Roadha Mihaaru
ފާރިސް ރިޔާސީ ރޭހަށް ނުކުންނަން ރެކޯޑް ސާފުކުރަނީ

ފާރިސް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ނިންމަވައި ރެކޯޑް ސާފުކުރައްވަނީ

23 ޖުލައި 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ނިންމަވައި އިދާރީ ބައެއް މަސައްކަތްތައް ފައްޓަވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ނިންމަވައި އިދާރީ ބައެއް މަސައްކަތްތައް ފައްޓަވައިފި އެވެ.

އެ ޕާޓީގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް ތައްޔާރުވެވަޑައިގަންނަވަނީ އެމްއާރުއެމަށް ގާނޫނީ ހުރަސްތަކެއް ކުރިމަތިވެއްޖެ ނަމަ އަމިއްލަ ގޮތުން ވެސް އިންތިހާބުގައި ވާދަކުރައްވަން ކަމަށެވެ.

އެހެންވެ އޮފިޝަލް ވިދާޅުވިގޮތުގައި، ފާރިސް މިހާރު ވަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކުން ރެކޯޑް ސާފުކުރުން ފަދަ ބައެއް ކަންކަން ފައްޓަވައިފަ އެވެ. އޭގެ ތަފުސީލެއް އެމްއާރުއެމުން އަދި ނުދެ އެވެ.

އެމްއާރުއެމަށް ކުރިމަތިވެފައިވާ ގާނޫނީ ހުރަހަކީ 3،000 މެމްބަރުން ހަމަކުރުމުގެ މައްސަލަ އެވެ. ގާނޫނުގައި ބުނާ އަދަދު ކަމަށްވާ 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އެމްއާރުއެމް އުވާލަން ނިންމައިފަ އެވެ. އެކަމަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ޕާޓީ އުވާލުމުގެ އެއްވެސް ކަމެއް ނުކުރަން އީސީގެ މައްޗަށް އޮތީ އަމުރުކޮށްފަ އެވެ. އެ ނިންމުން މުރާޖައާ ކުރަން އީސީން ހުށަހެޅުމުން ވެސް ނިމުނީ ކޮމިޝަނާ ދެކޮޅަށެވެ.

ނަމަވެސް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބާއްވާ އެއްވެސް ބައްދަލުވުމެއްގައި އެމްއާރުއެމް ބައިވެރި ނުކުރެ އެވެ. އެ ކަންބޮޑުވުން ވެސް އެ ޕާޓީން ވަނީ ފާޅުކޮށްފަ އެވެ.

"މިއީ ކޯޓުގެ އަމުރާ އިލެކްޝަންސް ކޮމިޝަނުން ޚިލާފުވުން، މިގޮތަށް އަމަލުކުރަމުންދާތީ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަފާނެ ކަމާ މެދު ވެސް ސުވާލު އުފެދޭ،" އެމްއާރުއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ މިއަދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ އިދާރީ މަސައްކަތް ފާރިސް ފެއްޓެވިޔަސް އެމްއާރުއެމްގެ ކައުންސިލުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ވެ އެވެ.

ނާދިރާ ވިދާޅުވި ގޮތުގައި އިންތިހާބުގައި އެމްއާރުއެމް ވާދަކުރުމާ ގުޅޭ ގޮތުން ނުވަތަ ކޯލިޝަނަކާ އެކު ކުރިއަށް ދިޔައަސް ގޮތެއް ނިންމާނީ އެ ޕާޓީގެ ކައުންސިލުންނެވެ. މިހާތަނަށް އިންތިހާބުގައި ވާދަކުރުމާއި ނުކުރުމާ ގުޅޭ ގޮތުން ނިންމުމެއް ނެތް ކަަމަށް ވިދާޅުވި އެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަން އެމްއާރުއެމް އޮތީ ތައްޔާރަށް ކަމަށް ފާރިސް ވަނީ ކުރިން ވިދާޅުވެފަ އެވެ.