Roadha Mihaaru

ޔާމީނަށް ޖަމީލު އިހުލާސްތެރިއެއް ނުވާނެ، ހެކި އެބަހުރި: ނައިބު ރައީސް

27 ނޮވެމްބަރ 2023

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލަކީ އިތުބާރު ކުރެވޭ ފަދަ ބޭފުޅެއް ނޫން ކަމަށާއި އޭނާގެ ބޮޑެތި އޮޅުވާލުންތަކެއް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް ހާމަވެފައިވާ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އިއްޔެ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލަކީ އިތުބާރު ކުރެވޭ ފަދަ ބޭފުޅެއް ނޫން ކަމަށާއި އޭނާގެ ބޮޑެތި އޮޅުވާލުންތަކެއް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް ހާމަވެފައިވާ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އިއްޔެ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާ ވަކިވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ޖަމީލު އިސްކޮށް ބަހައްޓަވައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްޕުޅު ކުރައްވަމުންނެވެ. ނަމަވެސް، ޕީޕީއެމްގެ ލީޑަޝިޕްގައި ހުންނެވި އެއްވެސް ބޭފުޅެއްގެ ތާއިދު އެކަމަކަށް ނުލިބެ އެވެ.

ނައިބު ރައީސް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އަބަދުވެސް ޔާމީނަށް އިހުތިރާމް ކުރާނެ ކަމަށާއި ނަމަވެސް، ޖަމީލާ އެކު އެ ވަޑައިގަންނަވާ މިސްރާބަކީ އެ މަނިކުފާނު އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެއީ ޔާމީނަށް ހެޔޮ ނޭދޭނެ ޖަމީލު ފަދަ ބޭފުޅުންގެ ނުރަނގަޅު ވިސްނުންތަކާއި ނުފޫޒުތަކުގެ ތެރެއިން ޔާމީން ކުރައްވާ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ޔާމީންގެ ނިންމުމަށް އިހުތިރާމް ކުރާނަން. އެހެން ނަމަވެސް، މިއަދު ގަބޫލު ކުރަނީ އެ ނިންމި ނިންމުމުގައި އެހެން ބައެއްގެ ވަރަށް ބޮޑެތި ނުފޫޒުތަކެއް ނުވަތަ ވިސްނުންތަކެއް އެބަ ހުއްޓޭ، އެއިކީ އެ މަނިކުފާނަށް އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑު ހުދު ގަބޫލެއް ނުކުރަން،" ކުރިން ޔާމީނާ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އަދި ދާދި ފަހަކާ ޖެހެންދެން ވެސް މުއާމަލާތް ކުރެއްވި ހުސައިން ވިދާޅުވި އެވެ.

"އެއީ އެކަމުގައި އިސްކޮށް ނުކުންނަވާފައި އެ ތިއްބެވި ބޭފުޅުންނަކީ މި ރާއްޖޭގައި ސިޔާސީ މަސްރަހަށް ބަލާއިރު ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ވަރަށް ގޯސްކޮށް އަމަލުކޮށްފައިވާ ބޭފުޅުން."

ނައިބު ރައީސް ވަނީ ޔާމީނާ އެކު މިހާރު ހުންނެވި ޖަމީލާ ގުޅޭ ގޮތުން ވަރަށް ގިނަ ތުހުމަތުތަކެއް ވެސް ކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޔާމީންގެ ނޯޓުތައް ކަމަށް ވިދާޅުވެ، ހަގީގަތް އޮޅޭ ފަދަ ނޯޓުތައް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާ ހަމައަށް ޖަމީލް ގެންނަވާފައި އެބަހުއްޓެވެ. ޖަމީލުގެ އެހެން ވިސްނުންތަކެއް ހުރި ކަން އަންގައިދޭ އޯޑިއޯއެއް އަޑުއިވިފައިވާ ކަމަށާއި ޖަމީލްގެ އެއްވެސް އިހުލާސްތެރިކަމެއް ޔާމީނާ މެދު ނެތް ކަން ސާބިތުވެފައިވާ ކަމަށް ނައިބު ރައީސް ހުސައިން ވިދާޅުވި އެވެ.

