Roadha Mihaaru
މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަސް: ޔާމީން ގެއަށް!

ވެރިކަމާ ހަވާލުވެ، މުއިއްޒުގެ ފުރަތަމަ ދުވަހުގެ ކަމަކީ ޔާމީން ގެއަށް ބަދަލުކުރުން!

07 އޯގަސްޓް 2023

ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސް ކަމަށް ވަޑައިގަންނަވާ ދުވަހު އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ގެއަށް ބަދަލުކުރުން ކަމަށް ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސް ކަމަށް ވަޑައިގަންނަވާ ދުވަހު އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ގެއަށް ބަދަލުކުރުން ކަމަށް ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ މައި ކެމްޕެއިން ޓީމާ އެކު، ޕީޕީއެމް/ޕީއެންސީގެ އޮފީހުގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ވެރިކަން ލިބިވަޑައިގަތުމުން ފުރަތަމަ ވެސް، އެންމެ ހާއްސަ އިސްކަމެއް އޭނާ ދެއްވާނީ ޔާމީން ޖަލުން ގެއަށް ބަދަލު ކުރުމަށް ކަމަށެވެ.

އެ ބައްދަލުވުމުގައި މުއިއްޒު އެހެން ވިދާޅުވާ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.

"[ރިޔާސީ އިންތިހާބުގައި] ދެވަނަ ބުރަކަށް ދަންޏާ ދެވަނަ ބުރުގައި ކާމިޔާބުވެ، ފުރަތަމަ ޕޯޑިއަމް އަށް އަރައި، ފުރަތަމަ އަޅުގަނޑު ދައްކާނެ ވާހަކަ އަކީ ވެސް، މިހާރު ހުރި ރައީސަށް ގޮވާލުން މިހާރުން މިހާރަށް އެމަނިކުފާނު [ޔާމީން] ގެއަށް ގެންނަން،" މުއިއްޒު ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް، އަޅުގަނޑުމެން ވެރިކަމާ ހަވާލުވާ ފުރަތަމަ ދުވަހު ވެސް، އެހާ ތަނަށް ވެސް އެ މަނިކުފާނު ގެއަށް ނުގެނެސް ބަހައްޓައިފި ނަމަ އަޅުގަނޑު ފުރަތަމަ [ޔާމީން ގެއަށް] ގެންނާނަން. މާނަ އަކީ އަޅުގަނޑުމެން އިއްޔެ ފެށި މަސައްކަތުގެ ގިއަރު އިތުރަށް މަތި ކުރަމުން ގޮސް، އިރާދަކުރެއްވިއްޔާ މިކަން ކާމިޔާބުކޮށް އެ މަނިކުފާނު މިނިވަން ކުރާނަން."

ވ. އާރަށުގެ މައްސަލާގައި މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެ ޔާމީން ދަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ޖަލު ހުކުމެއް އައިސްފައި އޮތަސް، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވި އެވެ. ނަމަވެސް ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުމާ އެކު އެ މަނިކުފާނަށް ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލިފަ އެވެ.

ސުޕްރީމް ކޯޓުން އެ ފުރުސަތު ނުދިނުމުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިންތިހާބު ބޮއިކޮޓްކުރަން ވެސް ޔާމީން އެންގެވި އެވެ. އެއާ އެކު ޕާޓީގެ ތެރޭގައި ކޯޅުންގަނޑު ބޮޑުވެ، އެންމެ ފަހުން ޔާމީން ނިންމެވީ އެ މަނިކުފާނަށް ވާދަނުކުރެއްވިއްޖެ ހާލަތެއްގައި ނެރުމަށް ޕީއެންސީން ކަނޑައެޅި ކެންޑިޑޭޓް، މުއިއްޒަށް ތާއީދުކުރެއްވުމަށެވެ.

މުއިއްޒު ވަނީ އޭނާގެ ކެންޑިޑެސީގެ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ. އޭގެ ފަހުން އޭނާ އަދި މީޑިއާއާ ބައްދަލެއް ނުކުރައްވަ އެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓް މުއިއްޒަށް ދޭން އެ ޕާޓީގެ މަޝްވަރާ މަޖިލިހުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ނިންމުމުން ވެސް އޭނާ މީޑިއާގައި ވިދާޅުވީ، އެންމެ އިސްކަން ދެއްވާނެ އެއް ކަމަކީ ޔާމީން މިނިވަންކުރުމުގެ މަސައްކަތް ކަމަށެވެ. ވިދާޅުވީ، ގާނޫނީ ހަމަތަކުގެ މަތިން ޔާމީން ޖަލުން މިނިވަންކުރުމުގެ މަސައްކަތް ފުރަތަމަ ދުވަހު ވެސް ފައްޓަވާނެ ކަމަށެވެ.