Roadha Mihaaru
ޔާމީން ދޫނުދެއްވިޔަސް މުއިއްޒުގެ ފޯމު ހުށަހަޅަނީ

ޔާމީން ދޫނުދެއްވިޔަސް މުއިއްޒުގެ ކެންޑިޑެސީ ހުށަހަޅަނީ

06 އޯގަސްޓް 2023

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން އެ ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނުވި ނަމަވެސް، ޕީއެންސީގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ މާދަމާ ހުށަހަޅަން ނިންމާފައިވާ ކަން އެނގިއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން އެ ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނުވި ނަމަވެސް، ޕީއެންސީގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ މާދަމާ ހުށަހަޅަން ނިންމާފައިވާ ކަން އެނގިއްޖެ އެވެ.

ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމާ އެކު، އެމަނިކުފާނު ވަނީ ޕީޕީއެމް/ޕީއެންސީން އިންތިޚާބު ބޮއިކޮޓު ކުރުމަށް އެދިވަޑައިގަންނަވާފަ އެވެ.

ޔާމީންގެ އެދިވަޑައިގެންނެވުމާ މެދު މަޝްވަރާ ކުރުމަށްފަހު، އެ ދެ ޕާޓީގެ ޖޮއިންޓު ސެނެޓުގެ އަގުލަބިއްޔަތުން ވަނީ އިންތިޚާބުގައި ވާދަކުރަން ނިންމައިފަ އެވެ.

އެކަމަކު ޔާމީން ވަނީ އެ ނިންމުން ގަބޫލު ނުކުރައްވާ ކަމަށް އަންގަވައިފަ އެވެ. އެއާ އެކު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ވަނީ އިތުރު ބައްދަލުވުމެއް ބާއްވައި، އެކަމާ އިތުރަށް މަޝްވަރާކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ވެސް އަގުލަބިއްޔަތުން ނިމުނީ އިންތިޚާބު ބޮއިކޮޓު ނުކުރާ ގޮތަށެވެ.

އޭގެފަހުން، ދެ ޕާޓީގެ ލީޑަޝިޕުގެ ގިނަ ބޭފުޅުން ވަނީ އެ ކޯލިޝަނުގެ ކެންޑިޑޭޓެއްގެ ގޮތުގައި މުއިއްޒު ނެރެން އެއްބަސްވެފަ އެވެ. މުއިއްޒަކީ ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ޕީއެންސީގެ ފަރާތުން ރިޔާސީ ރޭހަށް ނެރެން ކުރިން ނިންމާފައިވާ ކެންޑިޑޭޓެވެ.

އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާގެ މެންދުރު 2:00 އަށް ހަމަވާއިރު، އޭގެކުރިން މުއިއްޒުގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅާނެ ކަން ވަނީ އެނގިފަ އެވެ. އެކަމަކު މި ކަމުގައި މުއިއްޒުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

އެނގިފައިވާ ގޮތުގައި، މުއިއްޒު ރިޔާސީ ރޭހަށް ނުކުންނަވައިފިނަމަ، ޕީޕީއެމްގެ ތާއީދު އޭނާއަށް ނެތް ކަމަށް ބުނެ ރަސްމީކޮށް ބަޔާން ނެރޭނެ ކަމުގެ އިންޒާރު ޔާމީން ވަނީ ދެއްވައިފަ އެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވުމުން، މުއިއްޒު ވަނީ އޭނާގެ ރަނިންމޭޓުގެ ގޮތުގައި މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެންބެ) ހަމަޖައްސަވައިފަ އެވެ.