Roadha Mihaaru
ހޯރަފުށީ ބިން ހިއްކައި ސިއްހީ ހިދުމަތް ރަނގަޅުކުރާނެ

ހޯރަފުއްޓަށް މުއިއްޒުގެ ވައުދު: ބިން ހިއްކުމާއި ސިއްހީ ފަރުވާ ރަނގަޅުކުރުން

14 އޯގަސްޓް 2023

ވެރިކަމަށް އިންތިހާބުކޮށްފި ނަމަ ހއ. ހޯރަފުށީގެ ބިން ހިއްކައި، ސިއްހީ ފަރުވާ ރަނގަޅުކޮށްދިނުމަށް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.

އާސިމާ ނިޒާރު ހއ. ހޯރަފުށިން އާސިމާ ނިޒާރު

ވެރިކަމަށް އިންތިހާބުކޮށްފި ނަމަ ހއ. ހޯރަފުށީގެ ބިން ހިއްކައި، ސިއްހީ ފަރުވާ ރަނގަޅުކޮށްދިނުމަށް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ އިންތިހާބުގެ ކެމްޕެއިނަށް، ރާއްޖޭގެ އުތުރަށް ފައްޓަވާފައިވާ ދަތުރުގެ ތެރެއިން، މި ރަށުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އެހެން ރަށްރަށެކޭ އެއްގޮތަށް މި ރަށަށް ބޭނުންވާ ކަންކަން ވެސް އެބަހުރި ކަމަށެވެ. އެގޮތުން، ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތުތައް އަދި ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ ގޮތްތައް ހަމަޖައްސަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ،

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ދެ އަހަރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ކަންކަން ކޮށްދޭއިރު އާބާދީއަށް ބަލަން ނުޖެހޭނެ ކަމަށެވެ.

ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ރަށުގައި ބޭނުންވާ ކަންކަމާއި އެހެން ރަށްރަށުގެ މީހުންނަށް ވެސް ބޭނުންވާ ކަންތައްތައް އެބަހުރި. ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތުތައް... ހައުސިން ޕްރޮޖެކްޓުތައް ހިންގުމަށް އެކަށީގެންވާ ބިމެއް ނެތް. ތަރައްގީއަށްޓަކައި ބިން ހިއްކައިދޭނަން. އެ ބިމުގައި ހައުސިން ޔުނިޓު އެޅުމާއި ގިނަ މަޝްރޫއުތައް ހިންގޭނެ." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިއަދު ހޯރަފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

މުއިއްޒު މިއަދު ހޯރަފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

އޭނާ ވިދާޅުވި ގޮތުގައި ރަށްރަށަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމުގައި އެ ޕާޓީއަށް ރައްޔިތުންގެ އިތުބާރު އޮންނާނެ ކަމަށެވެ. ތަރައްގީގެ އުސްމިންތަކަށް ރާއްޖެ ބަދަލުވެގެން ދިޔަގޮތް އަދި އިޖުތިމާއީ ގޮތުން އައި ބަދަލުތަކުގެ މަންޒަރު އެ ވެރިކަމުގައި ފެނިގެން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.

"..އަޅުގަނޑުމެން މަސައްކަތްކުރާނީ އެ މަނިކުފާނުގެ އިރުޝާދާ އެކު. ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމުގައި މަސައްކަތްކޮށްދޭނެ ބައެއް އަޅުގަނޑުމެންނަކީ. އިރާދަކުރެއްވިއްޔާ ރައްޔިތުންގެ އުއްމީދުތައް ހާސިލްވާނެ." އޭނާ ވިދާޅުވި އެވެ.

މުއިއްޒު މިއަދު ހޯރަފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

މުއިއްޒު މިއަދު ހޯރަފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ސިއްހީ ހިދުމަތް ރަނގަޅުކުރުމަށް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އެހެންވެ، ރަނގަޅު ފަރުވާ ލިބޭ ހޮސްޕިޓަލަކަށް ހަދައިދިނުމަށް ވައުދުވެވަޑައިގެންނެވި އެވެ.

އެ ކަންކަމުގެ އިތުރުން ކުނި މެނޭޖްކުރެވޭނެ ރަނގަޅު ނިޒާމަކާއި ބިކަވެގެންދާ ޒުވާނުން ބާރުވެރިކުރުމަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމްކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި، މި އަތޮޅުގެ އެހެން ރަށްތަކުގެ މަގުތައް ހަދައި އިތުރު ކްލާސްރޫމްތައް އަޅައި ސިއްހީ ފަރުވާ ރަނގަޅުކޮށްދިނުމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.