Roadha Mihaaru
ހާލުގައި އުޅޭ މީހުން ހިލޭ ދިރިއުޅެން ތަނެއް ދައްކާނަން

ހާލުގައި އުޅޭ މީހުންނަށް ހިލޭ ބޯހިޔާވަހިކަން ދޭނަން: ރައީސް

14 އޯގަސްޓް 2023

ދަތި ހާލުގައި އުޅޭ ރައްޔިތުންނަށް ހާއްސަކޮށް އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް ކައުންސިލް ހައުސިން އަންނަ ދައުރެއްގައި ތައާރަފް ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ލަންދޫން ނާޒިމް ހަސަން

ދަތި ހާލުގައި އުޅޭ ރައްޔިތުންނަށް ހާއްސަކޮށް އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް ކައުންސިލް ހައުސިން އަންނަ ދައުރެއްގައި ތައާރަފް ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅު ލަންދުއަށް މިއަދު ވަޑައިގެން ރައީސް ވަނީ ރޭ އިއުލާންކުރެއްވި "އާ ޒުވާނުންގެ ޖީލު"ގެ ސިޔާސަތުގައި ހުރި ބައެއް ކަންކަމުގެ ތަފްސީލް ދެއްވައިފަ އެވެ. އެންމެ ބޮޑަށް ރައީސް ފާހަގަކުރެއްވީ އެ ސިޔާސަތުގައި ފާހަގަކޮށްފައިވާ ކައުންސިލް ހައުސިންނާ ގުޅޭ ކަންކަމެވެ.

ނ. އަތޮޅުގެ މުސްތަގުބަލު ވަރަށް ފަހި، ވަރަށް އުޖާލާ. އަޅުގަނޑަށް މި އަތޮޅުން އިތުބާރު ކުރައްވާކަން ދަތުރުތަކުން ފާހަަގަވެގެން ދިޔައީ. -- ރައީސް

ރައީސް ފާހަގަކުރެއްވި ގޮތުގައި ކައުންސިލް ހައުސިންއަކީ ދަތި ހާލުގައި އުޅޭ ރައްޔިތުންނަށް ހާއްސަކުރާނެ ބޯހިޔާވަހިކަމެކެވެ. އެ ތަނުގައި ދިރިއުޅުމަށް އެއްވެސް ކުއްޔެއް ނުނަގާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ލަންދޫ މީހެއްގެ ވާހަކަ އަޑުއައްސަވަނީ. -- ފޮޓޯ | މިހާރު

ރައީސް ލަންދޫ މީހެއްގެ ވާހަކަ އަޑުއައްސަވަނީ. -- ފޮޓޯ | މިހާރު

ކައުންސިލް ހައުސިންގެ އިތުރުން، ޒުވާނުންނަށް ހާއްސަކޮށް އެފޯޑަބަލް ކޯ ލިވިން ސްޕޭސް އާއި ސްޓޫޑިއޯ ސްޕޭސް ހައުސިން މަޝްރޫއުތައް ވެސް ހިންގުމަށް ވަނީ ނިންމައިފަ އެވެ.

"މާލެއަށް ގޮސް ކިޔަވަންދާ ދަރިވަރުން ވެސް ބޮޑު އަގުގައި ދީގެން އުޅެން އެބަ ޖެހޭ، އެކަންކަން އަޅުގަނޑުމެން ހައްލުކޮށް ފަސޭހައިން އުނގެނެނެވޭނެ ގޮތް ހަދައިދޭނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގެދޮރު ހެދުމަށް ހަ ޕަސެންޓްގައި ލޯނު ދޫކުރައްވާނެ އެވެ.

