Roadha Mihaaru
އިންޑިއާ އިން ލަންކާ އަށް 450 މިލިއަން ޑޮލަރު!

އިންޑިއާ އިން ލަންކާ އަށް 450 މިލިއަން ޑޮލަރުގެ ކްރެޑިޓް ދެނީ

02 ޑިސެމްބަރ 2019

ނިއު ދިއްލީ (ޑިސެމްބަރު 2) - ސްރީ ލަންކާގެ އިގްތިސާދު ވަރުގަދަ ކުރުމުގެ ގޮތުން 450 މިލިއަން ޑޮލަރު ދޭން އިންޑިއާ އިން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ޑިސެމްބަރު 2) - ސްރީ ލަންކާގެ އިގްތިސާދު ވަރުގަދަ ކުރުމުގެ ގޮތުން 450 މިލިއަން ޑޮލަރު ދޭން އިންޑިއާ އިން ނިންމައިފި އެވެ.

ސްރީ ލަންކާ އާއި އިންޑިއާ އަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އޮތް ދެ ގައުމު ކަމަށްވިޔަސް ފަހަކަށް އައިސް ޗއިނާ އިން ވަނީ ލަންކާގައި ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓްކޮށް ބިލިއަން ޑޮލަރުގެ ލޯނުދީފަ އެވެ.

ޗައިނާއާ ގާތްގުޅުމެއް ބާއްވާފައި ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ 10 އަހަރުގެ ވެރިކަމުގަ އެވެ. ރާޖަޕަކްސާ އާއިލާ ލަންކާގެ ވެރިކަމާ ދާދި ފަހުން ހަވާލުވި ނަމަވެސް ރައީސް ގޯޓާބޭ ރާޖަޕަކްސާ ބޭނުން ވަނީ އިންޑިއާއާ ވެސް ގުޅިގެން ކުރިއަށްދާށެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ގައުމާ މުޚާތަބު ކުރައްވާ ގޯޓާބޭ ދެއްވި ތަގްރީރުގައި ވެސް ވަނީ ޚާރިޖީ ސިޔާސަތު ބައްޓަން ކުރާނީ ވަކި ފަރާތަކަށް ނުޖެހޭ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންވިތާ 12 ދުވަސްތެރޭ އިންޑިއާ އަށް ވަޑައިގެން ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ މިދިޔަ ހުކުރު ދުވަހު ގޯޓާބޭ ވަނީ ބައްދަލު ކުރައްވައިފަ އެވެ. މޯދީ ވަނީ ލަންކާގެ އިގްތިސާދު ރަނގަޅު ކުރުމަށާއި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް 400 މިލިއަން ޑޮލަރުގެ ޑްރެޑިޓް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ލަންކާގެ ސަލާމަތީ ކަންކަމާއި އިންޓަލިޖެންސް ވަރުގަދަ ކުރުމަށް އިތުރު 50 މިލިއަން ޑޮލަރު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މޯދީ ވިދާޅުވީ އިންޑިއާ އާއި ލަންކާގެ ތަރައްގީ އާއި ސަލާމަތީ ކަންކަން ވަނީ އެއް ގައުމު އަނެއް ގައުމާ ގުޅިލާމެހިފައި ކަމަށެވެ.

ނޮވެމްބަރު 16 ވަނަ ދުވަހު ބޭއްވި އިންތިޚާބު ގޯޓާބޭ ކާމިޔާބު ކުރެއްވީ އިގްތިސާދު ހަރުދަނާކޮށް، ސަލާމަތީ ގޮތުން ފިޔަވަޅުތަައް ވަރުގަދަ ކުރައްވާނެކަމުގެ ވައުދާ އެކު އެވެ.