ރިޔާސީ އިންތިހާބުގެ އިންތިޒާމްތައް އިލެކްޝަން ކޮމިޝަން ހަމަޖައްސާފައިވަނީ ވަރަށް ދޯދިޔާކޮށް ކަމަށާއި އިންތިހާބުގައި ބާތިލް ވޯޓު އެހާ ގިނަވުމަކީ ކަންބޮޑުވުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.
13 ސެޕްޓެމްބަރ 2023
ރިޔާސީ އިންތިހާބުގެ އިންތިޒާމްތައް އިލެކްޝަން ކޮމިޝަން ހަމަޖައްސާފައިވަނީ ވަރަށް ދޯދިޔާކޮށް ކަމަށާއި އިންތިހާބުގައި ބާތިލް ވޯޓު އެހާ ގިނަވުމަކީ ކަންބޮޑުވުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 4،000 އަށް ވުރެ ގިނަ ވޯޓު ބާތިލް ކަމަށް ކަނޑައަޅާފައިވެ އެވެ. ގިނަ ވޯޓުތައް ބާތިލްވެފައިވަނީ ފާހަގަ މަތިން ދެފަހަރަށް ފާހަގަ ޖަހާފައި ހުރުމުންނެވެ. އެއް ފާހަގައަށްވުރެ ގިނައިން ވޯޓު ކަރުދާހުގައި ލާފައިވާ ނަމަ، އިލެކްޝަންގެ އުސޫލުގައިވާ ގޮތުން ވޯޓު ބާތިލްވާނެ އެވެ.
ރޭ އެމްޑީޕީ ޖަގަހައިގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ސުޕްރީމް ކޯޓަށް ގޮސްގެން އިންތިހާބު ބާތިލްކުރާ މިންވަރަށް ބާތިލް ވޯޓު މި އިންތިހާބުގައި އެބަހުރި ކަމަށެވެ. އެކަމަކު، އެކަމެއް ނުކުރާނެ ކަމަށާއި މަސައްކަތްކުރާނީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯދަން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުމުރުން ދުވަސްވީ މީހަކަށް ރަނގަޅަށް ލޮލަށް ނުފެނި، ފާހަގަ ޔަގީންކޮށްލަން ފާހަގަ މަތީ ދެވަނަ ފަހަރަށް ފަވާލުމުން ވެސް ވޯޓު ބާތިލްކޮށްފައިވާ ކަމަށެވެ.
"ކަނޑައެޅިގެން އެއީ ހެޔޮ ފާހަގަކަން އެނގޭއިރު ވެސް ތިމަންނަމެންގެ ގަވައިދު ތަން ނުދެއޭ ކިޔާފައި ވޯޓު ބާތިލްކޮށްފައި އެބަ ހުއްޓޭ. ބައްލަވާ އިލެކްޝަން ކޮމިޝަންގެ މެންބަރުން އިންނަންވީ ނޫންތޯ އެތާ ތި މޮޅު ފާހަގަ ޖައްސަވަން. އަޅުގަނޑުމެންގެ ދުވަސްވީ މީހުންނަށް އެ ފާހަގަ ޖަހާކަށް ނޭނގެއޭ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އިންތިހާބުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ވަރަށް ގޯސްކޮށް ކަމަށެވެ. ފުރޮޅުލީ ގޮނޑީގައި ވޯޓުލާން ވަދެވޭނެ ގޮތެއް ނެތް ކަމަށާއި ދުވަސްވީ މީހުން އިށީނދެލައިގެން ތިބޭނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން 65 އަހަރުން މަތީގެ މީހުންނަށް އަވަހަށް ވޯޓުލެވޭ ގޮތް ހަދައިދޭ. ކިތައް ފަހަރަތޯ ކިޑްނީ ބަލި، ނޭވާ ހިއްލާ މީހުން ތިން ގަޑިއިރު ކިއޫތަކުގައި ތިބެފައި ނުލެވިގެން ގެއަށް ދާން ޖެހުނީ. އެހެންވިޔަސް އަޅުގަނޑުމެން ނުދަމޭ ސުޕްރީމް ކޯޓަކަށް،" މާރިޔާ ވިދާޅުވި އެވެ.
