Roadha Mihaaru
ކުށްތައް މަދުވީ ގުރޫޕްތަކާ ގުޅުން ނުބާވާއްތީ: ރައީސް

މިދިޔަ ފަސް އަހަރު ކުށްތައް މަދުވީ ގްރޫޕްތަކާ ގުޅުން ނުބާއްވާތީ: ރައީސް

16 އޯގަސްޓް 2023

ރާއްޖޭގައި ހިންގާ ކުށްތައް އެންމެ ބޮޑަށް މަދުވީ މިދިޔަ ފަސް އަހަރު ކަމަށާއި އުފާވެރި ރާއްޖެއެއް ބިނާ ކުރެވޭނީ އެފަދަ ހަމަޖެހުން ގެނެސްގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި ހިންގާ ކުށްތައް އެންމެ ބޮޑަށް މަދުވީ މިދިޔަ ފަސް އަހަރު ކަމަށާއި އުފާވެރި ރާއްޖެއެއް ބިނާ ކުރެވޭނީ އެފަދަ ހަމަޖެހުން ގެނެސްގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އއ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މާޅޮހުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު މާލޭގެ މަގުމަތީގައި ކޮންމެ މަހަކު ޒުވާނަކު ކަތިލައި ވަޅި ހަރައި މަރާލަމުން ދިޔަ ކަމަށެވެ.

ފުލުހުންނަށް އެކަން ކޮންޓްރޯލް ކުރަން ދަތިވެ، އެ މައްސަލަ ހައްލު ކުރަން ސިފައިން ނެރެން ޖެހުނު ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް މިހާރު ފެންނަން ހުރި ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މިދިޔަ ފަސް އަހަރު ފެނުނީ އެންމެ ކުށް މަދު ދުވަސްތައް ކަމަށެވެ.

އއ. މާޅޮހުގައި ރައީސް ވާހަކަ ދައްކަވަނީ--

އއ. މާޅޮހުގައި ރައީސް ވާހަކަ ދައްކަވަނީ--

"ފުލުހުންގެ ހިސާބުތަކުންނާއި ހޯމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ފަސް އަހަރަކީ އެންމެ ކުށް މަދު ފަސް އަހަރުގެ ގޮތުގައި ރެކޯޑު ކުރެވިފައި އެބައޮތް،" ރައީސް ވިދާޅުވި އެވެ.

ކުށްތައް ގިނަ ވަނީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކުށްކުރާ މީހުންނާއި ސިޔާސީ މީހުންނާ އޮންނަ ގުޅުމެއްގެ ސަބަބުންނެވެ.

މިދިޔަ ފަސް އަހަރަކީ އެންމެ ކުށް މަދު ފަސް އަހަރުގެ ގޮތުގައި ރެކޯޑު ކުރެވިފައި އެބައޮތް -- ރައީސް

އެފަދަ ކުށްތައް ގިނަވަމުން ދަނީ އެކަން ކުރާ މީހުންނަށް ބާރު ލިބޭ ކަންތައްތަކެއް، ވެރިކަމުގައި ތިބޭ މީހުން ކުރާތީ ކަމަށާއި އެ ނޫން ނަމަ އެކަމެއް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ސިޔާސީ ކަންކަމާ ކުރިމަތިލާ އިރު، ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނާ ވެސް ގްރޫޕްތަކުން ވާހަކަ ދައްކާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ މަނިކުފާނު ނޮވެމްބަރު 2018 ގައި ވެރިކަމަށް ވަޑައިގަތީ އެ އިން އެއްވެސް ބައެއްގެ އެހީތެރިކަމާ ނުލައި ކަމަށެވެ.

"އެހެންވެ މިދިޔަ ފަސް އަހަރު އެ ހަމަޖެހުން ރާޢްޖެ އަށް ގެނެސްދެވުނީ،" ރިޔާސީ ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ކުށްކުރާ މީހުން ބޭކާރު ބަޔަކަށް ހަދައި، މަގުމަތި ކޮށްލުމަކީ ވެސް ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެ މީހުންނަށް ގޮތްތަކެއް ހޯދައިދީ، ދިރިއުޅެން މަސައްކަތް ކުރާނެ ގޮތެއް ފަހކޮށްދޭން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އއ. މާޅޮހުގައި ރައީސް ޒުވާނުންނާއެކު

އއ. މާޅޮހުގައި ރައީސް ޒުވާނުންނާއެކު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، އާއިލާއެއްގައި ތިބޭ ބަޔަކު މަގުމައްޗަށް ވީއްލުމަކީ ކަންބޮޑުވުމެކެވެ. ކުރިއަށް އޮތް ފަސް އަހަރަށް އެކަންކަން ހައްލު ކުރާނެ ގޮތުގެ ތަފްސީލް މިރޭ އިފްތިތާހު ކުރާ އެމްޑީޕީގެ މެނިފެސްޓޯގެ "އަމާން މުޖުތަމައު" ބައި އިން ސާފުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގެ ތިން ވަނަ ބައި ލޯންޗު ކުރުން އޮންނާނީ މިރޭ އއ. އުކުޅަހުގަ އެވެ. އެކަމަށްޓަކައި އެ ރަށުގައި ބޮޑު ޖަލްސާއެއް ބާއްވަން ވަނީ ރާވައިފަ އެވެ.