Roadha Mihaaru
ލ. އަށް އެޑްވެންޗާ ޓޫރިޒަމް ތައާރަފުކުރާނަން: ނާޒިމް

ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކޮށް، ލ. އަތޮޅަށް އެޑްވެންޗާ ޓޫރިޒަމް ތައާރަފުކުރާނަން: ނާޒިމް

13 އޯގަސްޓް 2023

ލ. ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކޮށް، އެ އަތޮޅަށް އެޑްވެންޗާ ޓޫރިޒަމް ތައާރަފު ކުރައްވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިރޭ ވައުދުވެޑައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ލ. ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކޮށް، އެ އަތޮޅަށް އެޑްވެންޗާ ޓޫރިޒަމް ތައާރަފު ކުރައްވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިރޭ ވައުދުވެޑައިގެންފި އެވެ.

ނާޒިމް ރިޔާސީ ކެމްޕެއިނަށް ލ. އަތޮޅަށް ކުރައްވާ ދަތުރުގައި މިރޭ ގަމުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ކައްދޫ އެއާޕޯޓް އެއްވެސް ވަރަކަށް ތަރައްގީނުކޮށް، ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. ނޮވެމްބަރު، 1986 ގައި ހުޅުވި އެ އެއާޕޯޓް ތަރައްގީކޮށް، އިންޓަނޭޝަނަލް ކުރާނީ އޭނާގެ ވެރިކަމުގައި ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، މީގެ 27 އަހަރު ކުރިން އޭނާ ލ. އަތޮޅުގެ ބޭސް ކޮމާންޑަރަކަށް ހުންނެވިއިރު ވެސް ކައްދޫ އެއާޕޯޓް އޮތީ މިހާރު ހަމަ އެ އޮތް ހާލަތުގަ އެވެ. އެތަނަކަށް އަދިވެސް އެއްވެސް ބަދަލެއް ނާދެ އެވެ.

"އަދިވެސް އެ އެއާޕޯޓުގެ އަރިމައްޗަކަށް ދިގުމިނަކަށް ވެސް ބަދަލެއް ނާދޭ. މީހުން ވަންނަ ތަނަކަށް ބަދަލެއް ނާދޭ. އަދިވެސް ހަމަ ގާޑިޔަލުގައި އަޅުގަނޑުމެން ލަގެޖު ދަމާފައި އުޅޭ ހާލުގައި އޮތީ،" ނާޒިމް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސަރުކާރެއްގައި ފުރަތަމަ ކުރާ ކަމެއްގެ ގޮތުގައި މި އެއާޕޯޓް އިންޓަނޭޝަނަލް ކުރާނެކަން ދަންނަވަން."

ލ. ގަމުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ނާޒިމް މިރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްއެންޕީ

ލ. ގަމުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ނާޒިމް މިރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްއެންޕީ

ނާޒިމް ވިދާޅުވީ ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމާ އެކު ލ. އަތޮޅުގެ ޓޫރިޒަމާއި އިގުތިސާދަށް ބޮޑު ކުރިއެރުމެއް ވެސް ލިބޭނެ ކަމަށެވެ. ލޯކަލް ޓޫރިޒަމް ފުޅާވެ އާންމުންގެ އަތްމަތި ވެސް ތަނަވަސް ވާނެ ކަމަށެވެ. އަދި އެމްއެންޕީގެ މެނިފެސްޓޯގައި ހިމެނޭ ގެސްޓް ހައުސް ސިޔާސަތުގެ ދަށުން ލ. އަތޮޅުގައި ވެސް ގެސްޓް ހައުސް އިމާރާތްކޮށް، އެ ތަންތަން ހިންގަން ބޭނުންވާ ޒުވާނުން ފުރުސަތު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލ. އަތޮޅުގެ ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް އެޑްވެންޗާ ޓޫރިޒަމް ތައާރަފު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމްގެ ރިޔާސީ ކެމްޕެއިނަށް ލ. ގަމުގައި ބޭއްވި ޖަލްސާގައި އޭނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްއެންޕީ

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމްގެ ރިޔާސީ ކެމްޕެއިނަށް ލ. ގަމުގައި ބޭއްވި ޖަލްސާގައި އޭނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްއެންޕީ

"ރާއްޖެއަކީ ގުދުރަތީ ގޮތުން ގިނަ ކަންކަމެއް ފަހިވެފައި އޮތް ގައުމެއް. ރާއްޖޭގެ ވަޔަކީ، ޖައްވަކީ އެންމެ ސާފުކޮށް އޮންނަ ޖައްވު، އަޅުގަނޑުމެން މައްޗަށް ބަލާލީމާ އުޑުން އެންމެ ދުރަށް ފެންނަ ތަންތަނުގައި ރާއްޖެ ހިމެނޭ. އެކަމަކު ރާއްޖެއަކު އަދި ނެތް މި ޖައްވުގެ ރީތިކަން ބޭނުންކޮށްގެން އެއްވެސް ކަހަލަ ނަފާއެއް ލިބިފައެއް،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައި އޮތީ މި ސަރަހައްދުގައި އެޑްވެންޗާ ހަރަކާތްތަކެއް ހިންގަން. ނޫނީ މީހުން މުނިފޫހިފިލުވުމަށް ޖައްވު ބޭނުންކުރެވޭނެ ގޮތް ހަދަން."

އަދިވެސް އެ އެއާޕޯޓުގެ އަރިމައްޗަކަށް ދިގުމިނަކަށް ވެސް ބަދަލެއް ނާދޭ. މީހުން ވަންނަ ތަނަކަށް ބަދަލެއް ނާދޭ. އަދިވެސް ހަމަ ގާޑިޔަލުގައި އަޅުގަނޑުމެން ލަގެޖު ދަމާފައި އުޅޭ ހާލުގައި އޮތީ،"--- ނާޒިމް

އޭގެ ތެރޭގައި، ޓޫރިޒަމްގެ ބޭނުމަށް ވިޔަފާރި އުސޫލުން ސްކައި ޑައިވިން އާއި އެއާ ބެލޫން އާއި ކުދި ޕްރައިވެޓް އެއާ ކްރާފްޓްތައް ދުއްވާނެ ގޮތް ހެދުން ހިމެނޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ ރިޔާސީ ކެމްޕެއިނަށް މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ލ. އަތޮޅުގެ އިތުރުން މ. އާއި ފ. އަދި ތ. އަތޮޅަށް ކުރައްވާ ދަތުރުގައި އެކި ރަށްރަށަށް ވަޑައިގެން ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާނެ އެވެ. އަދި ވަޑައިގަންނަވާ ކޮންމެ ރަށެއްގައި އެމްއެންޕީގެ ޖަގަހައެއް ހުޅުއްވައި ދެއްވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.