Roadha Mihaaru
ޔާމީނަށް ވާދަކުރެވޭނެތޯ އީސީން މިއަދު ނިންމަނީ

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެތޯ އީސީން މިއަދު ނިންމަނީ

01 އޯގަސްޓް 2023

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީއާ މެދު 24 ގަޑިއިރު ހަމަވުމުގެ ކުރިން ގޮތް ނިންމައި ޖަވާބުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީއާ މެދު 24 ގަޑިއިރު ހަމަވުމުގެ ކުރިން ގޮތް ނިންމައި ޖަވާބުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.

ޔާމީންގެ ރަނިން މޭޓް، ޑރ. މުހައްމަދު ޖަމީލް އިސްވެ ހުންނަވައި ކެންޑިޑެސީ ފޯމު މިއަދު ވަނީ އީސީއަށް ހުށަހަޅައިފަ އެވެ. އިންތިހާބީ އެޖެންޓް، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އެދިވަޑައިގަތީ ވީހާވެސް އަވަހަށް ގޮތެއް ނިންމައިދިނުމަށެވެ.

ފޯމާ ހަވާލުވެވަޑައިގަތުމަށް ފަހު އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ގާނޫނީ ގޮތުން އިންތިހާބަށް ކުރިމަތިލުމާ މެދު ނިންމި ގޮތް 48 ގަޑިއިރު ތެރޭގައި ޖަވާބު ދޭން ޖެހޭ ކަމަށެވެ. އީސީގެ މެމްބަރުން މަސައްކަތް ކުރައްވަނީ އެ މުއްދަތު ނުނަގައި ވީހާވެސް އަވަހަކަށް ޖަވާބުދިނުން ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ކެންޑިޑެސީ ފޯމާ މެދު އިލެކްޝަންސް ކޮމިޝަނުން ނިންމާ ގޮތެއް އަޅުގަނޑުމެން އަންގާނަން،"

ހަބީބް ވިދާޅުވި ގޮތުގައި އިންތިހާބާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ހުރިހާ ތަކެއްޗެއް ހުށަހެޅިތޯ އީސީން ބަލާނެ އެވެ. އިންތިހާބުގައި ވާދަކުރަން ހުށަހަޅަން ޖެހޭ 100،000ރ. ބަނޑޭރި ޕޯޓަލްމެދުވެރިކޮށް ދައްކާފައިވޭތޯ އިންތިހާބީ އެޖެންޓް ކަށަވަރުކުރަން ޖެހޭ ކަަމަށް ވިދާޅުވި އެވެ.

"އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވޭތޯ ނޫންތޯ އިލެކްޝަންސް ކޮމިޝަނުން ބަލާނެ. އިލެކްޝަންސް ކޮމިޝަނުގެ ލީގަލް ޓީމުން ފޯމުގެ މައުލޫމާތު ދިރާސާކުރުމަށް ފަހު ނިންމާ ގޮތެއްގެ މަތިން އިރާދަކުރެއްވިއްޔާ 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ޖަވާބު އަރުވާނަން،" ހަބީބް ވިދާޅުވި އެވެ.

"އަަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނުން ނިންމި ގޮތަކާ މެދު ހިތްހަމަނުޖެހޭ ފަރާތަކުން ސުޕްރީމް ކޯޓުގައި ޗެލެންޖްކުރުމުގެ ގާނޫނީީ އިހްތިޔާރު ކެންޑިޑޭޓަށް ލިބިގެންވޭ."

ކެންޑިޑެސީއާ މެދު އީސީން ނިންމާ ގޮތަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅަން ފަސް ދުވަސް ލިބޭނެ އެވެ. އަދި އެހެން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަ ހަތް ދުވަސް ތެރޭ ނިންމަން ޖެހެ އެވެ.

ޖަލު ހުކުމެއް ތަންފީޒުކުރައްވާތީ ޔާމީން އިންތިހާބަށް ވާދަކުރެއްވުމުގެ ގާނޫނީ ޝަރުތެއް ވަނީ އުނިވެފަ އެވެ. ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެ އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު ހައި ކޯޓުގައި ކުރިއަށް ދިޔައަސް އެ މައްސަލައިން އިންތިހާބުގެ ކުރިއަށް އެމަނިކުފާނު ސަލާމަތްވުމުގެ ދޮރު ގާތްގަނޑަކަށް މިހާރު އޮތީ ބަންދުވެފަ އެވެ.

ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް އީސީން ނިންމައިފި ނަމަ ވަކީލުން ގެންދަވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރުވަމުންނެވެ. އެމަނިކުފާނުގެ ވަކީލުން ވިދާޅުވަނީ ސުޕްރީމް ކޯޓާ ހަމައިން ޔާމީން މިނިވަންވެ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.