Roadha Mihaaru
ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ސުޕްރީމް ކޯޓަށް

ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

02 އޯގަސްޓް 2023

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އެ ޕާޓީން ކަނޑައަޅާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބަލައިނުގަތް މައްސަލަ ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ،

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އެ ޕާޓީން ކަނޑައަޅާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބަލައިނުގަތް މައްސަލަ ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ،

ރޭ ފަތިހު 5:30 ވާން އުޅެނިކޮށް، ގާނޫނީ ވަކީލް އަދި ޔާމީންގެ ރަނިންމޭޓް ކަމަށް ނިންމާފައިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ސްޕްރީމް ކޯޓަށް ދާދި ދެންމެއަކު ރައީސް ޔާމީނުގެ ކެންޑިޑޭސީގެ މައްސަލަ ހުށަހަޅައިފިން" ކަމަށެވެ.

"މިއަދު މި ކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތް. އިންޝާ ﷲ ހައްގަތް ނަސްރު ލިބިގެންދާނެ،" ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލް ވިދާޅުވި އެވެ.

ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒު ކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅި އަދަބު މާފު ކުރިތާ ތިން އަހަރުވެފައި ވުން ހިމެނެ އެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި 11 އަހަރުގެ ޖަލު ހުކުމެއް ޔާމީނަށް ވަނީ އައިސްފަ އެވެ. އެ ހުކުމް އަދި ދެމިއެބަ އޮތެވެ.

ޔާމީންގެ ފޯމު އީސީ އަށް ބަލައިނުގަތް ސަބަބަކީ އެ ކޮމިޝަނުން ބުނިގޮތުގައި، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އެ މަނިކުފާނުގެ މައްޗަށް އައިސްފައި ވުމެވެ. ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، އެ ކޮމިޝަނުން ނިންމީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އައިސްފައި ވުމާ އެކު، ޔާމީން އެ ހުކުމް ތަންފީޒުކޮށް، ނިމިފައި ނުވާ ކަން އެ މަނިކުފާނު ހުށަހަޅުއްވާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގޭ ކަމަށެވެ.

ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމާ ގުޅިގެން، ޕީޕީއެމް ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ސުޕްރީމް ކޯޓުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"އެއްވެސް ބޭފުޅަކު އަދި މާޔޫސް ވެވަޑައިނުގަންނަވާތި ... އެންމެން އެކަތިގަނޑެއްގެ ގޮތުގައި ރައީސް ޔާމީންއާ އެކު ސާބިތުވެ ތިބެންވީ. އޭރުން ކާމިޔާބު ވާނެ،" އިލެކްޝަންސް ކޮމިޝަންގެ ނިންމުމާ އެކު، ޕީޕީއެމްގެ ސެނެޓްގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި އޭނާ ވިދާޅުވި އެވެ.