Roadha Mihaaru
ފަސް އަހަރުގެ ދައުރު މި ނިންމާލަނީ ކޯޓުން ޓިނު ނުނަގާ

ފަސް އަހަރުގެ ދައުރު މި ނިންމާލަނީ ކޯޓެއްގެ ޓިނު ނުނަގާ: ރައީސް

09 އޯގަސްޓް 2023

އެ މަނިކުފާނުގެ ވެރިކަމުގެ މި ފަސް އަހަރުގެ ދައުރު ނިންމާލައްވަނީ އެއްވެސް ކޯޓެއްގެ ފުރާޅަކުން ޓިނު ނުނަގައި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ފާޑުވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެ މަނިކުފާނުގެ ވެރިކަމުގެ މި ފަސް އަހަރުގެ ދައުރު ނިންމާލައްވަނީ އެއްވެސް ކޯޓެއްގެ ފުރާޅަކުން ޓިނު ނުނަގައި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ފާޑުވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހައިސިއްޔަތުން ގއ. އާއި ގދ. އަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި، ގައްދޫގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، މި ފަސް އަހަރުގެ ތެރޭގައި ސިޔާސީ އެއްވެސް މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށް، ޖަލަށް ލާފައި ނުވާ ކަމަށެވެ.

އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅު ޕާޓީތަކުގެ އިސްބޭފުޅުންނާއި މަޖިލީހުގެ 12 މެމްބަރަކާއި އުއްތަމަ ފަނޑިޔާރާއި ޕްރޮސެކިއުޓާ ޖެނެރަލުން ތިއްބެވީ ޖަލުގައި ކަމަށް ރައީސް އިބްރާހިް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވެސް ކުރައްވަނީ ވެރިކަމެއް ކަމަށާއި ނަމަވެސް، ސުޕްރީމް ކޯޓުގެ ފުރާޅުން، ޓިނު ނެގި މައްސަލަ އަށް އިޝާރަތް ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މި މުއްދަތުގެ ތެރޭގައި އެންމެ ކޯޓެއްގެ ފުރާޅުން ވެސް ޓިނެއް ނުނަގާ ކަމަށެވެ.

"އެންމެ ކޯޓެއްގެ ފުރާޅުން ވެސް ޓިނެއް ނުނަގަން، އެންމެ ކޯޓެއްގެ ވެސް. ވެރިކަން ކުރެވިއްޖެ. ތިޔަބޭފުޅުން 9 ސެޕްޓެމްބަރުގައި ނުކުމެ ވޯޓުލައްވާއިރު ވިސްނަވަންވީ މި ކަންތައްތަކަށް" އެ މަނިކުފާނު ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި އޭރު ތިއްބެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ފެބްރުއަރީ 1، 2018 ގައި ނެރުއްވި އަމުރާ ގުޅިގެން، އެ އަމުރު ނެރުނު ބައެއް ފަނޑިޔާރުން ހައްޔަކުރުމަށްޓަކައި އެ ކޯޓުގެ ފުރާޅު ނަގައިގެން ސިފައިން ވައްދަން މަސައްކަތް ކުރި ކަމުގެ ވާހަކަ ވަރަށް ބޮޑަށް އެ ދުވަސްވަރު ދެއްކި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރޭގެ ވާހަކަފުޅު ބިނާކުރެއްވީ އެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަފުޅުދައްކަވަމުން ޔާމީން ޑިސެމްބަރު 10، 2021 ގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ "ޓިނު ނަގަން ޖެހުނީ އެންމެ ސަބަބަކާ ހުރެ" އެވެ. އެއީ ދާހިލީ ހަމަނުޖެހުމެއް އޮވެގެން ނޫން ކަމަށާއި އުދުވާނީ ހަމަތަކެއް ރާއްޖެ އަށް އަތުވެދާނެތީ ނުވަތަ ރައްޔިތުންގެ ތެރޭގައި މަސްލަހަތު ގެއްލި، މަގުތަކުގައި ހަމަނުޖެހުމެއް ވެސް އޮވެގެން ނޫން ކަމަށް ވިދާޅުވި އެވެ. ޔާމީންް ވިދާޅުވީ "ޓިނު ނަގަން" ޖެހުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްގެން ނޫން ގޮތަކަށް ބައެއް ގާނޫނުތައް ސަސްޕެންޑް ކުރެވެން ނޯންނާތީ ކަމަށެވެ. އަދި އެ ދަނޑިވަޅުގައި ސުޕްރީމް ކޯޓުގައި އެންމެ އިސްކޮށް ހުންނެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވި ކަމަށް ޔާމީން ވިދާޅުވި އެވެ.