Roadha Mihaaru
އެސްޓީއޯގެ ސާފު ފައިދާ އާއި އާމްދަނީ ވެސް ދަށަށް

އެސްޓީއޯގެ ސާފު ފައިދާ އާއި އާމްދަނީ ވެސް ދެވަނަ ކުއާޓަރުގައި ދަށަށް

31 ޖުލައި 2020

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބުނަސް އެ ކުންފުނީގެ ސާފު ފައިދާ އާއި އާމްދަނީ ވެސް ދަށްވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބުނަސް އެ ކުންފުނީގެ ސާފު ފައިދާ އާއި އާމްދަނީ ވެސް ދަށްވެއްޖެ އެވެ.

އެސްޓީއޯ އިން އާއްމުކުރި "ކުއާޓަލީ" ރިޕޯޓު ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު، ދެވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ ވަނީ 10 މިލިއަން ރުފިޔާ ދަށްވެފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާއަކީ 114 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީ ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބުނަސް ދެވަނަ ކުއާޓަރުގެ އާމްދަނީއަކީ 1.2 ބިލިއަން ރުފިޔާ އެވެ. މިއީ 1.3 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

އެސްޓީއޯގެ ސާފު ފައިދާ އާއި އާމްދަނީ ދެވަނަ ކުއާޓަރުގައި މިހާ ބޮޑަށް ދަށްވީ، މިދިޔަ މާޗު ގައި ރާއްޖެ އިން ފެނުނު ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް އައި ހީނަރުކަމުގެ ސަބަބުންނެވެ. މި ބަލީގެ ސަބަބުން ހުރިހާ ގައުމެއްގެ ވެސް އިގްތިސާދަށް އަސަރު ކޮށްފައިވާއިރު، މި އަހަރު ގިނަ ކުންފުނިތަކުގެ އާމްދަނީ އާއި ފައިދާ ދަށަށް ދާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވެސް ވަނީ ލަފާ ކޮށްފަ އެވެ.

އެސްޓީއޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް އެ ތަނުން ވަނީ މިދިޔަ އަހަރުން ފެށިގެން ހިންގުމުގެ ހަރަދު ކުޑަކޮށްފަ އެވެ. މި ފިޔަވަޅުގެ ސަބަބުން މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ 358 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފަ އެވެ.