން ފެށިގެން އޮންނަނީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި އެ ގުޅުން ދަމަހައްޓައި އިތުރަށް ވަރުގަަދަކުރުމުގެ މުހިންމުކަން ދެ ގައުމުގެ ވެރިން ވެސް ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ސިރިސޭނާގެ ދައުވަތަކަށް މޯދީ ލަންކާ އަށް ވަޑައިގަތީ، ލަންކާގައި އޭޕްރީލް މަހު ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު އެ ގައުމާ އެކު އިންޑިއާ އޮތް ކަމުގެ ރަމްޒެއްގެ ގޮތުގަ އެވެ. ލަންކާގައި ދިން ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އެ ހަމަލާތައް ދޭން އުޅޭކަން އިންޑިއާގެ ޖާސޫސީ އިދާރާތަކުން ލަންކާ އަށް މާކުރިން އިންޒާރު ދިން ނަމަވެސް ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާތީ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވި އެވެ.

މޯދީ އަކީ ލަންކާގައި ދިން ހަމަލާތަކަށް ފަހު އެ ގައުމަށް ވަޑައިގެންނެވި ބޭރު ގައުމެއްގެ ފުރަތަމަ ލީޑަރެވެ. އިއްޔެ ކުޑަ ވަގުތުކޮޅަކު ލަންކާގައި ހޭދަކުރެއްވުމަށް ފަހު މޯދީ ވަނީ ގައުމަށް ވަޑައިގެންފަ އެވެ.