ރައީސް ވަނީ ޒުވާނުންގެ ނަފްސާނީ ހާލަތު ރަނގަޅުކުރުމާއި ކުޅިވަރުގެ ގިނަ ވަސީލަތްތައް ފުޅާކުރުމަށް ގެންގުޅުއްވާ ތަސައްވަރު ވެސް ހާމަކުރައްވައިފަ އެވެ. މެންޓަލް ހެލްތު ކޮންސަލްޓޭޝަން ގައުމީ ފެންވަރުގައި ގާއިމްކުރުމާއި ބޮޑެތި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ލަންދޫގައި ރައީސް ވާހަކަ ދައްކަވަނީ: ޒުވާނުންގެ ކުރިއެރުމަށް މެނިފެސްޓޯގައި ގިނަ ކަންކަން ހިމަނުއްވާފައިވާ ކަން ފާހަގަކުރެއްވި. -- ފޮޓޯ | އެމްޑީޕީ

ލަންދޫގައި ރައީސް ވާހަކަ ދައްކަވަނީ: ޒުވާނުންގެ ކުރިއެރުމަށް މެނިފެސްޓޯގައި ގިނަ ކަންކަން ހިމަނުއްވާފައިވާ ކަން ފާހަގަކުރެއްވި. -- ފޮޓޯ | އެމްޑީޕީ

އަންނަ ދައުރަށް ވިސްނަވާފައިވާ ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ޒުވާނުންނަށް ހާއްސަކޮށް ސިޔާސަތުތައް ރަނގަޅަށް ހިންގުމަށްޓަކައި ޔޫތު މިނިސްޓްރީ، ކުޅިވަރު މިނިސްޓްރީ ވަކިކޮށް ހިންގާނެ ކަމަށެވެ. އެކަންކަން ފުރިހަމަކުރަން ގެންގުޅުއްވާ ވިސްނުންތައް ތަންފީޒުކުރައްވަން، ރައީސް އެދިވަޑައިގަތީ އިތުރު ދައުރަކަށް މި ސަރުކާރު ދަމަހައްޓަން ރައްޔިތުން އެއްބާރުލުން ދިނުމަށެވެ.

ރައީސް ވަނީ އެމަނިކުފާނުގެ ދެ ވަނަ ދައުރެއްގައި ފުއްދައިދޭން ލަންދޫއަށް ވެސް ވައުދުތަކެއްވެވަޑައިގެންފަ އެވެ. މި ސަރުކާރު ފެށުނުއިރު ވެސް ލަންދުއަކީ އިހުމާލުވެފައި އޮތް ރަށެއް ކަމަށާއި ނަމަވެސް، އެކަން މި ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް ހުރިހާ ކަމެއް ފުރިހަމަވެ ނިމެމުން އެ ދަނީ." ރައީސް ވިދާޅުވި އެވެ.

ރައީސް ލަންދޫގައި ވާހަކަ ދައްކަވަނީ: މި ސަރުކާރު ފެށުނުއިރު ވެސް ލަންދުއަކީ އިހުމާލުވެފައި އޮތް ރަށެއް ކަމަށާއި ނަމަވެސް، އެކަން މި ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި. -- ފޮޓޯ | އެމްޑީޕީ

ލަންދުއަށް ރައީސްގެ ވައުދުތައް:

- ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް

- މަގުތައް ޒަމާނީ ފެންވަރަށް ހެދުން

- ފުޓްސަލް ދަނޑު ތަރައްގީކުރުން

- ކުނި މެނޭޖްކުރާނެ ޒަމާނީ ނިޒާމެއް

- ކުޑަކުދިންގެ ޕާކެއް

- މަސް މާރުކޭޓެއް

- ސިއްހީ މަރުކަޒު 24 ގަޑިއިރަށް

ރައީސް ވިދާޅުވި ގޮތުގައި، އާބާދީ ކުޑަވުމަކުން ލަންދޫ މި ސަރުކާރުން އެކަހެރި ނުކުރާނެ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް ލަންދޫގައި ތަރައްގީގެ މަޝްރޫއުތައް ހިންގާނީ މި ސަރުކާރުން ކަމަށާއި އެހެންކަމުން، މި ރަށުން ރަނގަޅު ތާއިދެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ނ. އަތޮޅުގެ މުސްތަގުބަލު ވަރަށް ފަހި، ވަރަށް އުޖާލާ. އަޅުގަނޑަށް މި އަތޮޅުން އިތުބާރު ކުރައްވާކަން ދަތުރުތަކުން ފާހަަގަވެގެން ދިޔައީ،" ރައީސް ވިދާޅުވި އެވެ.