Roadha Mihaaru
ޔާސިރާ އެކު ކުޅުދުއްފުށީގެ ބާރު އަލުން އެމްޑީޕީއަށް

ޑިމޮކްރެޓްސް ދޫކުރައްވައި ކުޅުދުއްފުށީ މެމްބަރު ޔާސިރާއި މޭޔަރު އާތިފް އެނބުރި އެމްޑީޕީއަށް

15 އޯގަސްޓް 2023

އެމްޑީޕީ ތެރޭގައި އުފެދުނު ދެބައިވުމުގައި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ޑިމޮކްރެޓްސް އުފައްދައި ހަރަކާތްތަކުގައި އުޅުއްވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.

މި ބޭފުޅުންނާ އެކު ކައުންސިލަރުންތަކެއް ވެސް އެމްޑީޕީއަށް ސޮއިކުރައްވުމުން ކައުންސިލްގެ މެޖޯރިޓީ އަނެއްކާވެސް އެ ޕާޓީއަށް ވަނީ ލިބިފަ އެވެ.

ކައުންސިލް އިންތިހާބުގައި މޭޔަރާ އެކު ހަތް މެމްބަރުން ވެސް ހޮވިވަޑައިގަތީ އެމްޑީޕީންނެވެ. ކައުންސިލްގައި އޮތް އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު ބަދަލުވީ އެންމެން އެއްފަހަރާ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމުންނެވެ.

ޔާސިރު މިރޭ ވަނީ އެމްޑީޕީއަށް އަލުން ސޮއިކުރައްވައި ފޯމު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ހަވާލުކުރައްވައިފަ އެވެ. އޭނާ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތީ ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މަސައްކަތްތަކުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅީގައި ހުންނެވުމަށް ފަހު އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް: ޑިމޮކްރެޓްސް އިން ވަކިވެވަޑައިގެން ޔާސިރު މިރޭ ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައި. -- ފޮޓޯ | މަޖިލިސް

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް: ޑިމޮކްރެޓްސް އިން ވަކިވެވަޑައިގެން ޔާސިރު މިރޭ ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައި. -- ފޮޓޯ | މަޖިލިސް

އެމްޑީޕީގެ ޕްރައިމަރީގައި ޔާސިރު ތާއީދު ކުރެއްވީ މަޖިލިސް ރައީސް ނަޝީދަށެވެ. އޭގެ ފަހުން ޕާޓީ ތެރެއިން އުފެއްދި "ފިކުރެއްގެ ދިރުން" ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކޮށް ހިންގި ހަރަކާތްތަކުގައި އުޅުއްވި އެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ޑިމޮކްރެޓްސް އިން ފެށި ހިސާބުން ބައްދަލުވުންތަކުން ޔާސިރެއް ނުފެނެ އެވެ.

ޑިމޮކްރެޓްސް ދޫކުރެއްވި ސަބަބެއް އޭނާ މިހާތަނަށް ހާމައެއް ނުކުރައްވަ އެވެ.

ޔާސިރު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެމްޑީޕީ ދޫކުރެއްވީ ކުޅުދުއްފުށީގެ މަޝްރޫއުތަކުގެ ސްޕީޑް ލަސްކަމުންނެވެ. ކުޅުދުއްފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ. އޭގެ ތެރެއިން ބައެއް މަސައްކަތްތައް ރައްޔިތުން އެދޭ ބާރު މިނުގައި ނުނިމޭތީ ޔާސިރާއި މުޅި ކައުންސިލްގެ ވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށީގެ ދެ ގޮނޑިއާ އެކު ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެ ރަށުން މެޖޯރިޓީ ދިނީ އެމްޑީޕީއަށެވެ.