"ވަރަށް ބޮޑެތި ދޮގު ހައްދަވާފައި ހުރީ. ލީޑަޝިޕަށް ވަޑައިގެން ވަރަށް ގިނަ އިތުރުފުޅުތައް ހައްދަވާފައި ހުރިކަން އަޅުގަނޑު މި ދަންނަވަނީ ވަރަށް ސާބިތުކަމާއި ޔަގީންކަމާ އެކު، އެކަމުގެ ހެކި އަޅުގަނޑުމެންގެ އަތުގައި ހުރީމާ. ރައީސް ޔާމީން ވިދާޅުވިއޭ ކިޔާފައި ވާހަކަތައް، އަޅުގަނޑު ހުދު އޯޑިއޯއެއް ވެސް އަޑުއެހިން، އޭގައި ވެސް އިތުރުފުޅުތަކެއް ހައްދަވާފައި ހުރީ،" ނައިބު ރައީސް ވިދާޅުވި އެވެ.

"ޑރ. ޖަމީލު ވެރިކަން ބޭނުންވެފައި ހުރި ވަރު އެ ހިސާބުން ވެސް ދޭހަވާނެ. އަޑުއެހީމާ އެނގުނީ ޖަމީލުގެ އިހުލާސްތެރިކަން ހުރި މިންވަރު."

ކުރީގެ ރައީސް ޔާމީންއާ އެކު ރައީސް މުއިއްޒު އަދި ނައިބު ރައީސް: ޔާމީނަށް އެދޭ ބޭފުޅުން ތިއްބެވީ ޕީޕީއެމްގައި ކަމަށް ވިދާޅުވި

ކުރީގެ ރައީސް ޔާމީންއާ އެކު ރައީސް މުއިއްޒު އަދި ނައިބު ރައީސް: ޔާމީނަށް އެދޭ ބޭފުޅުން ތިއްބެވީ ޕީޕީއެމްގައި ކަމަށް ވިދާޅުވި

އެ އޯޑިއޯގެ ތަފުސީލު ނައިބު ރައީސް ނުދެއްވި ނަމަވެސް، ވިދާޅުވީ އެ މަނިކުފާނާ އެކު އެ އޯޑިއޯ ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ކުރީގެ މެންބަރު އަދި މާލެ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު އަޑުއެއްސެވި ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެ ކަންކަން ހާމަކުރަން ޖެހިއްޖެ ނަމަ، އެކަން ވެސް ކުރަން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ތައްޔާރަށް އޮތް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޖަމީލާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަކީ ކޮންމެ ސަރުކާރެއް ވެސް އުފެދުމާ އެކު، އެ ސަރުކާރެއް ވައްޓާލުމަށް މަސައްކަތް ކުރައްވާ، ސިޔާސީ ތާރީހު ވަރަށް ހުތުރު ދެ ބޭފުޅުންނެވެ. އެތައް ތަރައްގީއެއް ރާއްޖެ ގެންނަވަނިކޮށް، ޔާމީންގެ ވެރިކަމާ ދެކޮޅަށް އެ މަނިކުފާނާ ދެކޮޅަށް ބޮޑެތި ތުހުމަތެއް ކުރައްވަމުން ވެސް ގެންދެވީ ހަމަ ޖަމީލު ކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

"ކޮންމެ ސަރުކާރެއް ވެސް އުފެދުމަށް ފަހު އެ ސަރުކާރަކާ ދެކޮޅަށް މަސައްކަތްކޮށް ވައްޓާލަން މަސައްކަތް ކުރަމުންދާ ތަން. ހަމަ އެ ސިފަތައް އެ ބޭފުޅުންގެ ފަރާތުން އެ ފެންނަނީ. ރައީސް ޔާމީން ކުރެއްވީ ވަރަށް ވަރުގަދަ ވެރިކަމެއް 2018 އާ ހަމައަށް. އެ ވެރިކަމުގައި އެބަހުރި ވަރަށް ބޮޑެތި މަޝްރޫއުތައް ހިންގަވާފައި. އޭރު އެ ވެރިކަން ވައްޓާލަން ނުކުތް ދެ ބޭފުޅުން [ޖަމީލާއި މަލީހް] އިސްކޮށް އެ ތިއްބެވީ،" ނައިބު ރައީސް ވިދާޅުވި އެވެ.

