Roadha Mihaaru
ދިރިއުޅުމުގެ ހާލަތުގެ މައުލޫމާތު ކަށަވަރުކުރަން ގޭގެއަށް

ފްލެޓަށް އެދި ހުށަހެޅި ދިރިއުޅުމުގެ ހާލަތާ ގުޅޭ މައުލޫމާތު ސައްހަތޯ ބަލަން ގޭގެއަށް

10 އޯގަސްޓް 2023

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓަށް ޝަރުތު ހަމަވި މީހުންގެ ފޯމުގައި ހުށަހަޅާފައިވާ ދިރިއުޅުމުގެ ހާލަތާ ގުޅޭ މައުލޫމާތުގެ ސައްހަކަން ދާއިމީ ލިސްޓުގެ ކުރިން ކަށަވަރުކުރަން އަންނަ ހަފުތާގައި ގޭގެއަށް ދާން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓަށް ޝަރުތު ހަމަވި މީހުންގެ ފޯމުގައި ހުށަހަޅާފައިވާ ދިރިއުޅުމުގެ ހާލަތާ ގުޅޭ މައުލޫމާތުގެ ސައްހަކަން ދާއިމީ ލިސްޓުގެ ކުރިން ކަށަވަރުކުރަން އަންނަ ހަފުތާގައި ގޭގެއަށް ދާން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ފްލެޓަށް ޝަރުތު ހަމަވި ލިސްޓުގައި ހިމެނޭ ހުރިހާ އެންމެންގެ ގޭގެއަށް ދާން މަސައްކަތް ކުރާނެ ކަމަށެވެ. ދިރިއުޅުމުގެ ހާލަތު ޔަގީން ކުރުމަށް ފަހު ދާއިމީ ލިސްޓު ނެރޭނީ، އެ މީހަކަށް ލިބުނު ޕޮއިންޓް ވެސް އެނގޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ގޭގެއަށް ވެސް ދެވޭތޯ މިއުޅެނީ. މިހާރު އޮތީ އަސްލު ތަރުތީބެއް ނޫން. ޕޮއިންޓާ އެކު ނެރޭނީ ލިސްޓް ލިބޭ ތަރުތީބަށް. ޕޮއިންޓް ފައިނަލް ކުރާނީ، މިހުރިހާ އެއްޗެއް ފައިނަލް ވީމަ،" އޭނާ ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން 13،000 ފްލެޓް ދޫކުރަން ވަނީ ނިންމައިފަ އެވެ. މިވަގުތު އަމަލީ މަސައްކަތް ކުރަނީ، 4،000 ފްލެޓްގަ އެވެ. އަދި މިދިޔަ ހަފްތާގައި ވަނީ 4،000 ފްލެޓްގެ އަމަލީ މަސައްކަތް ކުރަން ބަޔަކާ ހަވާލުކޮށްފަ އެވެ.

މީގެ ކުރިން ހައުސިން މިނިސްޓްރީން ބުނީ، އެ ދެ ޕްރޮޖެކްޓްގެ އިތުރުން 2،000 ފްލެޓަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބާކީ ބޭނުންވާ ފްލެޓް އަޅާނީ، ގިރާވަރާއި ގުޅީފަޅުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.