ފުރަތަމަ ބުރުގައި ރަށަކުން ބާތިލްކަމަށް ކަނޑައަޅާފައިވާ ބައެއް ވޯޓު.
— Ahmed Mahloof (@AhmedMahloof) September 12, 2023
އަޅުގަނޑު ދެކެނީ މިއީ ހައްލެއް ބޭނުންވާ މައްސަލައެއްކަމަށް.
މިކަމުގެ ގެއްލުން 2 ކެންޑިޑޭޓުންނަށްވެސް ލިބިދާނެ. pic.twitter.com/43vKbs2kpK
ބާތިލް ވޯޓު ގިނަވުމުގެ ކަންބޮޑުވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓު ކަރުދާހުގައި އެއް ފާހަގަ އަދި ފާހަގަ މަތީ ތަކުރާރުކޮށް ނުކުރަހަން އިރުޝާދު ދީފައިވަނީ ވޯޓުގެ ސިއްރުކަން ގެއްލިދާނެތީ ކަމަށެވެ.
ހަބީބް ވިދާޅުވި ގޮތުގައި މިފަދަ ވަރަށް ގިނަ ޝަކުވާތައް އާންމުން އީސީގެ މެންބަރުންނަށް ފޮޓޯއާ އެކު ވެސް ފޮނުވާފައި އެބަހުއްޓެވެ. ނަމަވެސް އެއީ އީސީގެ މެންބަރުންނަށް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާ މެދު ގޮތް ނިންމުމުގެ ބާރު ގާނޫނީ ގޮތުން ދީފައި އޮތީ މަރުކަޒުގެ ވެރިޔާއަށް ކަމުގައި އޭނާ ވިދާޅުވި އެވެ.
ހަބީބް ވިދާޅުވީ ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލައި ވޯޓު ގުނާއިރުގައި ސިއްރުކަން ހިފަހައްޓައި އެކަން ކުރެވެން އޮތް ގޮތެއް ބަލައި އެކަން ކުރާނެ ކަމަށެވެ. ދެވަނަ ބުރުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ދިނުމުގައި ވެސް ވީހާ ވެސް އެއްގޮތް ކުރަން އިސްކަން ދޭނެ ކަމުގައި އޭނާ ވިދާޅުވި އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދަވާފައިވަނީ 100،000 އަށް ވުރެ ގިނަ ވޯޓާ އެކު އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،000 ވޯޓެވެ. އިންތިހާބު ކާމިޔާބުކުރަން ބޭނުންވާ، 50 ޕަސެންޓަށްވުރެ އިތުރުވާ މިންވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިފައި ނުވާތީ ދެ ވަނަ ބުރެއްގެ ވޯޓުލުން މި މަހު 30 ގައި ބާއްވާނެ އެވެ.
ޕާޓީތަކުން ކެމްޕެއިން ވަރުގަދަކުރަނީ
ނުފޫޒު ފޯރުވާ ކަމަށް ކިޔަނީ ބަލިވާނެތީ: އެމްޑީޕީ
އިދިކޮޅުން ޖަގަޑާ ހަދަން މަސައްކަތް ކުރާނެ: މާރިޔާ
މޮޅުވާ ކޮޅަކަށް މެންބަރުން އަބަދުވެސް ދާނެ: މާރިޔާ
މާރިޔާ ޓްރާސްޕޭރެންސީ ސިފަކުރެއްވީ ބާޒެއް ގޮތަށް
މުއިއްޒުގެ ވައުދުތަކަކީ ކުރިއަށްދާ މަޝްރޫއުތައް: މާރިޔާ
ގެއްލުން ނުދީ، ރީތި ކެމްޕޭނެއް ކުރަން ގޮވާލައްވައިފި
ވަގުތު ހަމަވި އިރު، އެންމެ ގިނަ ކެންޑިޑޭޓުން މިފަހަރު
ރައީސް ދެ ވަނަ ދައުރަކަށް ފޯމު ހުށަހަޅުއްވައިފި
ޕީޕީއެމްގެ ކެމްޕެއިނާ މެދު ހިތްހަމަޖެހޭ: ރައީސް