"އެވަރު ބޭފުޅެއް އެއީ، ރާއްޖޭން ބޭރުގައި ހުންނަވައިގެން އުމުރު ދުވަހު ޔާމީން ޖަލުގައި އޮންނަން ޖެހޭ ކަމަށް ވެސް ވިދާޅުވި."

ލީޑަޝިޕަށް ވަޑައިގެން ވަރަށް ގިނަ އިތުރުފުޅުތައް ހައްދަވާފައިހުރިކަން އަޅުގަނޑު މި ދަންނަވަނީ ވަރަށް ސާބިތުކަމާއި ޔަގީންކަމާ އެކު އެކަމުގެ ހެކި އަޅުގަނޑުމެންގެ އަތުގައި ހުރީމަ. އަޅުގަނޑު ހުދު އޯޑިއޯއެއް ވެސް އަޑުއެހިން، އޭގައި ވެސް އިތުރުފުޅުތަކެއް ހައްދަވާފައި ހުރީ. ޑރ. ޖަމީލު ވެރިކަން ބޭނުންވެފައި ހުރި ވަރު އެ ހިސާބުން ވެސް ދޭހަވާނެ.

ހުސައިން ވިދާޅުވީ، ނައިބު ރައީސް ކަމަށް ޖަމީލުގެ އިތުބާރު ނެތް ކަމަށް އޭރު މަޖިލީހުގެ ޕީޕީއެމްގެ ހުރިހާ މެންބަރުން ގުޅިގެން ފާސްކުރީ ވެސް ޔާމީނަށްޓަކައި ކަމަށާއި އެ މަނިކުފާނުގެ ވެރިކަން ދަމަހައްޓަން ބޭނުންވާތީ ކަމަށެވެ.

"ރައީސް ޔާމީން މުލީއާގެ އަށް ވަޑައިގެން ނޯޓްތަކެއް ދެއްކެވުމަށް ފަހު ވިދާޅުވީ ތިމަން މަނިކުފާނަށް ޖަމީލަށް އިތުބާރެއް ނެތޭ. އެހާ ހިސާބުން އަޅުގަނޑުމެން ހުރިހާ މެންބަރުން އެކީ އެކައްޗަކަށް އެކަން [ޖަމީލްގެ އިތުބާރު ނެތްކަމަށް ފާސްކުރުން] ކޮށްދިނީ. ޖަމީލުގެ އިތުބާރު ނެތް ކަމަށް ފާސްކުރީ،" ނައިބު ރައީސް ވިދާޅުވި އެވެ.

އެ ދުވަހު ޔާމީންގެ އެދިވަޑައިގަތުމާ އެއްގޮތަށް ޕީޕީއެމްގެ މަޖިލިސް މެންބަރުން ނިންމެވި ނިންމެވުމާ ދެކޮޅަށް، ބަދަލު ހޯއްދަވަން ޖަމީލު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމުން އެކަމާ ދެކޮޅަށް ތެދުވާން ޕީޕީއެމްގެ މެންބަރުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް، ޔާމީން އެދިވަޑައިގަތީ އެކަން ހުއްޓާލުމަށް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"އެކަމާ ދެކޮޅަށް ތެދުވާން ވެސް މަސައްކަތް ކުރިން އެކަމަކު ޔާމީން އެންގުވުމަށް އެކަން އަޅުގަނޑުމެން ދޫކޮށްލީ،" ނައިބު ރައީސް ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ފަރެސްމާތޮޑާ އިން ހުސެއިން މުހައްމަދު ލަތީފް އޭރުގެ ރައީސަށް މަރުހަބާ ދަންނަވަނީ

ޔާމީންގެ ވެރިކަމުގައި ފަރެސްމާތޮޑާ އިން ހުސެއިން މުހައްމަދު ލަތީފް އޭރުގެ ރައީސަށް މަރުހަބާ ދަންނަވަނީ

ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން ވެސް އެނގެނީ ނައިބު ރައީސް ވިދާޅުވި ގޮތުގައި، ޔާމީންގެ އިސް ވަކީލެއްގެ ގޮތުގައި ހުންނަވާ ޖަމީލު ނުކުންނެވީ ޔާމީނާ ދެކޮޅަށްކަން ކަމާއި ޖަމީލުގެ ހިތް ޔާމީނަށް ހެޔޮ ނުވާނެ ކަމެވެ. ވަކީލެއްގެ ހައިސިއްޔަތުން ޔާމީންގެ މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތަށް ވެސް ނައިބު ރައީސް ފާޑުވިދާޅުވި އެވެ. ވިދާޅުވީ، ބައެއް ކަންކަން މުއްދަތަށް ޖަމީލު ކުރައްވާފައިނުވާ ކަމަށެވެ.

