Roadha Mihaaru
އުރީދޫ މަސްރޭހުގެ ކުޅުދުއްފުށި ޗެމްޕިއަންކަން ބުޅިކެނޑިއަށް

އުރީދޫ މަސްރޭހުގެ ކުޅުދުއްފުށި ޗެމްޕިއަންކަން ޓީމް "ބުޅިކެނޑި"އަށް

13 އޯގަސްޓް 2023

އުރީދޫ މަސްރޭހުގެ ކުޅުދުއްފުށީގެ ޗެމްޕިއަން ޓީމަކަށް ޓީމް "ބުޅިކެނޑި" ހޮވިއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫ މަސްރޭހުގެ ކުޅުދުއްފުށީގެ ޗެމްޕިއަން ޓީމަކަށް ޓީމް "ބުޅިކެނޑި" ހޮވިއްޖެ އެވެ.

އެ ޓީމު ވަނީ މި މަސްރޭހުގައި މިހާތަނަށް އެންމެ ގިނަ ޕޮއިންޓު ހޯދުމުގެ ރެކޯޑު ވެސް ހަދައިފަ އެވެ. އެ ޓީމުން 1214.25 ޕޮއިންޓު ހޯދައިފަ އެވެ.

އެ ސިޓީގައި އޮތް މަސް ރޭހުގެ ރަނަރަޕްކަން ހޯދީ 659.05 ޕޮއިންޓު ހޯދި ޓީމު "ލައްޓި" އެވެ. މި ރޭހުގެ ތިން ވަނަ ހޯދީ 612.35 ޕޮއިންޓާ އެކު "ކުރިބިއަންސް" ޓީމެވެ.

ރަނަރަޕްކަން ލިބުނު ޓީމް "ލައްޓި". -- ފޮޓޯ: އުރީދޫ

ރަނަރަޕްކަން ލިބުނު ޓީމް "ލައްޓި". -- ފޮޓޯ: އުރީދޫ

މި މުބާރާތުގެ އެންމެ ބަރު މަސް ބޭނީ "ބުޅިކެނޑި" ޓީމުގެ ހަސަން އަލީ އެވެ. އޭނާ ވަނީ 25.85 ކިލޯގެ ހިބަރެއް ބާނައިފަ އެވެ.

އުރީދޫއިން ބުނީ މި ފަހަރަކީ އުރީދޫ މަސްރޭހުގެ ތާރީހުގައި އެންމެ ގިނަ ހިބަރު ބޭނި ފަހަރުކަމަށެވެ. ޓީމު "ބުޅިކެނޑި"އިން ތިން ހިބަރު އަދި ޓީމް "ލައްޓި"އިން ދެ ހިބަރު ބޭނި އެވެ.

މި މުބާރާތުގެ އެންމެ މޮޅު ކެޔޮޅަކަށް ހޮވުނީ ޓީމް "ލައްޓި"ގެ އާދަމް ހިލްމީ އަށެވެ. އޭނާ ވަނީ 16 މަސް ބާނާފަ އެވެ. މުބާރާތުގެ އެންމެ މޮޅު އަންހެން ކެޔޮޅަކަށް ހޮވުނީ "ދަމާނަގާ" ޓީމުގެ ހަދީޖާ މޫސާ އެވެ.

ކުޅުދުއްފުށި ސިޓީގެ އެންމެ މޮޅު ފިޝާވުމަން. -- ފޮޓޯ: އުރީދޫ

ކުޅުދުއްފުށި ސިޓީގެ އެންމެ މޮޅު ފިޝާވުމަން. -- ފޮޓޯ: އުރީދޫ

އުރީދޫ މަސްރޭހުގެ މާލެ އަދި ކުޅުދުއްފުށީ މުބާރާތް ނިމިފައި ވާއިރު އަންނަ ހުކުރު ދުވަހު އައްޑޫގައި މި މުބާރާތް ކުރިއަށް ދާނެ އެވެ. އަދި މި މަހުގެ 25 ވަނަ ދުވަހު ފުވަމުލައް ސިޓީގައި މުބާރާތް އޮންނާނެ އެވެ.

މި މުބާރާތަށް ހޫނު ތަރުހީބެއް އަންނަނީ ލިބެމުންނެެވެ.