Roadha Mihaaru
އެމްއާރުއެމް އެކަނިވެސް އިންތިހާބަށް ނުކުންނަން ތައްޔާރު: ފާރިސް

އެމްއާރުއެމް އެކަނިވެސް އިންތިހާބަށް ނުކުންނަން ތައްޔާރު: ފާރިސް

20 މާޗް 2023

މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެކިއެކި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރިޔަސް އެމްއާރުއެމުން އިސްވެ އެ އިންތިހާބަށް ނުކުންނަން ތައްޔާރު ކަމަށް އެ ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެކިއެކި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރިޔަސް އެމްއާރުއެމުން އިސްވެ އެ އިންތިހާބަށް ނުކުންނަން ތައްޔާރު ކަމަށް އެ ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެދިވަޑައިގަތުމަށް އެމްއާރުއެމްގެ ލީޑަޝިޕުން ގާސިމާއެކު ބޭއްވި ބައްދަލުވުމަށް ފަހު "މިހާރު" އާ ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ، އެކި ފަރާތްތަކާ މަޝްވަރާ ކުރިޔަސް މުޅި ގައުމަށްޓަކައި އެމްއާރުއެމް ގެންގުޅޭ ވިސްނުމާ އެއްގޮތް ވިސްނުމެއް ނެތް ނަމަ އެ ޕާޓީން އިންތިހާބަށް ނުކުންނަން ތައްޔާރު ކަމަށެވެ.

"ބޮޓޮމްލައިނަކީ އެމްއާރުއެމް އެކަނިވެސް [އިންތިހާބަށް] ނުކުންނާނެ. ވަކި ބަޔަކާއެކު އިންތިހާބަށް ނުކުންނަން ލާޒިމެއް ނޫން. އެތިކޮޅެއް ލިބިދާނެތީ އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތައް ދޫކޮށްލާފައި ދިއުން ލާޒިމެއް ނޫން،" ގާސިމާއެކު އޮތް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފާރިސް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ފާރިސްގެ އިތުރުން އެމްއާރުއެމްގެ މުސްތަޝާރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ބައިވެރިވެވަޑައިގެން ގާސިމްގެ ހުށަހެޅުއްވުމާ މެދު މަޝްވަރާ ކުރެއްވި އެވެ.

ފާރިސް ވިދާޅުވިގޮތުގައި، ގާސިމާ އެމްއާރުއެމުން ބައްދަލުކުރީ ގާސިމްގެ އެދިވަޑައިގަތުމަކަށެވެ.

މި ފަހަރުގެ އިންތިހާބަށްޓަކައި ޖުމްހޫރީ ޕާޓީ އިސްވެ ކޯލިޝަން ހަދާ ނަމަ އެކި ފަރާތްތަކާއެކު މަޝްވަރާ ކުރުމުގެ ބާރު އެ ޕާޓީގެ ކައުންސިލުން ވަނީ ގާސިމަށް ދީފަ އެވެ. އެންމެ ފަހުން ބޭއްވި ޖޭޕީގެ ކޮންގްރެސް އިން ފާސްކޮށްފައި ވަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖޭޕީން ވަކިން ނުކުންނަން ނުވަތަ އެ ޕާޓީ އިސްވެ ހަދާ ކޯލިޝަނަކުން އެ އިންތިހާބުގައި ވާދަކުރުމަށެވެ.

އެމްއާރުއެމާއެކު ބޭއްވި ބައްދަލުވުމަށް ގާސިމް ވަޑައިގަތުމުން، މައުމޫންގެ އޮފީހުގެ އިސްބޭފުޅެއް ކަމަށްވާ އިގުބާލް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެމްއާރުއެމާއެކު ބޭއްވި ބައްދަލުވުމަށް ގާސިމް ވަޑައިގަތުމުން، މައުމޫންގެ އޮފީހުގެ އިސްބޭފުޅެއް ކަމަށްވާ އިގުބާލް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ޖޭޕީން އިސްވެ އުފައްދާ ސަރުކާރެއްގައި އެމްއާރުއެމްގެ ބައިވެރިވުން ހޯދަން ގާސިމް މަޝްވަރާ ކުރެއްވީ. އަޅުގަނޑުމެން ދެންނެވީ އިތުރަށް ޖޭޕީއާއެކު ވާހަކަ ދައްކަން ބޭނުމޭ. ދެން ގާސިމްގެ ފަރާތްޕުޅުން ތިން ބޭފުޅަކު ކަނޑައަޅުއްވައި ތަފުސީލީ ގޮތެއްގައި ވާހަކަ ދައްކަން ނިންމީ،" ބައްދަލުވުމުގެ މައުލޫމާތު ދެއްވަމުން ފާރިސް ވިދާޅުވި އެވެ.