"...އަދި މި ވެރިކަމަށް ހަފުތާއެއް ހަމަ ނުވޭ. ގާނޫނު ހިންގުމަށްޓަކައި އަދި ފުރިހަމަ ބާރު ނުލިބިގެން އުޅޭއިރު މުޖުތަމައު ތެރޭގައި ހަމަނުޖެހުން އުފައްދަން ވާހަކަ އެ ބޭފުޅުން މި ދައްކަނީ. މިއީ ރައީސް ޔާމީނަށް ހެޔޮއެދިގެން އުޅޭ ބައެއް ނޫން. ރައީސް ޔާމީނަށް ހެޔޮ އެދޭނެ ބޭފުޅުން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގައި އެ ތިއްބެވީ. އޭގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ލާމަސީލް މިސާލެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވިއޭ ކިޔާފައި ވާހަކަތައް، އަޅުގަނޑު ހުދު އޯޑިއޯއެއް ވެސް އަޑުއެހިން، އޭގައި ވެސް އިތުރުފުޅުތަކެއް ހައްދަވާފައި ހުރީ،"---- ނައިބު ރައީސް

ޔާމީނަށް ކުރިން ދިން ރިޔާސީ ޓިކެޓާ ދެކޮޅަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ޔާމީން އަންގަވައިގެން ހިންގި ޕާޓީގެ އެތެރޭގެ ތަހުގީގުން ވެސް ރައީސްގެ އިހުލާސްތެރިކަން، ޔާމީނަށް ސާބިތުވެފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެ ވަގުތުގައި ވެސް ރައީސް މުއިއްޒު އަމަލު ކުރައްވަމުން ގެންދެވީ ޔާމީންގެ އެންގުވުމާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.

"ބޮޑު ތަހުގީގެއް އެ މަނިކުފާނާ ދެކޮޅަށް ހިންގެވިއިރު ވެސް ހަމަ ވިދާޅުވި ކޮންމެ ފަހަރަކު ގަޑިއަކަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގެން ހުންނެވީ. އަޅުގަނޑަށް ފެނުނު އެ ހުރިހާ މަންޒަރެއް އެންމެ ކައިރިން. އަޅުގަނޑު އިންކާރު ވެސް ކުރިން އެގޮތަށް އެ ތަހުގީގުތަކަށް ނުދާން. އެއީ ހިތުގެ އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރައްވާ ބޭފުޅަކު އެތެރޭގައި ހިންގާ ތަހުގީގަކަށް އަބަދު ވަޑައިގެން ޖަވާބުދާރީވާން ޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ހުސައިން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އެތެރޭގެ ތަހުގީގަށް އެއްބާރުލުން ދެއްވުމުގެ ގޮތުން އަޅުއްވަން ޖެހިވަޑައިގެންނެވި ކޮންމެ ފިޔަވަޅެއް ވެސް ރައީސް މުއިއްޒު ގެންދެވީ އަޅުއްވަމުންނެވެ. މާލެ ސިޓީ ކައުންސިލުން ވަކިކުރަން ޖެހޭނެ ކަމަށް އެންގެވި އެންމެން ވަކިކުރައްވަމުން ވެސް ގެންދެވި ކަމަށާއި އެ މަނިކުފާނު އޭރު ވެސް އިސްކުރެއްވީ ޕާޓީގެ ލީޑަރަށް ތެދުވެރިވުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނާއި މެންބަރު ތޯރިގާ ގުޅޭ ގޮތުން ވެސް އެފަދަ މައްސަލައެއް ތަހުގީގުކުރި އެވެ. ނަމަވެސް، އެ ދަތި އުދަނގޫ ވަގުތުގައި އިހުލާސްތެރިކަމާ މެދު ސުވާލު އުފެއްދޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި ޕީޕީއެމް/ޕީއެންސީ ލީޑަޝިޕްގައި ތިއްބެވީ މުޅިން ވެސް ޔާމީނަށް ހެޔޮ އެދޭ ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

