Roadha Mihaaru
ގެއްލުން ނުދީ، ރީތި ކެމްޕޭނެއް ކުރަން ގޮވާލައްވައިފި

އެމްޑީޕީގެ ހަރުގެތަކަށް ގެއްލުން ނުދީ ރީތި ކެމްޕޭނެއް ކުރަން މާރިޔާ ގޮވާލައްވައިފި

15 އޯގަސްޓް 2023

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނަށް ހުރަސްއަޅަން ޕާޓީގެ ހަރުގެތަކުގައި ރޯކޮށް ތަކެއްޗަށް ގެއްލުން ދިނުން ފަދަ އަމަލުތައް ނުހިންގައި، ރީތި ކެމްޕޭނެއް ކުރަން އެމަނިކުފާނުގެ ކެމްޕޭން ތަރުޖަމާން، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މިއަދު ގޮވާލައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނަށް ހުރަސްއަޅަން ޕާޓީގެ ހަރުގެތަކުގައި ރޯކޮށް ތަކެއްޗަށް ގެއްލުން ދިނުން ފަދަ އަމަލުތައް ނުހިންގައި، ރީތި ކެމްޕޭނެއް ކުރަން އެމަނިކުފާނުގެ ކެމްޕޭން ތަރުޖަމާން، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މިއަދު ގޮވާލައްވައިފި އެވެ.

ރައީސްގެ ކެމްޕޭން ދަތުރާ ދިމާކޮށް ގދ. މަޑަވެލީ އެމްޑީޕީގެ ހަރުގެއަށް ގެއްލުންދީ ތަކެތީގައި ރޯކުރުމަށް ފަހު ރޭ އެ އަތޮޅު ހޯޑެއްދޫގައި އެމްޑީޕީގެ ޖަގަހައަކަށް ގެއްލުންދީފައި ވަނިކޮށް މާރިޔާ މިއަދު ހެނދުނު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ ކެމްޕެއިނަކީ ޑިމޮކްރެޓިކް ޕްރޮސެސްގެ މުހިންމު ބައެއް ކަމަށެެވެ. ކޮންމެ ކެންޑިޑޭޓަކަށް ވެސް މިނިވަންކަމާއެކު ކެމްޕެއިނު ކުރެވެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ އެދިވަޑައިގަތީ ވާދަވެރި ކެންޑިޑޭޓުންގެ ކެމްޕޭނުގައި ވެސް ޑިމޮކްރެޓިކް ހަމަތައް އިސްކުރުމަށެވެ.

"ކެމްޕޭނުގެ ތެރެއިން ރައްޔިތުންނަށް އޮޅުން ފިލަނީ ކޮން ކަމެއް ކަން ރައްޔިތުންނަށް ދެން އޮތް ފަސް އަހަރެއްގެ ތެރޭގައި ކޮން ކަމެއް ކަން ފޯރުކޮށްދެވޭނީ އެ އަޑު ރައްޔިތުންނަށް އިވެސް ވެސް ޖެހޭނެ، އަޑު އަހާލަން ބިރުވެރިކަމެއް ނެތި އެމީހުންނަށް އެ ހިސާބަށް އާދެވޭ ވަރު ވެސް ކުރަން ޖެހޭ، ހަރުގެތައް އަންދާ، ތެޔޮ ޖަހާ، މިކަހަލަ ކަންތައްތައް [ހިނގައިގެން ނުވާނެ،" މާރިޔާ ވިދާޅުވި އެވެ.

ރައީސް ގދ. މަޑަވެއްޔަށް ކުރަން ހަމަޖެހިފައިވާ ކެމްޕެއިން ދަތުރާ ގުޅިގެން ވެފައިވާ ތައްޔާރީތަކުގައި ހުޅު ޖަހައި ރޯކޮށްލާފައި. --ފޮޓޯ: ލަމާން މުހައްމަދު | ޓްވިޓާ

ރައީސް ގދ. މަޑަވެއްޔަށް ކުރަން ހަމަޖެހިފައިވާ ކެމްޕެއިން ދަތުރާ ގުޅިގެން ވެފައިވާ ތައްޔާރީތަކުގައި ހުޅު ޖަހައި ރޯކޮށްލާފައި. --ފޮޓޯ: ލަމާން މުހައްމަދު | ޓްވިޓާ

"ހޯޑެއްދޫގައި އަޅުގަނޑުމެންގެ ހަރުގެއަށް ގެއްލުންދީ ކަޅުތެޔޮ އުކާ ކަންކަން ކުރީ، އެއް ހަރުގެ އަންދާލައިފި ރައީސް ވަޑައިގަންނަވާ ގަޑީގައި ކޯޑަން ބްރޭކް ކުރަން އުޅެފި،" މާރިޔާ ވިދާޅުވި އެވެ.

ވޯޓަކީ ސިޔާސީ އެއްޗެއް ނޫން ކަމަށާއި އެއީ ގައުމީ ތަރައްގީގައި ބައިވެރިވުން ކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ ހުރިހާ ރައްޔިތުން ވެސް އެކަމުގައި ޝާމިލު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ކަމަށް ހުރަސް އަޅާ ނަމަ ސިފައިންނާއި ފުލުހުންގެ އެހީ ހޯދަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.

"ފޮޓޯ ޝޮޓެއް ހޯއްދަވާލެއްވުމަށް އިދިކޮޅުން އެކަން އެގޮތަށް ނުކުރެއްވުމަށް، އަޑު ހުރިހާ ކެންޑިޑޭޓުންގެ ވެސް އިއްވުމަށް ޖާގަ ދެއްވުމަށް، ޑިމޮކްރެޓިކް ޕްރޮސެސް އިހުތިޔާރު ކުރައްވައި އެ ނޫން ގޮތްގޮތަށް ނޫޅުއްވުމަށް އިލްތިމާސް ދަންނަވަން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ސިޔާސީ މަސްރަހު އެންމެ ހަލަބޮލިވި ދުވަސްވަރު ވެސް އެމްޑީޕީން އިދިކޮޅުގައި އޮވެގެން އެފަދަ އެއްވެސް ކަމެއް ފެނިފައި ނޯންނާނެ ކަމަށެވެ.

"އެމްޑީޕީ އިދިކޮޅުގައި އޮވެގެން ވެސް މިކަހަލަ އެއްވެސް ކަމެއް އެމްޑީޕީގެ ފަރާތުން ފެނިފައެއް ނޯންނާނެ، މިއަދު ވެސް ފެނިފައެއް ނޯންނާނެ، އެމްޑީޕީގެ މީހުން އެ ގޮތަކަށް ހުރަހެއް ނާޅާނެ،" މާރިޔާ ވިދާޅުވި އެވެ.

އެއްވެސް ކެންޑިޑޭޓަކު ރަށްރަށަށް ވަޑައިގަންވާއިރު ހުރަސް އަޅާ ކަަމަށް ވާނަމަ، ފުލުހުންނާއި ސިފައިންގެ އެހީތެރިކަން ލިބޭނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.