Roadha Mihaaru
ނަޝީދުގެ ތުހުމަތު ޔާސިރަށް: "ވިޔަފާރީގެ މުއާމަލާތެއް"

ޔާސިރު އަލުން އެމްޑީޕީއާ ގުޅުން ނަޝީދު ސިފަކުރެއްވީ "ވިޔަފާރި ޑީލެއް"ގެ ގޮތުގައި!

16 އޯގަސްޓް 2023

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ކުއްލި ގޮތަކަށް "ދަ ޑިމޮކްރެޓްސް" ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން އެއީ ވިޔަފާރީގެ މުއާމަލާތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސިފަކުރައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ކުއްލި ގޮތަކަށް "ދަ ޑިމޮކްރެޓްސް" ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން އެއީ ވިޔަފާރީގެ މުއާމަލާތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސިފަކުރައްވައިފި އެވެ.

ނަޝީދުގެ ޕާޓީއެއްގެ ގޮތުގައި "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި ޔާސިރު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ. އޭނާއާ އެކު ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި އިތުރު ހަތަރު ކައުންސިލަރަކު ވެސް ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީ އަށް އަލުން ސޮއިކުރެއްވި އެވެ.

ޔާސިރާއި އާތިފް އަދި ކުޅުދުއްފުށީ ކައުންސިލްގެ ހަތަރު މެމްބަރަކު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނިކޮށް، ނަޝީދު މިިއަދު ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ. އެ މަނިކުފާނުގެ އަރިހުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވެސް ކުޅުދުއްފުއްޓަށް ވަޑައިގަތެވެ.

ނަޝީދު ވިދާޅުވީ އެ ރަށަށް އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް، ޔާސިރު ޕާޓީ ދޫކޮށްލެއްވުމަކީ ހިތާމަކުރެއްވި ކަމެއް ކަމަށެވެ.

ކުޅުދުއްފުށީގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، ޒުވާނުން ސިޔާސީ މައިދާނަށް ނެރެ، ބާރުވެރިކުރުމުގެ ގޮތުން، މަޖިލީހުގެ ދާއިމީ ކޮމިޓީއެއްގެ މުގަރިއްރަކަށް ޔާސިރު ހަމަޖައްސައި، މަޖިލީހުގެ ތެރެއިން ހޯއްދައިދެވެން އޮތް ފުރުސަތެއް ވިއްޔާ ހޯއްދަވައި ދެއްވި ކަމަށެވެ. ނަޝީދަށް ލިބިވަޑައިގެންނެވި ހުސްވަގުތުތަކުގައި ވެސް އެ މަނިކުފާނު ޔާސިރާ އެކު ހޭދަކުރައްވައި މަޝްވަރާތައް ވަރަށް ގިނައިން ކުރެއްވި ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، ބައެއް މީހުންނަކީ ޒުވާން އުމުރުގައި ވަގުތީ ފައިދާގެ ދަޅައިގައި ޖެހޭ ބައެެއް ކަމަށް ޔާސިރަށް، ނިސްބަތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ. އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި ކުޅުދުއްފުށީ މީހުންގެ ޒަމީރު މިހާ އަވަހަށް ގުޑައިދާނެ ކަމަކަށް އެ މަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ކުޅުދުއްފުށީ އެއްވެސް ރައްޔިތެއް ނޭދޭނެ އެ މީހުން ބަޔަކަށް ދޭ ތާއިދު އެއީ ވިޔަފާރީގެ މުއާމަލާތަކަށް ހަދާކަށް. އޭގެން ތިން ހަތަރު މީހަކަށް އެތައް މިލިއަން ރުފިޔާއެއް ލިބޭނޭ ގޮތަކަށް ކަންކަން ވެގެންދާކަށް. ލިބޭ އެއްޗެއް ލިބެން މި ޖެހެނީ ހުރިހާ ރައްޔިތުންނަށް. އެއީ ތަރައްގީގެ ފުރުސަތުތައް،" ނަޝީދު ވިދާޅުވި އެވެ.

