Roadha Mihaaru
ޔާމީންގެ ފޯމުގައި ސޮއިކުރެވޭ ގޮތް ހަދަން އެދިއްޖެ

ޔާމީންގެ ކެންޑިޑެސީ ފޯމުގައި ސޮއިކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން އެދިއްޖެ

24 ޖުލައި 2023

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމުގައި އެމަނިކުފާނަށް ސޮއިކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި އެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމުގައި އެމަނިކުފާނަށް ސޮއިކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި އެދިއްޖެ އެވެ.

އިދިކޮޅު، ޕީޕީއެމުން ވަނީ އެ އިންތިޒާމަށް އެދި ކަރެކްޝަންސަށް ސިޓީއެއް ފޮނުވައިފަ އެވެ. މިގޮތަށް މިއެދުނީ، ވަކީލުން އެމަނިކުފާނާ އިއްޔެ ބައްދަލުކުރިޔަ ނުދިނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ކަންބޮޑުވުންފާޅުކުރުމަށް ފަހު އެވެ.

އެ ބައްދަލުވުމަށް ފުރުސަތު ނުދިނީ ކަރެކްޝަންސުން ބުނި ގޮތުގައި ޖަލަށް ވައްދަން އުޅުނު ފައިލެއް ދައްކަން ވަކީލުން ދެކޮޅު ހެދުމުންނެވެ.

ކަރެކްޝަނަލް ސާވިސްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ސިޓީގައި އެދުނު ގޮތަށް ޔާމީނަށް ސޮއިކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ.

މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ޔާމީން ރައީސްކަމަށް ވާދަކުރައްވާ ފޯމު ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމުން އަންނަނީ ކުރަމުންނެވެ. އެމަނިކުފާނަށް އިއްވާފައިވާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ހުކުމާ ހެދި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ޝަރުތެއް އުނިވެފައި ވިޔަސް ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށާއި ވާދަކުރެއްވޭނެ ކަަމަށް ޕީޕީއެމުން ބުނެ އެވެ.

ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެ އެވެ.

އެމަނިކުފާނުގެ ކެންޑިޑެސީއާ މެދު ގޮތެއް ނިންމާނީ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ފޯމު ލިބުމުންނެވެ. ގާނޫނު ބުނާ ގޮތުން ފޯމު ހުށަހަޅާތާ 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަން ޖެހެ އެވެ.

ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު ހައި ކޯޓުގައި ކުރިއަށް ދިޔައަސް އެ މައްސަލައިން އިންތިހާބުގެ ކުރިއަށް އެމަނިކުފާނު ސަލާމަތްވުމުގެ ދޮރު ވެސް ގާތްގަނޑަކަށް މިހާރު އޮތީ ބަންދުވެފަ އެވެ.

ޕީޕީއެމުން ތުހުމަތުކުރާ ގޮތުގައި ޔާމީން ވާދަކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުން އިސްތިއުނާފް ލަސްކުރުމަށް ހައި ކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނެގުމަށް ސަރުކާރުން ވަނީ މަޖުބޫރުކޮށްފަ އެވެ. އެހެންވިޔަސް ސުޕްރީމް ކޯޓާ ހިސާބުން އެމަނިކުފާނަށް ކާމިޔާބު ލިބޭނެ ކަަމަށް ޕީޕީއެމުން ބުނެ އެވެ.

ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދޭން އެދި ވަކީލުން ސުޕްރީމް ކޯޓަށް އާދީއްތަދުވަހުގެ ރޭ ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން އިއްޔެ ވަނީ ނިންމައިފަ އެވެ.

އެހެންވިޔަސް ޔާމީން ނޫން އެހެން ކެންޑިޑޭޓެއް ނެރުމުގެ ވިސްނުން ނެތް ކަމަށް ޕީޕީއެމުން ބުންޏެވެ.