Roadha Mihaaru
ބެޔާނަށް ބަދަލުވީ ތަށި ހޯދުމުގެ ޕްރެޝަރާ ކުރިމަތިލާން

ބެޔާނަށް ބަދަލުވީ ތަށި ހޯދުމުގެ ޕްރެޝަރާ ކުރިމަތިލާން: ކޭން

17 އޯގަސްޓް 2023

މިއުނިކް (އޮގަސްޓް 17) - އިނގިރޭސި ލީގު ދޫކޮށް ޖަރުމަންގެ ބެޔާން މިއުނިކަށް ބަދަލުވީ، ޓީމާއެކު ކޮންމެ އަހަރަކު ތަށި ހޯދުމުގެ ޕްރެޝަރާ ކުރިމަތިލާން ކަމަށް އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިއުނިކް (އޮގަސްޓް 17) - އިނގިރޭސި ލީގު ދޫކޮށް ޖަރުމަންގެ ބެޔާން މިއުނިކަށް ބަދަލުވީ، ޓީމާއެކު ކޮންމެ އަހަރަކު ތަށި ހޯދުމުގެ ޕްރެޝަރާ ކުރިމަތިލާން ކަމަށް އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ބުނެފި އެވެ.

އިނގިރޭސި ފުޓްބޯޅައިގައި ލަނޑު ޖެހުމުން ގިނަ ރެކޯޑްތަކެއް އޮންނަ ފޯވާޑް، 30، ކޭން ޓޮޓެންހަމް ހޮޓްސްޕާ ދޫކޮށް ބެޔާނަށް ބަދަލުވެފައި ވަނީ 110 މިލިއަން ޑޮލަރުގެ އަގަކަށެވެ. ކޭން ބުނި ގޮތުގައި އޭނާ ބެޔާނަށް ބަދަލުވީ އެންމެ މަތީ ފަންތީގައި އެއް ފެންވަރެއްގައި ގިނަ ދުވަހު ކުޅުމުގެ މަގުސަދުގަ އެވެ.

"ވަރަށް ގިނަ މީހުން ޓްރޮފީތަކުގެ ވާހަކަ ދައްކާ، އަދި އަހަރެން މި ކްލަބަށް އައީ ކީއްވެތޯ ސުވާލު އުފައްދާ. އަހަރެން އައީ ކުރިއެރުން ހޯދައި ކޮންމެ އަހަރަކު ތަށި ހޯދަން މަޖުބޫރު ވުމުގެ ޕްރެޝަރު އިހުސާސް ކުރަން އަދި ޗެމްޕިއަންސް ލީގުގައި ކުރިއެރުން ހޯދައި އެ ފެންވަރަށް މަސައްކަތް ކުރަން،" ކޭން ބުންޏެވެ.

ކޭން ޓޮޓެންހަމް ދޫކޮށްލީ 280 ގޯލާ އެކު، ޓީމުގެ ރެކޯޑް ގޯލްސްކޯރާގެ ގޮތުގަ އެވެ. ނަމަވެސް ކްލަބާ އެކު ތައްޓެއް ހޯދިފައެއް ނުވެ އެވެ. ކޭން އާއެކު ޓީމު ވަނީ 2019ގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ލިވަޕޫލް އަތުން ބަލިވެފަ އެވެ. މީގެ އިތުރުން ލީގް ކަޕް ފައިނަލުގައި ދެ ފަހަރު ކުޅުނެވެ.

މިދިޔަ ސީޒަންގެ މެދުތެރޭން ޓޮޓެންހަމް ދޫކޮށްލި ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ޓޮޓެންހަމްގައި ކުޅުންތެރިން ކުޅެނީ ކާމިޔާބެއް ހޯދަން ކަމަށް އޭނާ އަށް އިހުސާސް ނުކުރެވޭ ކަމަށާއި ޕްރެޝަރުގައި ކުޅެން ބޭނުންވާތަން ނުފެންނަ ކަމަށެވެ. އަދި ލީގުގައި ބާކީ 10 މެޗު އޮއްވައި ޓީމު ޗެމްޕިއަންސް ލީގު ޕޮޒިޝަނެއްގައި އޮތަސް އެ މަގާމު ދަމަހައްޓަން ޓީމުން މަސައްކަތްކުރާ ކަމުގެ އިހުސާސް ނުކުރެވޭ ކަމަށް ވެސް އޭނާ ވަނީ ޕްރެސް ކޮންފަރެންސެއްގައި ބުނެފަ އެވެ.

