Roadha Mihaaru
ޔާމީން އެންގެވީ ޕީއެންސީންވެސް އިންތިހާބު ބޮއިކޮޓްކުރަން

ޔާމީން އެންގެވީ ޕީޕީއެމާއި ޕީއެންސީން ވެސް އިންތިހާބު ބޮއިކޮޓް ކުރަން

07 އޯގަސްޓް 2023

ޕީޕީއެމްގެ އިތުރުން ޕީއެންސީން ވެސް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އެ ދެ ޕާޓީ އުފެއްދުމުގައި ވެސް އިސްކޮށް ހުންނެވި އަބްދުﷲ ޔާމީން އިއްޔެ އަންގަވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޕީޕީއެމްގެ އިތުރުން ޕީއެންސީން ވެސް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އެ ދެ ޕާޓީ އުފެއްދުމުގައި ވެސް އިސްކޮށް ހުންނެވި އަބްދުﷲ ޔާމީން އިއްޔެ އަންގަވައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ޔާމީން އެންގެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އެ ޕާާޓީގެ މަޝްވަރާ މަޖިލިހުން ފާސްކޮށްފައިވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ލައިފި ނަމަ ބަޔާން ނެރުއްވާނެ ކަމަށެވެ.

"މުއިއްޒަށް ވޯޓު ވެސް ނުދޭން އަންގަވާނެ ކަމަށާއި މުއިއްޒު އެންޑޯސް ނުކުރައްވާނެ ކަމަށް ވެސް ރައީސް ޔާމީން އެންގެވި. މުއިއްޒުގެ ކެންޑިޑެސީ ފައިލް ކޮށްފިއްުޔާ ޕީޕީއެމް/ޕީއެންސީގެ ގުޅުން ރޫޅާލާނެ ކަމަށް ޔާމީންގެ އެންގުމުގައި އޮތް،" ޔާމީންގެ އަރިސް ބޭފުޅަކު "މިހާރު" އަށް ވިދާޅުވި އެވެ.

ޔާމީން ގަބޫލުފުޅު ކުރައްވާ ގޮތުގައި އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެ މަނިކުފާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ އެކު، ޔާމީންގެ އިންތިހާބީ ހައްގު އުނިވެ އެވެ. އެހެންވެ، އެ ހައްގު އުނިވާ ނަމަ އިންތިހާބު ބޮއިކޮޓް ކުރަން އެ މަނިކުފާނު އެދިވަޑައިގަތެވެ.

ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓްގެ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވި 126 މީހުންގެ ތެރެއިން 67 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރީ އިންތިހާބު ބޮއިކޮޓް ނުކުރާށެވެ. ނަމަވެސް ޔާމީން އެ ނިންމުން ގަބޫލުފުޅު ނުކުރެއްވި އެވެ.

މަނީލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ތަކުރާރުކޮށް އެދިވަޑައިގެންނެވި ނަމަވެސް އެނގިފައިވާ ގޮތުގައި މުއިއްޒު ހުންނެވީ މިއަދުގެ ވަގުތެއްގައި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ތައްޔާރު ވެގެންނެވެ.

ފޯމުލުމުގެ ސުންގަނޑި ހަމަވާނީ މިއަދުގެ މެންދުރު 2:00 އަށެވެ.