Roadha Mihaaru
ލިއުންތައް ހުރިކަމަށް ބުނީ ނުފޫޒުފޯރުވަން: މެރީޑިއަމް

ލިއުންތައް ހުރިކަމަށް އެސްޓީއޯއިން ބުނީ ނުފޫޒުފޯރުވަން: މެރީޑިއަމް

04 ޖުލައި 2019

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމް ކުންފުނިން ނެގި ކަމަށް ބުނާ 19 މިލިޔަން ރުފިޔާގެ ތެލާ ގުޅޭ ލިޔެކިއުންތައް އެބަހުރި ކަމަށް އެސްޓީއޯ އިން ބުނީ ޝަރީއަތަށް ނުފޫޒު ފޯރުވަން ކަމަށް މެރީޑިއަމް ކުންފުނިން ތުހުމަތުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމް ކުންފުނިން ނެގި ކަމަށް ބުނާ 19 މިލިޔަން ރުފިޔާގެ ތެލާ ގުޅޭ ލިޔެކިއުންތައް އެބަހުރި ކަމަށް އެސްޓީއޯ އިން ބުނީ ޝަރީއަތަށް ނުފޫޒު ފޯރުވަން ކަމަށް މެރީޑިއަމް ކުންފުނިން ތުހުމަތުކޮށްފި އެވެ.

އެކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެސްޓީއޯ އިން ކުރަމުންދަނީ ހަގީގަތެއް ނެތް މަސައްކަތެއް ކަމަށް ދެކޭ ކަމަށެވެ.

"...ޝަރީއަތެއްގެ އަޑުއެހުންތައް ނިމި، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ ބަަލަމުން ދަނިކޮށް ޝަރީއަތަށް ޖަވާބުދާރީވުމުގެ ބަދަލުގައި އާއްމުކޮށްގެން އިއުލާނުކޮށްގެން އެސްޓީއޯގެ ފަރާތުން ކުއްލިއަކަށް އިތުރު ލިއުންތަކެއް މިހާރު ފެނިއްޖެ ކަމަށް ބުނުމަކީ ހިނގަމުންދާ ޝަރީއަތަކަށް ބާރުފޯރުވައި ނުފޫޒު ފޯރުވުމަށްޓަކައި ކުރަމުންދާ ކަމެއް ކަމުގައި ނޫނީ މި ކުންފުނިން ނުދެކެމެވެ،" މެރީޑިއަމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މެރީޑިއަމް އިން އަބަދުވެސް މަސައްކަތް ކުރަނީ ގާނޫނާއި ގަވައިދުގެ ތެރޭގައި ހުރިހާ މުއާމަލާތެއް ވެސް ހިންގަން ކަމަށާއި އެ ކުންފުންޏާ ގުޅޭ މައްސަލައަކީ އެމްޑީޕީގެ ކުރީގެ ސަރުކާރުގައި ވެސް ބަލާފައިވާ ކަމެއް ކަމަށް ވެސް މެރީޑިއަމުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ޕްރިންޓްކޮށްފައިވާ ލިޔެކިއުންތައް ގެއްލުނަސް އެ ލިއުުންތައް ކޮމްޕިއުޓަރު ސިސްޓަމްތަކުގައި ހުރި ކަމަށެވެ.

"ޕްރިންޓްކޮށްފައި ހުރި ޑޮކިއުމެންޓްތަކެއް ގެއްލުނީ. އޭގެ އޮރިޖިނަލްއަކަށް ވާނީ އެ ކޮމްޕިއުޓަރުތާ، އެ ހާޑް ޑިސްކްތާ. އެ ފައިލްތާ، އެ އެއްޗެހި އެބަހުރި. ދެން އެ އެއްޗިހި ވާނީ މިހާރު ހައިކޯޓުގައި،" އޭނާ ވިދާޅުވި އެވެ.