"ޔާމީން އެކަނިވެރިވާކަށް ނުޖެހޭ. އަޅުގަނޑުމެން އެބަތިބިން، އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރާނެ މިންވަރަކަށް ކުރައްވަން ޑރ. މުއިއްޒު އެ ހުންނެވީ އެ ފުރުސަތު ދެއްވައިގެން. އެހެން ނަމަވެސް ޑރ. ޖަމީލަކަށް އެ ފުރުސަތު އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ހުސެއިން ވިދާޅުވި އެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު: ވިދާޅުވީ، ރައީސް މުއިއްޒަކީ އަބަދުވެސް ޔާމީނަށް އިހުލާސްތެރި ބޭފުޅެއް ކަމަށް.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު: ވިދާޅުވީ، ރައީސް މުއިއްޒަކީ އަބަދުވެސް ޔާމީނަށް އިހުލާސްތެރި ބޭފުޅެއް ކަމަށް.

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިލާފަށް، ޑރ. ޖަމީލަކީ ސިޔާސީ ހަޔާތުގައި ވަރަށް އެހެން ކަހަލަ ގޮތަކަށް ސިފަ ކުރެވޭ ބޭފުޅެއް ކަމަށާއި އަބަދު ވާހަކަތައް ބަދަލުވާ އެއްގޮތެއްގައި ސާބިތުވެ ނުހުންނެވޭ ބޭފުޅެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެފަދަ ބޭފުޅުންނަށް ގައުމުގެ ހަމަޖެހުމަށްޓަކައި ސިޔާސީ މަޝްރަހުން ޖާގަ ދޭން ނުޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ހާއްސަކޮށް ޒުވާނުން ގަބޫލު ކުރަން އެބަ ޖެހޭ ގައުމުގަ ހަމަޖެހޭ ވެރިކަމެއް ގާއިމް ކުރެވެން އޮތީ މިކަހަލަ ބޭބޭފުޅުން ސިޔާސީ މަޝްރަހުން އެކަހެރި ކޮށްގެންކަން، އެއްވެސް ގޮތަކަށް މިފަދަ ބޭފުޅުންނަށް ފުރުސަތު ދީގެން ނުވާނެ، ފުރުސަތު ހުޅުވޭ ކަމަށްވާ ނަމަ އެއީ ގައުމަށް ކުރިމަތިލާން ޖެހޭނެ ނިކަމެތިކަމެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

"އެތައް ރައްޔިތުންނެއް މަގުމަތިކޮށްލައި، މިހާރު މިއޮތް އިގުތިސޯދީ އަނދަވަޅަށް ގައުމު ވައްޓާލުމުގައި ވެސް ފަހަތުގައި ތިބި ބޭފުޅުން އަދި ރައީސް ޔާމީނަށް ލިބެމުންދާ އަނިޔާތަކުގައި ވެސް ހިއްސާވެ، އަޑީގައި ތިއްބެވި ބޭފުޅުން އެއީ، އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރަނގަޅު މިސްރާބަކަށް ދާނެ ހެނެއް."

ނައިބު ރައީސް ވިދާޅުވީ އެ މަނިކުފާނަށް އޮތް ޔަގީން ކަމަކީ ޕީޕީއެމް/ޕީއެންސީ އެކުގައި މަސައްކަތް ކުރާނެ ކަމާއި އާންމު މެންބަރުން މާޔޫސްވާން ޖެހޭ ފަދަ އެއްވެސް ކަމެއް ލީޑަޝިޕުން ނުކުރާނެ ކަމެވެ. ރައްޔިތުން މި ސަރުކާރަށް ހަވާލުކުރި ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުމުގައި ސާބިތުވެ ތިއްބަވާނެ ކަމަށް، މީގެ ހަފުތާއެއް ކުރިން ނައިބު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި، ހުސައިން ވިދާޅުވި އެވެ.