Roadha Mihaaru
ކްރެމްލިން ހަމަލާ: ޔޫކްރޭނުން ކުރި ކަމެއް ނޫން

ކްރެމްލިން ހަމަލާ: ޔޫކްރޭނުން ކުރި ކަމެއް ނޫން

04 މެއި 2023

ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިން އަށް، މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު ދޭން އުޅުނު ޑްރޯން ހަމަލާއަކީ، އެއްވެސް ގޮތަކުން ޔޫކްރޭނާ ގުޅުމެއް ހުރި ކަމެއް ނޫން ކަމަށް، ޔޫކްރޭނުން އިއްޔެ ބުނެފި އެވެ.

ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިން އަށް، މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު ދޭން އުޅުނު ޑްރޯން ހަމަލާއަކީ، އެއްވެސް ގޮތަކުން ޔޫކްރޭނާ ގުޅުމެއް ހުރި ކަމެއް ނޫން ކަމަށް، ޔޫކްރޭނުން އިއްޔެ ބުނެފި އެވެ.

ޔޫކްރޭނުން އެކަމަށް އިންކާރު ކުރި ނަމަވެސް، ރަޝިޔާ އިން ބުނި ގޮތުގައި ކްރެމްލިން އަށް ދިން ހަމަލާއަކީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަވަހާރަކޮށްލުމުގެ ނިޔަތުގައި ޔޫކްރޭން ސަރުކާރުން ދުރާލައި ރާވައިގެން ދިން ޓެރަރިސްޓް ހަމަލާއެކެވެ.

މިހާރު ފިންލެންޑުގައި ހުންނެވި ރައީސް ޒެލެންސްކީ އިއްޔެ ދެއްވި ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ ޔޫކްރޭނުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށެވެ.

"އަހަރެމެންގެ ހުރިހާވެސް ޝައުގުވެރިކަމެއް ހުރީ، ރަޝިޔާއިން މީގެ 15 ވަރަކަށް މަސް ކުރިން ފެށި އުދުވާނުން ޔޫކްރޭންގެ އަމިއްލަ ސަހަރުތަކާއި އަމިއްލަ އަވަށްތައް ދިފާއުކުރުމަށް. އަހަރެމެން ޕުޓިންއަށް ހަމަލާއެއް ނުދެން، ނުވަތަ މޮސްކޯއަކަށް ވެސް ހަމަލާއެއް ނުދެން. އަހަރެމެން ހަނގުރާމަ ކުރަމުން މިދަނީ އަހަރެމެންގެ އިމުގެ ތެރޭގައި،" ޒެލެންސްކީ ވިދާޅުވި އެވެ.

ރައީސް ޕުޓިން އަވަހާރަކޮށްލަން ޔޫކްރޭނުން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރުމަށް ރަޝިޔާ އިން ޝައުގުވެރިވަނީ ކީއްވެތޯ ސުވާލުކުރުމުން، ރައީސް ޒެލެންސްކީ ވިދާޅުވީ އެ ސުވާލުގެ ޖަވާބު ވަރަށް ސާފު ކަމަށެވެ.

"(މި ހަނގުރާމައިގައި) ރަޝިޔާ އަށް މިހާތަނަށް އެއްވެސް ކާމިޔާބެއް ނުލިބޭ. އަމިއްލަ ގައުމުގެ ރައްޔިތުން (މި ހަނގުރާމައާ މެދު) ހިތްހަމަޖައްސުވައިދޭނެ ގޮތެއް ވެސް މިހާރު ޕުޓިންއަކަށް ނެތް. އަދި ކާމިޔާބެއް ނުލިބި މަރުވާނެކަން އެނގޭއިރު، ރަޝިޔާގެ ސިފައިން ޔޫކްރޭނަށް ފޮނުވޭކަށް ވެސް މިހާރަކު ނެތް. އެހެންވީމާ، ރަޝިޔާގެ ރައްޔިތުން ހިތްހަމަޖައްސައިދޭނެ އެހެން ގޮތެއް ޕުޓިންއަށް އެބަ ބޭނުންވޭ."

ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި ކްރެމްލިން އަށް ދިން ހަމަލާއަކީ ރަޝިޔާ ސަރުކާރުގެ ރޭވުމުގެ މަތިން އަމިއްލަ އަށް ކޮށްގެން އުޅޭ ކަމެކެވެ. އަދި އެކަން ރާވައި ހިންގުމަށް ފަހު، ޔޫކްރޭން ސަރުކާރުގައި ތުހުމަތު އަޅުވަނީ، ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ އަށް ކުރިމަތިވެފައިވާ ނާކިޔާބީ ފޫބެއްދުމަށްޓަކައި، ޔޫކްރޭނާ ދެކޮޅަށް ނުރައްކާތެރި ހަތިޔާރު ބޭނުންކުރުމުގެ ބަހަނާއަކަށް އެކަން ހެދުމަށެވެ.

