Roadha Mihaaru
އދ. ދިއްދޫ ސްކޫލްގައި ކަރަންޓާއި ފެނެއް ނެތް!

ދިއްދޫ ސެޓަލައިޓް ސްކޫލްގައި ފެނާއި ކަރަންޓުގެ މައްސަލަ، ކިޔެވުން ނުފެށުނު!

10 އޯގަސްޓް 2023

މި ފަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިތާ ހަފުތާއެއްހާ ދުވަސްވީއިރު ވެސް އދ. ދިއްދޫ ސްކޫލްގެ ކުދިންނަށް ކިޔަވައިދޭން ނުފަށާ ކަމަށް އެ ރަށު ކައުންސިލުން އިއްޔެ ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި ފަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިތާ ހަފުތާއެއްހާ ދުވަސްވީއިރު ވެސް އދ. ދިއްދޫ ސްކޫލްގެ ކުދިންނަށް ކިޔަވައިދޭން ނުފަށާ ކަމަށް އެ ރަށު ކައުންސިލުން އިއްޔެ ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނީ، އަތޮޅުތެރޭގެ އިތުރު ހަތަރު ސްކޫލެއްގައި ދިރާސީ އާ އަހަރާ އެކު ސެޓަލައިޓްކޮށް ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ. އެއީ ރަކީދޫ ސްކޫލްގެ އިތުރުން ބ. ފުޅަދޫ ސްކޫލާއި ގއ. ކޮނޑޭ ސްކޫލް އަދި އދ. ދިއްދޫ ސްކޫލެވެ.

ނަމަވެސް ދިއްދޫ ސްކޫލާއި ރަކީދޫ ސްކޫލުގެ ކިޔެވުން އަދި ވެސް ނުފަށަ އެވެ.

ދިއްދޫ ކައުންސިލްގެ ރައީސް ޣައްސާން އަބްދުﷲ ވިދާޅުވީ އެ ރަށު ސްކޫލުގެ ކިޔެވުން ނުފެށެނީ ސްކޫލުގައި ފެނާއި ކަރަންޓުގެ ހިދުމަތް ނެތުމުން ކަމަށެވެ.

"އެތާނގައި ފެނެއް ނެތް، ކަރަންޓެއް ނެތް، ފާހަނާ ވެސް ނުނިމޭ. މިނިސްޓްރީން ބެލެނިވެރިން ކައިރީ މި ބުނަނީ ކުދިން އެތަނަށް ފޮނުވާށޭ. އެއްވެސް ބެލެނިވެރިއަކު ބޭނުމެއް ނުވޭ ސްކޫލް އެހެން ހުއްޓާ، އެ ކަންކަން ހައްލު ނުވަނީސް ފޮނުވާކަށް،" ޣައްސާން ވިދާޅުވި އެވެ.

"ބާވީސް ކުދިން އެ ތިބެނީ ރަށުގައި. ކިޔަވާކަށް ނުދޭ."

އދ. ދިއްދޫ ސްކޫލު-- ފޮޓޯ: ކައުންސިލް

އދ. ދިއްދޫ ސްކޫލު-- ފޮޓޯ: ކައުންސިލް

ދިއްދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝާމިހު ވަނީ މި ހަފުގައި އެ ސްކޫލުގެ ކިޔެވުން ނުފެށޭކަން ޔަގީން ކޮށްދެއްވައިފަ އެވެ. އެކަމަކު ކިޔެވުން ފެށުން ލަސްވާ ސަބަބާ ގުޅޭގޮތުން އިތުރު ވާހަކައެއް އޭނާ ނުދެއްކެވި އެވެ. އެދިވަޑައިގަތީ އެޑިއުކޭޝަން މިނިސްޓްރީން ޖަވާބެއް ހޯދުމަށެވެ.

ނަމަވެސް ޝާމިހު ވިދާޅުވި ގޮތުގައި، އަންނަ އާދިއްތަ ދުވަހު ދިއްދޫ ސްކޫލްގައި ކިޔެވުން ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެކަމާ ގުޅިގެން މިނިސްޓްރީގެ ބަހެއް ނުލިބުނެވެ.

އާބާދީގައި 200 އެއްހާ މީހުން ދިރިއުޅޭ ދިއްދޫގެ ސްކޫލް ސެޓްލައިޓް ސްކޫލަކަށް ބަދަލުކުރަން ޖެހުނީ އާބާދީ މަދުވެ، ލިބެން ޖެހޭ އަސާސީ ބޭނުންތައް ނުލިބި އެހެން ރަށްތަކަށް މީހުން ބަދަލުވުމުންނެވެ.

ރަކީދޫ ސްކޫލްގައި ދިރާސީ އާ އަހަރާ އެކު ކިޔެވުން ނުފެށުނީ އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި އެޕްލައި ކުރި ކުދިންގެ އުމުރު ހަމަ ނުވާތީ އެވެ. އެކަމަކު، ކިޔަވައިދޭން ފެށޭވަރަށް ސްކޫލްގެ ކަންކަން ތައްޔާރު ކަމަށް އެ މިނިސްޓްރީން އިއްޔެ ބުންޏެވެ.

އެކަމަކު، ރަކީދޫ ސްކޫލްގެ ބެލެނިވެރިން އެކަން ގަބޫލެއް ނުކުރެ އެވެ. ބުނީ ކިޔެވުން ނުފެށި ލަސްވަނީ އިދާރީ ކަންކަމާ ގުޅިގެން ކަމަށެވެ.

"މި ރަށުގައި އެބަ ތިބި ކިޔަވަން ގްރޭޑް އެކަކުން މަތީގެ ތިން ކުދިންނާއި ނާސަރީގައި ކިޔަވާ ފަސް ކުދިން. އެ ކުދިން އަދި ތިބީ ރަށުގައި. އެހެން ރަށަކަށް ވެސް ކިޔަވާކަށް ނުދޭ. [ކިޔަވައިދޭން] ފަށާނެއޭ ކިޔާތީ ކަން ނޭނގޭ އެހެން ރަށަކަށް ވެސް ނުދަނީ،" ބެލެނިވެރިއަކު ބުންޏެވެ.