އެސްޓީއޯ އިން އަމިއްލަ ކުންފުންޏަކަށް ފައިސާތަކެއް ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ދެ މިލިއަނެއްހާ ރުފިޔާ ދައްކަން އެސްޓީއޯގެ މައްޗަށް ކޮށްފައިވާ ހުކުމެއް ބާތިލްކޮށް، އެ ފައިސާ އެސްޓީއޯ އިން ދައްކަން ނުޖެހޭ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
31 ޖެނުއަރީ 2017
އެސްޓީއޯ އިން އަމިއްލަ ކުންފުންޏަކަށް ފައިސާތަކެއް ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ދެ މިލިއަނެއްހާ ރުފިޔާ ދައްކަން އެސްޓީއޯގެ މައްޗަށް ކޮށްފައިވާ ހުކުމެއް ބާތިލްކޮށް، އެ ފައިސާ އެސްޓީއޯ އިން ދައްކަން ނުޖެހޭ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ވައިޓް ލައިން ކުންފުންޏަށް 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކަން އެސްޓީއޯގެ މައްޗަށް ސިވިލް ކޯޓުން ޑިސެމްބަރު، 2014 ގައި ހުކުމްކުރީ އައިޖީއެމްއެޗްގައި ހުންނަ އެސްޓީއޯގެ ބޭސް ގުދަނާއި އެސްޓީއޯގެ އޮފީހެއް ހެދުމަށް ކުރި މަސައްކަތަށް ވައިޓް ލައިން ކުންފުނިން ދެއްކި ރިޓެންޝަން ފައިސާ އެސްޓީއޯ އިން އަނބުރާ ނުދިން މައްސަލައެއްގަ އެވެ.
ރިޓެންޝަން ފައިސާގެ ގޮތުގައި ދެއްކި ފައިސާގެ ތެރެއިން ވައިޓް ލައިނަށް އަނބުރާ ލިބެންޖެހޭ 45،000ރ. އަނބުރާ ނުދީ ހޭދަވި 966 ދުވަހަށް، ކޮންމެ ދުވަހަކަށް 2،050ރ. ގެ ރޭޓުން 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވައިޓް ލައިނަށް ދައްކަން އެސްޓީއޯގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެ މައްސަލަ އެސްޓީއޯ އިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ 1.9 މިލިއަން ރުފިޔާއަކީ އެސްޓީއޯ އިން ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށާއި އެ ފައިސާ ދައްކަން އަންގައި، ކުރި ހުކުމް ބާތިލު ކަމަށެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ 1.9 މިލިއަން ރުފިޔާ ދަށު ކޯޓުން ނަގައިދިނީ ރިޓެންޝަން ފައިސާ ނުލިބުމުން ވައިޓް ލައިނަށް އެ މިންވަރަށް ގެއްލުން ލިބުނުކަން ސާބިތުވާ ހެއްކެއް ހުށަހަޅާފައި ނެތީސް ކަމަށެވެ. ފައިސާ ދައްކަން އަންގައި، ފޮނުވި ބިލް އެސްޓީއޯ އަށް ރައްދުވެފައި ވިޔަސް އެއީ ބިލުގައި ބުނާ ޖޫރިމަނާއަކީ ލިބުނު ގެއްލުމާ އެކަށީގެންވާ މިންވަރުގެ ބަދަލެއް ކަން ވެސް ސާބިތުނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެ ހުކުމުގައިވާ ގޮތުން އެއްބަސްވުމެއްގެ ދަށުން ކުރަންޖެހޭ ކަމެއް ނުކުރުމުން ނުވަތަ ކުރުން ލަސްކުރުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭނީ އެކަމުން ލިބުނު ގެއްލުމާ އެކަށީގެންވާ މިންވަރަކަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކުރިން ކަނޑައަޅައިފަ އެވެ.
ލިބުނު ނުވަތަ ލިބޭނެ ކަމަށް ބެލެވޭ ގެއްލުމަށް ވުރެ ބޮޑު ބަދަލު ނަގައި ދިނުމަކީ އިސްލާމީ ޝަރީއަތާ ޚިލާފް ކަމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށާއި އެސްޓީއޯ އިން ފައިސާ ދެއްކުން ލަސް ކުރުމުން ވައިޓް ލައިނަށް ގެއްލުމެއް ލިބުނުކަން ނުވަތަ ލިބުނީ ކިހާ ގެއްލުމެއްކަން އަދި ގެއްލުންވީ ކިހިނެއްކަން ސާބިތުވާ ފަދަ ހެއްކެއް ވައިޓް ލައިނަށް ނުދެއްކޭ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ޖޫރިމަނާގެ ގޮތުގައި އެރި 1.9 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް ބާތިލް ކުރިޔަސް އެ ހުކުމުގައި، ރިޓެންޝަން ފައިސާގެ ގޮތުގައި އެސްޓީއޯ އިން ވައިޓް ލައިނަށް ދޭންޖެހޭ 45،000ރ. ދައްކަން އަންގާފައިވާ ބަޔަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ރިޓެންޝަން ފައިސާ ދައްކަން ޖެހޭނެ ކަމަށް އެސްޓީއޯ އިން ވެސް އެއްބަސްވެ އެވެ.
ފަނޑިޔާރު އަލީ ސަމީރު ރިއާސަތު ބެލެހެއްޓެވި އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
ލިއުންތައް ހުރިކަމަށް ބުނީ ނުފޫޒުފޯރުވަން: މެރީޑިއަމް
މެރީޑިއަމަށް ދޫކުރި ތެލުގެ ލިއުންތައް ފެނިއްޖެ
ދައުލަތުން ދެ މިލިއަން ޑޮލަރު ދޭން ހައިކޯޓުގެ ހުކުމެއް
ވިނަރެސްގެ އެޕާޓްމެންޓެއް ވިއްކުން ހުއްޓުވައިފި
ހޮސްޕިޓަލް މަޝްރޫއަށް ޓެކްސް ދެއްކުން ފަސްކުރާ އަމުރެއް
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން ހައިކޯޓުން އަމުރުނުދިން
ތިނަދޫ މައްސަލަ ދުލެއްނުކުރި، ސިވިލް ކޯޓަށް ހުށަހަޅަނީ
ހެވީލޯޑް ރަށްތައް ވިއްކުން މަޑުޖައްސާލަން އަންގައިފި
ފިނިފެންމާ މައްސަލާގައި ޒަމީރު ވަކިކުރުމުން ބަދަލުދެނީ
ޕީއެޗްޑީ ގަބޫލުކުރަން އެންގި ހުކުމް އިސްތިއުނާފް ކުރަނީ