Roadha Mihaaru
ބޭހަށް ސަލާން ޖެހުން ހުއްޓުވަން ނާޒިމްގެ ހައްްލެއް!

އިންޝުއަރެންސް ކާޑެއް ތައާރަފުކޮށް، ބޭސްފަރުވާ އަށް ސަލާން ޖެހުން ހުއްޓުވާނަން: ނާޒިމް

16 އޯގަސްޓް 2023

އިންޝުއަރެންސް ކާޑެއް ތައާރަފުކޮށް، ބޭސް ފަރުވާ އަށް ސަލާން ޖެހުން އޭނާގެ ސަރުކާރެއްގައި ނިމުމަކަށް ގެންނާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިންޝުއަރެންސް ކާޑެއް ތައާރަފުކޮށް، ބޭސް ފަރުވާ އަށް ސަލާން ޖެހުން އޭނާގެ ސަރުކާރެއްގައި ނިމުމަކަށް ގެންނާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އޭނާ ވިދާޅުވީ، ރާއްޖޭގައި ސިއްހީ އިންޝުއަރެންސް ހިދުމަތުގައި އެއްވެސް ހަމަހަމަކަމެއް ނެތް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް ވިދާޅުވީ، އޭނާއަކީ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކަށް ވީތީ ލިބިވަޑައިގަންނަވާ ސިއްހީ ފަރުވާ، ހަމަހަމަކަމާއެކު ކޮންމެ ދިވެއްސަކަށް ވެސް ލިބެން ވާނެ ކަމަށެވެ.

"ކީއްކުރަންތޯ އަޅުގަނޑަށް ދޭންވީ؟ އަޅުގަނޑު ވެސް ވާނީ ބަލި. ލޮބުވެތި ދިވެހި ރައްޔިތުން ވެސް ވާނީ ބަލި. ހަމަހަމަކަމެއް ނެތް ގައުމެއްގައި ތިބޭފުޅުން ނިދިކުރައްވާނެ ކަމެއް ނެތް،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީއިން ވެރިކަމަށް އަންނަނީ ހަމަހަމަކަން ގާއިމް ކުރުމަށް ކަމަށާއި ތަފާތު ކުރުންތައް ނައްތާލުމަށް ރައްޔިތުން ނުކުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ވިދާޅުވީ އެ ބަދަލު ގެންނާނީ ދިވެހިން ކަމަށާއި އެކަން ބިނާ ވާނީ އަންނަ މަހުގެ 9 ގައި ބާއްވާ އިންތިހާބުގައި ޖަހާ ފާހަގައަށް ކަމަށެވެ.

މެޑިކަލް އިންޝުއަރެންސްގައި ހުރި ފަރަގުތައް ނައްތާލައި، އިންޝުއަރެންސް ކާޑެއް ތައާރަފްކުރުމަށް އެމްއެންޕީގެ މެނިފެސްޓޯގައި ވެސް ވަނީ ހިމަނައިފަ އެވެ.

ކުޑަހުވަދޫގައި ބޭއްވު ޖަލްސާގައި ނާޒިމް ވަނީ އޭނާގެ ވެރިކަމެއްގައި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޓިކެޓްގެ އަގުތައް 20 ޕަސެންޓް ހެޔޮ ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.