ޔާސިރު، އެމްޑީޕީއާ އަލުން ގުޅުމަށް ރޭ ބޭއްވި ހަފުލާގެ ތެރެއިން

ޔާސިރު، އެމްޑީޕީއާ އަލުން ގުޅުމަށް ރޭ ބޭއްވި ހަފުލާގެ ތެރެއިން

މިފަދަ ތުހުމަތެއް ޔާސިރުގެ މައްޗަށް ނަޝީދު ކުރެއްވިއިރު ޔާސިރުގެ ކުއްލި ބަދަލުވުމާ ގުޅިގެން އޭނާގެ ބަހެއް ހޯދުމަށް ރެއިއްސުރެ "މިހާރު" އިން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އެކަމަކު، އޭނާއާ އެކު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި މޭޔަރު އާތިފް މިއަދު ވަނީ ތުހުމަތުތަކަށް ރައްދު ދެއްވައިފަ އެވެ.

އާތިފް ވިދާޅުވީ މަދު ބައެއްގެ މަލާމާތާއި ފުރައްސާރަ އޭނާ އަށް ރައްދުވިޔަސް އަދި އަސާސެއް ނެތް ދޮގު އިލްޒާމުތައް ބޮލުގައި އެޅުވިޔަސް ކުޅުދުއްފުށީގެ މީހުންގެ އުންމީދުތައް ހާސިލް ކޮށްދިނުމަށް ނާޅާނޭ އެއްވެސް ފިޔަވަޅެއް ނޯންނާނެ ކަމަށެވެ.

އެމްޑީޕީން އިންތިހާބުވުމަށް ފަހު އެ ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސްއާ ގުޅުނު ސަބަބެއް ކަމަށް އޭރު ޔާސިރާއި އާތިފް ވެސް ވިދާޅުވެފައިވަނީ ކުޅުދުއްފުށީގެ ތަރައްގީގެ މަޝްރޫއުތަކަށް މި ސަރުކާރުން އިސްކަމެއް ނުދީ، ސްޕީޑް ލަސްވުން ކަމަށެވެ. ސަރުކާރާ ވާހަކަ ދައްކައިގެން ހައްލެއް ނުލިބުމަކީ ވެސް އެމްޑީޕީ ދޫކުރެއްވި ސަބަބެއް ކަމަށް އެ ދުވަސްވަރު ވިދާޅުވެފައި ވެ އެވެ.

ޔާސިރާއި މޭޔަރު ޕާޓީ ދޫކޮށްލުމުން ޑިމޮކްރެޓްސް އިން މިއަދު ބުނީ އެއީ އެ ޕާޓީއަށް މާބޮޑު އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށާއި ކުޅުދުއްފުށިން ޑިމޮކްރެޓްސްއާ ގުޅުނު އާންމު މެންބަރުން އަދިވެސް ތިބީ ޕާޓީގައި ކަމަށެވެ. އެއީ މަގާމަކަށް ނުވަތަ އަމިއްލަ ކުރިއެރުމަކަށް ވިސްނާނެ އާންމު މެންބަރުންތަކެއް ނޫން ކަމަށް ވެސް ޑިމޮކްރެޓްސް އިން ބުންޏެވެ.

ޔާސިރާއި އާތިފާ އެކު ޑިމޮކްރެޓްސްއާ ގުޅުނު ކައުންސިލަރުންގެ ތެރެއިން އެއް ކައުންސިލަރަކު ކަމަށްވާ މުހައްމަދު ދާއޫދު އަދިވެސް ހުންނެވީ ޑިމޮކްރެޓްސްގަ އެވެ. ނަޝީދަށް މަރުހަބާ ދެންނެވުމަށް މިއަދު އިސްކޮށް އޭނާ ހުންނެވިއިރު، ނަޝީދަށް ޔަގީންކަން ދެއްވަމުން ވިދާޅުވީ، ހުންނެވީ ޑިމޮކްރެޓްސްއާ އެކު "ގަދަކޮށް" ކަމަށެވެ.