Roadha Mihaaru

އަފްޣާންގެ ރައްޔިތުންނަށް އެހީވާން ރާއްޖެ އިން މަސަައްކަތްކުރަން ޖެހޭ: ޑރ. ޝަހީދު

19 އޯގަސްޓް 2021

އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އެނބުރި އައުމުގެ ސަބަބުން ރާއްޖެ އަށް ކޮށްފާނެ ނޭދެވޭ އަސަަރުތައް ބަލައި، އެ ގައުމުގެ މީހުންނަށް އެހީތެރިވާން ރާއްޖެ އިން މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ ސްޕެޝަލް ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އެނބުރި އައުމުގެ ސަބަބުން ރާއްޖެ އަށް ކޮށްފާނެ ނޭދެވޭ އަސަަރުތައް ބަލައި، އެ ގައުމުގެ މީހުންނަށް އެހީތެރިވާން ރާއްޖެ އިން މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ ސްޕެޝަލް ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

"މިހާރު" ގެ "މެދުސަފްހާ" އަށް މިދިޔަ އަންގާރަ ދުވަހު ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އަވަށްޓެރި ގައުމެއްގެ ވެރިކަމަށް ޓެރަރިސްޓް ޖަމާއަތެއް އައުމުން ރާއްޖެ އިން އެކަމަށް ފާރަވެރިވާން ޖެހޭނެ ކަމަށާއި އެކަމުގެ ސަބަބުން ކޮށްފާނެ ނޭދެވޭ އަސަރުތަކަކީ ކޮބައިތޯ ބަލަން ޖެހޭނެ ކަމަށެވެ. ރާއްޖޭގެ މަލްޓި މިނިސްޓީރިއަލް ޓާސްކްފޯހެއް ނުވަތަ މަލްޓި އެޖެންސީ ޓާސްކްފޯހަކުން އެ މަސައްކަތް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ރާއްޖެ އަށް މިކަމުން ކުރާނެ އަސަރުތަކާއި މިކަން ދެނެގަތުމަށާއި އަދި އެކަންކަމާ ރާއްޖޭން އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް،" ޝަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އަފްޣާނިސްތާނުގެ ރައްްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރުކުރަން ވަކާލާތު ކުރުމާއި އެ މީހުންނަށް އެހީތެރިވުމަށް މަސައްކަތް ކުރުމަކީ ވެސް ރާއްޖޭން ކުރަން ޖެހޭނެ ކަމެކެވެ. މީގެ ކުރިން އެހެން ބައެއް ގައުމުތަކަށް ދިމާވި ކަންތައްތަކުގައި ރާއްޖޭން ކަމެއް ކޮށްފައި ނެތް ނަމަވެސް މި ފަހަރު ކޮންމެވެސް ކަމެއް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަފްޣާންގެ މައްސަލައިގައި ރާއްޖޭން ބަސް ބުނުމުގެ އިތުރުން ޑިޕްލޮމެޓިކް ގޮތުން މަސައްކަތް ކުރުމުގެ ހައިސިއްޔަތު ވެސް ޝަހީދު ވިދާޅުވި ގޮތުގައި ރާއްޖެއަށް އެބަ އޮތެވެ.

ޑރ. ޝަހީދު: ސަރުކާރުތައް ބަލައިނުގަތުމަކީ ވަރަށް ކުރިއްސުރެ ފެށިގެން ރާއްޖެ އިން ކުރާ ކަމެއް ނޫން ކަަމަށް ވިދާޅުވި.

ޑރ. ޝަހީދު: ސަރުކާރުތައް ބަލައިނުގަތުމަކީ ވަރަށް ކުރިއްސުރެ ފެށިގެން ރާއްޖެ އިން ކުރާ ކަމެއް ނޫން ކަަމަށް ވިދާޅުވި.

"އަޅުގަނޑު ހިތުން އަފްޣާން ރައްޔިތުން ހިމާޔަތްކުރުމަށް ޓަކައި [ދިވެހި ސަރުކާރުުން] ފުރަަތަމަ ބަސް ވިދާޅުވާން ޖެހޭ. ހަމަ އޭގެ އިތުރުން މި ވަގުތު ރާއްޖެ އަށް އެބަ އޮތް ބައިނަލްއަގުވާމީ ގޮތުން އިސްކޮށް ހަރަކާތްތެރި ވެވެން ވެސް،" އޭނާ ވިދާޅުވި އެވެ.

އަފްޣާންގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުގެ އިތުރުން ރާއްޖެ އަށް ކުރެވޭނެ އަނެއް ކަމަކީ ޝަހީދު ވިދާޅުވިގޮތުގައި އެ މީހުންނަށް އެހީތެރިވުމަށް އެހެން ގައުމުތަކާއި ޖަމާއަތްތަކުން ކުރާ މަަސައްކަތުގައި ބައިވެރިވެ، އެހީތެރިވުމެވެ. އެގޮތުން މިހާރު އެންމެ ބޮޑަށް ބޭނުން ޖެހިފައި އޮތީ ހާލުގައި ޖެހިގެން އެގައުމުން ނުކުންނަން މަސައްކަތްކުރާ މީހުން، ނުކުތުމަށް އެހީތެެރިވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަހީދު ވިދާޅުވީ، ގައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމާއި ނުގަތުމަކީ ރާއްޖޭން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެހެން ގިނަ ގައުމުތަކުން ވެސް، އޭނާ ވިދާޅުވި ގޮތުގައި މިހާރު ކޮށް އުޅޭ ކަމެއް ނޫނެވެ.

"ރާއްޖޭން ވަރަށް ކުރިއްސުރެ ގެންގުޅޭ އުސޫލެއް އޮވޭ. ރާއްޖޭން ބަލައިގަންނާނީ ދައުލަތް، ސަރުކާރެއް ނޫން. ގައުމެއްގައި ސަރުކާރެއް ބަދަލުވެއްޖެއްޔާ އެއީ ދިވެހިރާއްޖޭން ކޮންމެހެން އޭގެ ތެރެއަށް ވަދެ، އެއީ ސައްހަ ސަރުކާރެއްތޯ ނޫންތޯ ބަލާ ގައުމެއް ނޫން ރާއްޖެއަކީ،" ޝަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ރާއްޖެ އިން މިހާރު ވެސް އެކަން ދަމަހައްޓާނެ އެވެ. އެއީ ޝަހީދު ވިދާޅުވި ގޮތުގައި، ބައިނަލް އަގުވާމީ ގާނޫނުގައި ވެސް ރަނގަޅު އުސޫލެކެވެ.