މި ހަމަލާއާ ބެހޭ ގޮތުން އެމެރިކާ އިން ބުނީ، ރަޝިޔާ އިން ދައްކާ އެއްވެސް ވާހަކައެއް ގަބޫލުކުރެވޭނީ އެކަމުގެ ފުރިހަމަ ހެކި ލިބުމަށް ފަހު ކަމަށެވެ. އަދި އެ ހާދިސާ އިތުރަށް ދިރާސާ ކުރަމުން އަންނަ ކަމަށާއި، އެއީ ކޮންމެ ބަޔަކު ދިން ހަމަލާއެއް ކަމަށް ވިޔަސް ކްރެމްލިންގެ ސަލާމަތީ ފިޔަވަޅުތައް ފޫދިއުމަކީ ފާހަގަ ކޮށްލެވޭ ކަމެއް ކަމަށް އެމެރިކާ އިން ބުންޏެވެ.

ކްރެމްލިން އަށް ދިން ޑްރޯން ހަމަލާ ފެންނަ ވީޑިއޯއެއް ކަމަށް ބުނެ، ޓެލެގްރާމް ޗެނަލެއްގައި އެންމެ ފުރަތަމަ ވީޑިއޯއެއް އާންމު ކުރީ، އަންގާރަ ދުވަހުގެ ރޭގަނޑު ދަންވަރު 2:37ގަ އެވެ. ނަމަވެސް ރަޝިޔާގެ ރަސްމީ ދެ ނޫސް އޭޖެންސީ ކަމަށްވާ ޓާސް އާއި ރިއާ އިން އެ ޚަބަރު އާންމު ކުރީ އެ ހާދިސާ ހިނގިތާ 12 ގަޑިއިރު ފަހުން، ބުދަ ދުވަހުގެ މެންދުރު ފަހު 2:33 ހާއިރެވެ.

އެ ދެ ވީޑިއޯގައި ވެސް ފެންނަނީ ކްރެމްލިންގެ މަތީގައިވާ ގުއްބާ ދިމާލަށް ޑްރޯނެއް ދަތުރުކޮށްފައި ދާ މަންޒަރެވެ. ކޮންމެ ޑްރޯނެއް ވެސް އެ ގުއްބާ ވަރަށް ކައިރިވެފައި ހުއްޓައި ވައިގެ ތެރެއަށް ގޮވައި އޭގައި ހުޅު ރޯވެ އެވެ. އަދި ވައިގެ ތެރެއަށް އޮލަ ދުންގަނޑެއް ފެތުރިގެން ދެ އެވެ. ދެ ވަނަ ޑްރޯން ކްރެމްލިންގެ މަތިން ގޮއްވައިލީ، ފުރަތަމަ ޑްރޯން ގޮއްވައިލިތާ 16 ވަރަކަށް މިނެޓް ފަހުންނެވެ.

އަދި ދެ ވަނަ ޑްރޯން ކްރެމްލިންއާ ދިމާލަށް ދަތުރުކުރި ވަގުތު، ކްރެމްލިންގެ ގުއްބުގައި ހަރުކޮށްފައިވާ ހަރުގަނޑުން ދެ މީހަކު ޓޯޗު ބައްތި ހިފައިގެން މައްޗަށް އަރާ މަންޒަރު ފެނެ އެވެ. ބެލެވޭ ގޮތުގައި އެ ދެ މީހުން ގުއްބަށް އެރީ، ފުރަތަމަ ޑްރޯން ގޮއްވައިލުމުން ކްރެމްލިންގެ ގުއްބަށް ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރު ކޮށްފައިވާތީ އެކަން ހައްލު ކުރުމަށެވެ.

ޔޫކްރޭންގެ ރައީސް ޒެލެންސްކީގެ ތަރުޖަމާނު ނީކީފޮރޯވް ވިދާޅުވި ގޮތުގައި ކްރެމްލިންގެ މަތީގައި އެ ކުރި ކަމެއް ކުރީ، މޭ 9 ގެ ރަސްމިއްޔާތަށް އެ ގައުމުގެ ރައްޔިތުންގެ މެދުގައި ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން، ރަޝިޔާ ސަރުކާރުން އަމިއްލަ އަށް ރާވައިގެންނެވެ. އަދި ރަޝިޔާ އިން މިފަދަ ހީލަތްތެރި ކަމެއް ކޮށްފާނެ ކަމަށް ކުރިން ވެސް ލަފާކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 9 ވަނަ ދުވަސް ރަޝިޔާގައި ފާހަގަކުރަނީ ނަސްރުގެ ދުވަހުގެ ގޮތުގަ އެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަންގެ ސިފައިންގެ މައްޗަށް ރަޝިޔާގެ ރަތް ލަޝްކަރު ކުރި ހޯދީ، މެއި 9، 1945 ގަ އެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގެ މެއި މަހުގެ 9 ވަނަ ދުވަހު، އަސްކަރީ ބޮޑު ހިނގާލުމެއް ބާއްވައި، ވަރަށް ކުލަ ގަދަ ގޮތަކަށް ރަޝިޔާގަޔާއި، ކުރީގެ ސޮވިއެޓް ޔުނިއަންގެ ގައުމުތަކުގައި އެ ދުވަސް ފާހަގަކުރެ އެވެ. އޭގެ ތެރޭގައި ޔޫކްރޭން ވެސް ހިމެނެ އެވެ.