Roadha Mihaaru
ރާއްޖެ އަމާންވި ވަރު ރައީސް ދެއްކެވީ ތަފާސްހިސާބުން!

ރާއްޖެ އަމާންވި ވަރު ރައީސް ދެއްކެވީ ތަފާސްހިސާބުން!

29 އޯގަސްޓް 2023

މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ކުށް މަދު ކުރެވުން ވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަފާސްހިސާބުތަކުން މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މާވަށުން މޫސާ ރަޝީދު

މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ކުށް މަދު ކުރެވުން ވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަފާސްހިސާބުތަކުން މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނަށް ލ. މާވަށަށް މިއަދު ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރަކީ ފަހުގެ ތާރީހެއްގައި އެންމެ އަމާން ހަމަޖެހޭ ފަސް އަހަރު ކަން ފުލުހުންގެ ރެކޯޑުތަކަށް ބަލާލުމުން ސާފު ވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި 2013 އިން ފެށިގެން 2018 އާ ހަމައަށް މާރަމާރީ ހިންގައިގެން 5،602 މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވެ އެވެ. އެކަމަކު، މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ އަދަދު 2،500 އަށް މަދު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އޮތް އިރު ފޭރުމުގެ 3،810 މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށާއި މިހާރު އެ އަދަދު 1،700 އަށް މަދު ކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ވައްކަމުގެ 26،176 މައްސަލައެއް 2013 އިން 2018 އަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި ނަމަވެސް މި ފަސް އަހަރުގެ ތެރޭގައި 1،800 އަށް އެ ދަށް ވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކޮންމެވެސް ކަމެއް ހަމަޖެހުމަށް ކުރެވިއްޖެ ކަން ތަފާސްހިސާބުތަކުން އެބަފެނޭ،" ނަމްބަރުތަކުގެ ތަފާތު ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެކަން ހާސިލް ކުރެވުނީ ސަރުކާރު ހިންގަން ތިބި މީހުން ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަދެ ރަށްރަށުގެ ތަރައްގީ އަށް މަސައްކަތް ކުރުމުން ކަމަށެވެ.

ރައީސް މާވަށުގައި ހިންގާނެ މަޝްރޫއުތައް

- ފުޓްސަލް ދަނޑު އެޅުން.

- ވޮލީ ކޯޓު އެޅުން.

- ރޯ ހައުސް އެޅުން.

- ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުން.

- ބިން ހިއްކުން.

- ތާރު އެޅުން.