ކޮންޓޭ ޕްރެސްގައި ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ މަގާމުން ވަކި ވެސް ކުރި އެވެ. އޭރު ލީގު ހަތަރު ވަނައިގައި އޮތް ޓީމު ސީޒަން ނިންމާލީ އަށްވަނައިގައި، ޔޫރަޕްގެ ތިންވަނަ ފަންތީގެ ކޮންފަރެންސް ލީގުން ވެސް ފުރުސަތު ނުލިބި އެވެ.

ޖަރުމަން ސުޕަ ކަޕް މެޗުގައި ކޭން، އެއީ ބެޔާންގެ ޖޯޒީގައި އޭނާގެ ފުރަތަމަ ކުރިމަތިލުން.-- ފޮޓޯ: އޭއެފްޕީ

ޖަރުމަން ސުޕަ ކަޕް މެޗުގައި ކޭން، އެއީ ބެޔާންގެ ޖޯޒީގައި އޭނާގެ ފުރަތަމަ ކުރިމަތިލުން.-- ފޮޓޯ: އޭއެފްޕީ

ޗެމްޕިއަންސް ލީގު ހަ ފަހަރު ކާމިޔާބު ކޮށްފައިވާ ބެޔާނުން ވަނީ ފާއިތުވި 11 ސީޒަންގައި ވެސް ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި ޖަރުމަންގެ ޑޮމެސްޓިކް މުބާރާތްތަކުގައި މި ސީޒަންގައި ވެސް ގިނަ ބައެއްގެ ފޭވަރިޓަކީ ބެޔާނެވެ.

ވޯލްޑް ކަޕްގެ ރަން ބޫޓު ވެސް ހާސިލް ކުރި ކޭން ބުނެފައި ވަނީ ބެޔާނުގައި ގޯލު ޖެހުމަށް ވުރެ އޭނާ އިސްކަން ދޭނީ ޓީމު ހޯދާ ކާމިޔާބީތަކަށް ކަމަށެވެ.

"މެޗުތަކުން މޮޅުވެގެން ތަށި ހޯދައި، ޗެމްޕިއަންސް ލީގު ވެސް [ބެޔާން] ކާމިޔާބު ކުރާނަމަ އަހަރެންގެ ގިނަ ގޯލުތަކެއް ވެސް ފެންނާނެ ކަމަށް ދެކެން، އޭގެ މާނައަކީ ޓީމަށް ކާމިޔާބު ލިބޭނަމަ އަހަރެންނަށް އިންޑިވިޖުއަލް އެވޯޑްތައް ލިބުމުގެ ފުރުސަތު އޮންނާނެއޭ،" ކޭން ބެޔާނުގައި ކުރާ އުންމީދުތަކާ ގުޅޭގޮތުން ބުންޏެވެ.

"ބެޔާން މިއުނިކް ކަހަލަ ކްލަބެއްގައި މޮޅުވުން މަޖުބޫރުވޭ. ރަނގަޅަށް ނުކުޅެވިގެން ނަތީޖާ ނުނެރެވޭނަމަ ސުވާލު އުފެދޭނެ."

ހޮނިހިރު ދުވަހު ބެޔާނަށް ބަދަލުވެ، އޭނާ ވަނީ އެރޭ އެޓީމުން ސީޒަން ހުޅުވަން ކުޅުނު ޖަރުމަން ސުޕަ ކަޕްގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ތައްޓެއް ހޯދެއް އޮތް ނަމަވެސް އާރުބީ ލައިޕްޒިގް އަތުން ބަލިވީ 3-0 އިންނެވެ.

ޖަރުމަން ލީގުގެ ފުރަތަމަ މެޗުގައި މާދަމާ ރޭ ބެޔާނުން ވާޑާ ބްރޭމަންއާ ދެކޮޅަށް ނުކުންނާނެ އެވެ.