Roadha Mihaaru
ވ. އަތޮޅުގައި އެއާޕޯޓެއް ހަދަން އިންވެސްޓަރުން ހޯދަނީ

ވ. އަތޮޅުގައި އެއާޕޯޓެއް ހަދަން އިންވެސްޓަރުން ހޯދަނީ

07 އޯގަސްޓް 2023

ވ. އަތޮޅުގައި އެއާޕޯޓެއް ހަދަން ނިންމައި އެ މަސައްކަތަށް ފައިސާ ދޭން ޝައުގުވެރިވާ އިންވެސްޓަރުންނަށް ހޯދަން ސަރުކާރުން އިއްޔެ އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވ. އަތޮޅުގައި އެއާޕޯޓެއް ހަދަން ނިންމައި އެ މަސައްކަތަށް ފައިސާ ދޭން ޝައުގުވެރިވާ އިންވެސްޓަރުންނަށް ހޯދަން ސަރުކާރުން އިއްޔެ އިއުލާންކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައި ނެރުއްވި ގަރާރެއްގައިވާ ގޮތުން، ވ. އަތޮޅުގެ އިރުދެކުނުގައި ސަރުކާރުން ކަނޑައަޅާ ތަނެއްގައި އެއާޕޯޓެއް ހަދަން ވަނީ ނިންމައިފަ އެވެ.

އެ މަޝްރޫއަށް ފައިސާ ދޭން ޝައުގުވެރިވާ އިންވެސްޓަރުން މަދުވެގެން ފަސް މިލިއަން ޑޮލަރު (76 މިލިއަން ރުފިޔާ) ދޭން ޖެހޭނެ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

ރައީސް އެ ގަރާރު ނެރުއްވީ، މިދިޔަ މަހު ވ. އަތޮޅަށް ކުރެއްވި ރިޔާސީ ކެމްޕެއިންގެ ދަތުރުފުޅުގައި، ރާއްޖޭގައި ޓޫރިޒަމްގެ އެންމެ ބިޔަ މަޝްރޫއު ދެން ހިންގާނީ އެ އަތޮޅުގައި ކަމަށް އިއުލާން ކުރައްވާފައި ވަނިކޮށެވެ. އެ މަޝްރޫއާ އެކު، ލޯކަލް ޓޫރިޒަމް ވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެ އަތޮޅަށް ވައިގެ މަގުން ވެސް ދަތުރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

އެ މަނިކުފާނު އިއުލާން ކުރެއްވި މި މަޝްރޫއާ ދެކޮޅަށް ވ. އަތޮޅު ކައުންސިލުން ވަނީ އަޑުއުފުލައިފަ އެވެ. އެ ކައުންސިލުން ބުނި ގޮތުގައި، އެ މަޝްރޫއަކީ އެ އަތޮޅުގައި އޮންނަ ފޮއްތެޔޮ ފަޅުން ބޮޑު ސަރަހައްދެއް ހިއްކައި ރިސޯޓު ތަރައްގީ ކުރުމެވެ. އެކަން ހުއްޓުވަން ކައުންސިލުން ސަރުކާރާ ދެކޮޅަށް ދައުވާ ވެސް ކޮށްފައިވެ އެވެ.

ރާއްޖޭގެ އޮތް އެންމެ ބޮޑު ފަޅު ކަމަށްވާ ފޮއްތެޔޮ ފަޅު ކުއްޔަށް ދޭން ސަރުކާރުން ނިންމުމުން ވ. އަތޮޅު ކައުންސިލުން ދައުވާކުރީ އެ ފަޅު ކުއްޔަށް ދެވޭނީ ކައުންސިލްގެ ނިންމުމާ އެއްގޮތަށް ކަމަށް ބުނެ އެވެ. އަދި ކައުންސިލުން ގޮތެއް ނިމެންދެން އެތަން ކުއްޔަށް ދިނުން މަޑުޖައްސާލުމުގެ އަމުރަކަށް ކައުންސިލުން އެދުނެވެ. ނަމަވެސް، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ.