Roadha Mihaaru
ވިނަރެސް ފްލެޓަށް ފޯމު ހުށަހެޅުން ފަސްކޮށްފި

ޓެކްނިކަލް މައްސަލަތަކާ ހެދި ވިނަރެސް ފްލެޓްތަކަށް ފޯމު ހުށަހެޅުން ފަސްކޮށްފި

06 ނޮވެމްބަރ 2023

ވިނަރެސް ފްލެޓަށް އިއްޔެ ހުޅުވާލުމުން، ޕޯޓަލަށް ވަނުމަށް ދިމާވި މައްސަލަތަކާ ހެދި، އެ މައްސަލަ ހައްލު ކުރެވެންދެން އިތުރަށް އެޕޯޓަލް މެދުވެރިކޮށް ވިނަރެސް ފްލެޓަށް އެދުމުގެ ފުރުސަތު މަޑު ޖައްސާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވިނަރެސް ފްލެޓަށް އިއްޔެ ހުޅުވާލުމުން، ޕޯޓަލަށް ވަނުމަށް ދިމާވި މައްސަލަތަކާ ހެދި، އެ މައްސަލަ ހައްލު ކުރެވެންދެން އިތުރަށް އެޕޯޓަލް މެދުވެރިކޮށް ވިނަރެސް ފްލެޓަށް އެދުމުގެ ފުރުސަތު މަޑު ޖައްސާލައިފި އެވެ.

އާބަންކޯއިން ރޭ ދަންވަރު ނެރުނު ބަޔާނުގައި ބުނީ އިއްޔެ އެ ކުންފުނީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް، ފޯމު ހުށަހަޅަން ހުޅުވާލި ވަގުތު އެ ޕޯޓަލަށް ގިނަ ޓެކްނިކަލް މައްސަލަތަކެއް ދިމާވި ކަމަށެވެ. އެ މައްސަލަތަކާ ހެދި ޕޯޓަލަށް ނުވަދެވުމުގެ ޝަކުވާތައް ގިނަ އަދަދަކަށް ލިބުނު ކަމަށް ބުންޏެވެ.

އެހާ ގިނަ ޝަކުވާތައް ލިބިފައިވާތީ، އެކަން އިތުރަށް ބަލަން ޖެހޭ ކަންކަން ފާހަގަކުރެވިފައިވާތީ އެޕާޓްމެންޓްތައް ގަތުމަށް އޮންލައިންކޮށް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މަރުހަލާ މަޑުޖައްސާލާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އިއްޔެ ވިނަރެސް ޕޯޓަލަށް ވަތް ބައެއް މީހުންނަށް ޑޮކިއުމެންޓްތައް އަޕްލޯޑު ކުރަން 20-30 މިނެޓު ނެގި އިރު ބައެއް މީހުންނަށް ނުވަދެވި އެތައް އިރެއް ވެސް ވި އެވެ. އަދި ބައެއް ފަރާތްތަކަށް ފޯމު ފުރުމަށް ފަހު ސަބްމިޓް ނުކުރެވި ދިގުލައިގެން ދިޔަ އެވެ.

ވިނަރެސް ފްލެޓްތައް. އިއްޔެ 10:00 ގައި ހުޅުވާލުމުން ގިނަ ބަޔަކަށް ޕޯޓަލަށް ވަނުމަށް ދަތިތައް ކުރިމަތިވި -- ފޮޓޯ: މިހާރު

ވިނަރެސް ފްލެޓްތައް. އިއްޔެ 10:00 ގައި ހުޅުވާލުމުން ގިނަ ބަޔަކަށް ޕޯޓަލަށް ވަނުމަށް ދަތިތައް ކުރިމަތިވި -- ފޮޓޯ: މިހާރު

އާބަންކޯއިން ބުނީ، ޕޯޓަލްގެ ޓެކްނިކަލް މައްސަލަތައް ހައްލު ކުރުމަށްފަހު ވިނަރެސް މަޝްރޫއުއިން އެޕާޓްމެންޓް ގަތުމުގެ ފުރުސަތު ހުޅުވާލާނެ ތާރީހެއް އަލުން އިއުލާނު ކުރާނެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު އާބަންކޯގެ ހޮޓްލައިން 1516 އަށް ގުޅައިގެން އިތުރަށް ހޯދޭނެ އެވެ.

އިއްޔެ އާބަންކޯއިން ވިނަރެސް ޕްލެޓް ގަތުމަށް ހުޅުވާލީ 10:00 ހާ އިރު އެވެ. އެކަމަކު ބައި ގަނޑިއިތު ނުވަނީ ފްލެޓްތައް ވަނީ ގަނެ ހުސްވެފަ އެވެ. މިއަދު ހުޅުވާލުމަށް ރާވަފައިވަނީ އިއްޔެ ހުށަހެޅި ފޯމުތަކުގެ ތެރެއިން ޑޮކިއުމަންޓްތައް ހަމަނުވެގެން ކެންސިލްވި ފްލެޓްތަކަށެވެ.

ވިނަރެސް އަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 ފްލެޓް ހިމެނޭ ހައުސިން މަޝްރޫއެކެވެ. އޭގެ ތެރެއިން އިއްޔެ ހުޅުވާލީ 120 ވަރަކަށް ޕްލެޓަށެވެ. އަދި މިވަގުތު ޕްރޮސެސިންގައި 1063 ފްލެޓެއް އޮތް އިރު ބުކް ކޮށްފައިވަނީ 281 ފްލެޓެވެ. އަދި އިތުރު އެއްވެސް ފްލެޓެއް ޕޯޓަލުން އިތުރަށް ހުރި ކަމަށް ނުދައްކަ އެވެ.

ވިނަރެސް ފްލެޓް ދޫކުރަނީ އެއްކޮށް ފައިސާ ދައްކައިގެން ނާއި ލީޒް ޓު ރެންޓްގެ ދަށުން ދެ އުސޫލަކުންނެވެ. އެގޮތުން ދިގު މުއްދަތަށް ކުލި 20 އަހަރަށާއި 25 އަހަރަށް ވެސް ބަހާލައިގެން ދެއްކޭނެ އެވެ.