މައުމޫންގެ ދަރިކަލުން ފާރިސް ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބަށް އެއްވެސް ބަޔަކާއެކު ތަފުސީލީ ވާހަކަ ނުދައްކައި އެމްއާރުއެމަށް ކުރިއަށް ދާން ދަތި ކަމަށެވެ.

"އަޅުގަނޑުމެންގެ ވެސް ޕޮލިސީ ޕެކޭޖެއް އެބައޮތް. މެނިފެސްޓޯއެއް ވެސް އެބަ ތައްޔާރު ކުރަން. އެ ހުރިހާ ކަމަކަށް ބަލައި އެންމެ ރަނގަޅު ސޮލިއުޝަނެއް އަޅުގަނޑުމެން ހޯދާނީ. އެ ސޮލިއުޝަން ހޯދައި ނުދެވޭ ބަޔަކާއެކީ އަޅުގަނޑުމެން ކުރިއަށް ދާކަށް ލާޒިމެއް ނޫން. އެމްއާރުއެމުން ކެންޑިޑޭޓެއް ނެރެގެން ކުރިއަށް ދާން ވެސް އަޅުގަނޑުމެން ތައްޔާރު،" ފާރިސް ވިދާޅުވި އެވެ.

ގާސިމްގެ އެދިވަޑައިގަތުމަކަށް ބޭއްވި ބައްދަލުވުމަށް މައުމޫން ވަޑައިގެން މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ|މިހާރު

ގާސިމްގެ އެދިވަޑައިގަތުމަކަށް ބޭއްވި ބައްދަލުވުމަށް މައުމޫން ވަޑައިގެން މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ|މިހާރު

އޭނާ ވިދާޅުވީ، ދިވެހިންގެ ހައްގުތައް ގެއްލި، ހާސްކަމުގެ ތެރޭގައި އެ މީހުން ބައިތިއްބަން އެމްއާރުއެމަށް އަނެއް ފަސް އަހަރު ދޫނުކުރެވޭނެ ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްއާރުއެމްގެ ޓިކެޓްގައި ފާރިސް ނުކުމެވަޑައިގަންނަވާ ވާހަކަ ވެސް ވަނީ ފެތުރިފަ އެވެ. އެކަމަކު، ފާރިސް އެ ކަމާ ގުޅޭ ގޮތުން އަދި ވާހަކައެއް ނުދައްކަވަ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މައުމޫން ވެސް އިއްޔެ ވަނީ ބައްދަލުކުރައްވައިފަ އެވެ. އެކަމަކު، ދެ ފަރާތުން ވެސް އެއްބަސްވީ ތަފުސީލީ ގޮތެއްގައި އިތުރަށް މަޝްވަރާ ކުރާށެވެ.

އެމްއާރުއެމުން ހުށަހަޅަނީ އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް އަދި ކޮރަޕްޝަނާ ދުރުވިސްނުމެއްގައި ކުރިއަށް ދެވޭނެ ކަންތައްތަކެއް ކަމަށް ފާރިސް ވިދާޅުވި އެވެ. އެ ތިން ކަމަށް ޔަގީންކަން ނުދެވޭ ބަޔަކާއެކު ކުރިއަށް ދާން ދަތިވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވެ އެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބަށް އެކި ފަރާތްތަކުން ގެންދަނީ ތާއީދު ހޯދުމުގެ މަޝްވަރާތައް ބާއްވަމުންނެވެ. މި ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިންގެ ތެރެއިން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީއާއެކު ތިބޭނެ ކަމަށް މިހާތަނަށް އެއްބަސްވީ އަދާލަތު ޕާޓީން އެކަންޏެވެ. ދެން އެމްޑީޕީއާއެކު ކުރިއަށް ދާނެ ކަމަށް ބުނެފައި ވަނީ ސަން ޓްރެވެލް އަހުމަދު ސިޔާމްގެ އެމްޑީއޭ އިންނެވެ.